ތިމާގެ ބައިވެރިޔާއާ މީހަކު ބެހޭނަމަ އިންތިހާއަށް ރުޅިގަދަވާއިރު ތިމާ އެހެން މީހުންގެ ބައިވެރިންނާ ބެހެން ޖެހިލުން ނުވަނީ ކީއްވެ؟

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 6ސ
ތިމާގެ ބައިވެރިޔާއާ މީހަކު ބެހޭނަމަ އިންތިހާއަށް ރުޅިގަދަވާއިރު ތިމާ އެހެން މީހުންގެ ބައިވެރިންނާ ބެހެން ޖެހިލުން ނުވަނީ ކީއްވެ؟

މުޖުތަމަޢުގައި މިއަދު އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ތިމާ ކަމެއް ކުރަން ބޭނުންވެއްޖެނަމަ އެކަމެއް ކުރެއެވެ. އެކަންކުރުމުން އަނެކާއަށް ލިބިދާނެ ދެރައަކަށް ނުވަތަ ހިތްދަތިކަމަކަށް ބަލައެއް ނުލައެވެ. ޙަރާމް ޙަލާލަށްވެސް ބަލައެއް ނުލައެވެ. އެކަމަކު އެހެން މީހަކު ތިމާއަށް ދެރައެއް ދީފިނަމަ ނުވަތަ ތިމާގެ ހިތުގައި ޖެހޭނެ ފަދަ ކަމެއް ކޮށްފިނަމަ އެކަން ވަނީ މިދުނިޔެއަށްވުރެވެސް ބޮޑު ކަމަކަށެވެ.  

މިކަމުގައި ފިރިހެނުން ނުވަތަ އަންހެނުންގެ ވާހަކަ ދައްކާކަށް ނެތީމެވެ. އަންހެނުންގެވެސް އަދި ފިރިހެނުންގެވެސް އެމައްސަލަ އެބައޮތެވެ. ވީމާ ވަކި ޖިންސެއް ކުށްވެރިކުރެވޭކަށް ނެތެވެ.

ފިރިހެނުންނަށް ބަލާއިރު މީހުންގެ އަނބިންނާ ގުޅުންހިންގާކަށް ޖެހިލުމެއް ނުވެއެވެ. އަންހެނުންނަށް ބަލާއިރު މީހުންގެ ފިރިންނާ ގުޅުންހިންގާކަށް ޖެހިލުމެއް ނުވެއެވެ. އަދި ތިމާމެން ދެމަފަރިންގެ ދެމެދަށް އެހެން އަންހެނަކު ވަންނާކަށް ނުރުހެއެވެ. އެކަމަކު ތިމާ އެހެން ދެމަފިރިންގެ ދެމެދަށް ވަނުމަކީ މައްސަލައަކަށް ނުވެއެވެ.  

ބުނެލަން ބޭނުންވަނީ އުފާވެރި ދިރިއުޅުމެއް ބޭނުންނަމަ އެހެން މީހެއްގެ ހިތުގައި ޖެހޭނެ ކަމެއް ނުކުރާށެވެ! ތިމާގެ ހިތުގައި ޖެހޭނެ ކަންކަން އެހެން މީހުން ކުރީމާ ތިމާއަށް ކުރެވޭ އިޙްޞާޞް އެހެން މީހުންގެ ހިތުގައި ޖެހޭނެ ކަންކަން ތިމާކުރީމާ އެހެން މީހުންގެވެސް ހިތުގައިޖެހޭނެކަން ޤަބޫލުކޮށްގެން އުޅޭށެވެ. ބައިވެރިޔާއަށް ވަފާތެރިވެ ވީހައި ލޯބިން އެކުގައި އުޅެން މަސައްކަތްކުރާށެވެ.  

މިޙާދިށާއިން ޢިބްރަތް ޙާޞިލުކުރާށެވެ!  

ތަނަވަސް ދެމަފިރިންނެވެ. ފިރިމީހާއަކީ އަމިއްލަ ވިޔަފާރި ކުންފުންޏެއް ހިންގާ މީހެކެވެ.  

އެއްދުވަހެއްގެ ހެނދުނު މީހަކު ދޮރުގައި ޓަކިޖެހުމުން އަނބިމީހާ ގޮސް ދޮރުހުޅުވުން ދޮރުމަތީގައި ހުރި މީހާ ކުރީ ސުވާލެކެވެ. "އަންހެނާއެވެ! އަންހެނެއްގެ ގައިގައި ހުންނަން ޖެހޭ ގުނަވަންތައް ތިބާގެ ގައިގާ ހަމައަށް އެބަހުރިހެއްޔެވެ؟" އަންހެންމީހާ ރުޅިއައިސްގެން ދޮރުލެއްޕީއެވެ.  

ދެވަނަ ދުވަހުވެސް ކަންތައްވީ ހަމަ ކުރީދުވަހުވެސް ކަންތައްވީ ގޮތަށެވެ. ޓަކިޖެހުމުން ހުޅުވިއިރު ހަމައެމީހާއެވެ. ކުރީ އެ ސުވާލެވެ. އަންހެންމީހާ ޖަވާބުނުދީ ދޮރުލެއްޕީއެވެ.  

އެދުވަހު ފިރިމީހާ ގެއަށް އައުމުން އަނބިމީހާ އެމީހާގެ ވާހަކަ ކިޔައިދިނުމުން ފިރިމީހާ ވަރަށް ރުޅިގަދަވިއެވެ. ބުންޏެވެ. "މާދަމާ ގޭގައި ހުންނާނަމެވެ. އެމީހާ އައިސް އެސުވާލުކޮށްފިއްޔާ ބުނާށެވެ! "އާނއެކެވެ! ހަމައަށް އެބަހުއްޓެވެ! ބަރާބަރަށް މަސައްކަތްވެސް ކުރެއެވެ."  

3 ވަނަ ދުވަހުވެސް އެމީހާ ގޮސް ޓަކި ޖެހިއެވެ. ފިރިމީހާ ހުރީ ގޭތެރޭގައި ފިލައެވެ. އަނބިމީހާ ދޮރުހުޅުވުމުން ކުރީ ހަމަ އެސުވާލެވެ. ދެމަފިރިން ރާވާފައި އޮތް ގޮތަށް އަނބިމީހާ ޖަވާބުދިނެވެ. ""އާނއެކެވެ! ހަމައަށް އެބަހުއްޓެވެ! ބަރާބަރަށް މަސައްކަތްވެސް ކުރެއެވެ."  

ޖަވާބު ދިނުމުން އޭނާ ބުންޏެވެ! "ތިއަވަރުގެ ކުޑަކުޑަ ކަމެކެވެ. ޖަވާބުލިބުނީތާއެވެ! ފިރިމީހާގެ ގާތުގައި ބުނާށެވެ! އަހަރެންގެ އަނބިމީހާ އޮފީހަށް ފޮނުވަނީ އޮފީހުގެ މަސައްކަތްކުރާށެވެ! އެހެންވީމާ އަހަރެންގެ އަނބިމީހާގެ ގުނަވަންތަކާއި ނުބެހި ތިބާގެ ގުނަވަންތަކާއިބެހޭށެވެ!" 

ކޮނމެއަކަސް އެހެންބުނެފައި އޭނާ ދިއައީއެވެ.  

ފިރިމީހާ ފިލައިހުރީ އަނބިމީހާ އެޖަވާބުދިނުމުން އޭނާ އަނބިމީހާ ބެހެން އުޅެފިނަމަ މޮޅު ގޮތަކަށް އޭނާގެ ކަންތައް ނިންމާލަންވެގެންނެވެ. އަޅެ އެފިރިމީހާ މީހެއްގެ އަންތބަކާއި ބެހެމުންދާއިރު އެކަން އެނގިއްޖެނަމަ ހަމައެރުޅި އޭނާގެ ފިރިމީހާވެސް އަންނާނެކަން ކުރިން ވިސްނުނުނަމައެވެ.  

މިއީ އަހުރެންބެލި ފިލްމެއްގައި ކަންތައްވީގޮތެވެ! އެކަމަކު މިއީ ކުޅެފައި އޮތް ޚިޔާލީ މަންޒަރުތަކެއް ކަމަށް ޤަބޫލުކުރާކަށް ނެތީމެވެ. މިއީ މުޖުތަމައުތަކުގައި މިއަދު މިކަންކަން ހިނގަމުންދާ ގޮތެވެ.  

އިޞްލާޙްކުރުން އޮތީ އަހަރެމެންގެ އަތްމަތީގައެވެ. އަނބިން ފިރިން ކުށްވެރިކުރުމަކުން، ފިރިން އަނބިން ކުށްވެރިކުރުމަކުން ނިމޭކަށް ނެތެވެ. ގިނަފަހަރތު ދެމީހުންވެސް ކުރަނީ ހަމަ އެއްކަމެކެވެ. އުޅެނީ އެއް ގޮތަކަށެވެ. އެގޮތަށް ކަންކަން ކުރެވޭނަމަ ދެމީހުންވެސް ބަލަންވީ އިޞްލާޙްވުމަށެވެ. ޙައްލުކުރެވޭނީ ދެމީހުންވެސް އިޞްލާޙްވެގެންނެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން