އަޅުގަނޑުގެ ދަރިފުޅަކީ ވަރަށް މަޑުމައިތިރިކުއްޖެކެވެ. ކުއްލިއަކަށް ރުޅިގަދަވާންފެށީއެވެ. ކުރިން ގެންގުޅޭ އެއްޗެތިވެސް ގެންގުޅޭނީ ވަރަށް ބަލައިގެންނެވެ. ތަރުތީބުން ބަހައްޓައިގެންނެވެ. އެކަމަކު އެކަންކަންވެސް ބަދަލުވުމުގެ އިތުރުން އެއްޗެތި ހަލާކުކުރަންފެށީއެވެ.
ކުއްލިއަކަށް އައި ބަދަލާއި ގުޅިގެން ސަބަބު ހޯދަން ކުރި މަސައްކަތުން އެނގުނީ މައްސަލައިގެ އަޞްލަކީ ކުޅޭ ގޭމެއް ކަމެވެ. އެގޭމުގައި ޖެހެނީ ޖިންނިއަކާއި ވާދަކޮށް ބަލިކުރާށެވެ. ރަނގަޅު ކުރެވުނީ އެކުވެރިއެއްގެ ލަފާގެމަތިން ރުޤްޔާކޮށް ފެންބޯންދީ ގައަށް ފެންއެޅުންފަދަ އެތައް ކަމެއް ކޮށްގެންނެވެ.
މިފަދަ ކަންކަން ބެލެނިވެރިން އަންނަނީ ފާހަގަކުރަމުންނެވެ. ދަރިން ކުޅޭ ގޭމްތަކަށް ބެލެނިވެރިން ސަމާލުކަންދޭން އެބަޖެހެއެވެ. އޮންލައިންކޮށް ވަދެގެން ކުޅޭއިރު ފޯނަށް ސޭވްކޮށްފައި ނުހުރެދާނެއެވެ. ވީމާ ކުޅެން އިންނަ ވަޤުތު ސްކްރީނަށް ބަލައި ކުޅެނީ ކޮން ބާވަތެއްގެ ގޭމެއްކަން ޔަޤީންކުރަން އެބަޖެހެއެވެ. ނޫނީ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ.
ދާދިފަހުން ނިޔާވި ޢުމުރުން 13 އަހަރުގެ ކުއްޖެކެވެ. ނިޔާވީ ހަމަ ކުއްލި ގޮތަކަށެވެ. މެންދުރު ކައިގެން ގޮސް އާދައިގެމަތިން ގޭމްކުޅެން އިންދައި ކަމަށެވެ. އޭނާގެ މައިންބަފައިން ބުނަނީ އެއީ ބަސްއަހާ ކުއްޖެއްކަމަށެވެ. ނަމަވެސް ފަހަކަށް އައިސް އެކަނިހުރުން ގިނަވެފައިވާ ކަމަށެވެ. "އެކަމަކު މަރުވި ވަގުތު ކުޑަ ކަމެއް ފާހަގަކުރެވުނު. އެއީ ގައަށް ބާރެއް އެރި! ތުރުތުރުއެޅި! ދެދަތްޕިލަ ޖެހި އަޑުކިޔާވަރަށް ކޭއްތުނު! އެކަމަކު އެއީ ވަރަށް ކުޑަކުޑަ ވަޤުތުކޮޅަކަށް ހިނގިކަމެއް!"
މިއީ ކުރިންސުރެ މިއަދުނޫހުން ފާހަގަކުރަމުން އަންނަ ކަމެކެވެ. އިސްވެ ދިއަ މައުލޫމާތު ލިބުމުން ބެލެނިވެރިންނާއި ކުދިންގެ ސަމާލުކަމަށްޓަކައި ބުނަމެވެ. މިފަދަ ކަންމުގައި ޢިބްރަތެއްވާނެއެވެ. ދަސްކުރަންޖެހޭ ފިލާވަޅުތަކެއްވެސް ވާނެއެވެ.
ނިޔާވި ކުއްޖާ ނިޔާވީއެވެ. ސަބަބު ދެނެވޮޑިގެންވާނީ ހަމައެކަނި މާތް ﷲ އެވެ. ސަބަބު ވަކީލުކޮށްލުމަށްފަހު އޮތީ ކަންކަމަށް ވިސްނައި ހޭލުންތެރިވުމެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
މީސްތަކުންގެ ސަމާލުކަން ހޯދަން ގޭމްތައް އުފައްދަމުން ގޮސް ޖިންނިންނާއި ނުވަތަ ރޫޙާނީ ބާރުތަކާއި ކުރިމަތިލައި ތަޅާފޮޅާ ގޭމްތައްވެސް ވަނީ އުފައްދައިފައެވެ. އެކަމުން ކުރިމަތިވެދާނެ ބިރުހުރި ކަންކަމަށް ވިސްނައިލުމެއް ނެތި މިފަދަ ގޭމްތައް އެބަކުޅެއެވެ.
މިއީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. އަހަރެމެންކުރާ ކަންކަން ދެކެން އަހަރެމެންނާއިއެކު ތިބުމުގެ ބާރާއި އަހަރެމެންނަށް ގޯނާކުރުމުގެ ބާރުވެސް ﷲ ތަޢާލާ ވަނީ ޖިންނިންނަށް ދެއްވަވައިފައެވެ. ޖިންނިންވާކަމާއި ޖިންނިންނަށް ބާރުތަކެއް ދެއްވަވާފައިވާކަން ޤުރްއާނުން އެނގެން އެބައޮތެވެ. ވީމާ ޖިންނިންނަކީ ވުޖޫދުގައިވާ ބައެއް ނޫންކަމަށް ޤަބޫލުކުރުމުގެ އެއްވެސް ޙައްޤެއް އަހަރެމެން އެކަކަށްވެސް ﷲ ތަޢާލާ ދެއްވަވާފައެއް ނުވެއެވެ. ވީމާ އެގޮތަށް ޤަބޫލުކުރުމަކީ ކުރެވޭ މޮޔަކަމެކެވެ.
ކުރިން މިބަޔާންކުރި ފަދަ ގޭމްތައް ކުޅެ، އެތަކެއްޗަށް ޙަމަލާދީ ބަލިކުރާތަން ފެނުމަކީ އެއްޗެތީގެ ރުޅިގަދަވާކަމެކެވެ. އެކަންކުރާ މީހުންގެ ގައަށް އަރައިގަންނަން ޝައުޤުވެރިވާ ކަމެކެވެ. ވީމާ ކިތަންމެ ކުޑަ ފުރުޞަތެއް ލިބުނުނަމަވެސް އެފަދަ މީހުންގެ ގައަށް އެބައަރައިގަނެއެވެ. ޙަމަލާދެއެވެ. ގެއްލުންދެއެވެ.
އެހިސާބުން ދެން ޖެހެނީ ރުޤްޔާކުރާ މީހުންގެ އެހީތެރިކަން ހޯދާށެވެ! އެއިރު މީހާއަށް އޮންނަނީ ބޮޑެތި ގެއްލުންތައް ދީފައެވެ. Ouija boards ފަދަ ޕޯޓަލްތައް ބޭނުންނުކުރާށެވެ! އެއީ ކުޅިވަރެއް ކަމަށް ނުދެކޭށެވެ! އެހުންނަނީ މާނުރައްކައުތެރި ކަންކަމެވެ.
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން