ފިރިހެނުންގެ ސަމާލުކަން ކުޑަކުރެވޭތޯ އެކިކަހަލަ ހެދުންލަމުން ގޮސް ދެން ލާންވީ ކޮންކަހަލަ ހެދުމެއްކަން ނުއެނގޭ ވަރަށް ހެދުން ބަދަލުކޮށްފީމެވެ. މޫނުވެސް ނިވާކޮށްފީމެވެ. އެކަމަކުވެސް އެބަލާ މީހުން ކަޅިޖަހާނުލައި ބަލައެވެ.
އެހެންވީމާ އަޅުގަނޑުގެ ސުވާލަކީ ފިރިހެނުންގެ ބެލުންތަކުން ސަލާމަތްވެވޭނީ ކޮންކަހަލަ ހެދުމެއް ލުމުންތޯއެވެ؟ އެމީހުން ބަލާތީ އަޅުގަނޑު ފާފަވެރިވާނެތޯއެވެ؟
ފުރަތަމަ ފަހު ސުވާލަށް ޖަވާބުދޭނަމެވެ. ތިބާ ފޭރާންލައިގެން ހުރީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަމުގައި ވަނީނަމަ ތިބާއަށް މީހަކު ބެލުމަކުން ތިބާ ފާފަވެރިއެއް ނުވާނެއެވެ.
ފޭރާން ލައި އުޅުމުގައި ހަށިގަނޑުގެ ވަނާތައް އެނގޭގޮތަށް ގައަށް ބާރުކޮށް ހެދުން ނުލާށެވެ! ތަފާތު ރޭނދާތަކުން ޖަރީކޮށް ދުރަށް ވިދުވަރު ފެންނަގޮތަށްވެސް ހެދުން ނުލާށެވެ. ކޮންމެހެން ކަޅުކުލަ ނޫން ނަމަވެސް އަނދިރި އަދި ގަދަ ކުލަތަކުގެ ހެދުން ލުމަކީވެސް ފިރިހެނުން އަޅައިގަތުން ކުޑަވާނެ ކަމެކެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން