ސުވަރުގެއިން ލިބޭނެ ކޮފީ މާމީރުވާނެކަން އެނގޭއިރުވެސް ދުނިޔޭގަ ކޮފީބޯން ތިއުޅެވޭ ގޮތުން ސުވަރުގެ ނުވަދެވިއްޖެނަމަ ނަރަކައިގަ އޮވެ ބޯންޖެހޭނީ ކުނި ނަޖިސް ފާދިޔައާ ދޮސް ނޫންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ސުވަރުގެއިން ލިބޭނެ ކޮފީ މާމީރުވާނެކަން އެނގޭއިރުވެސް ދުނިޔޭގަ ކޮފީބޯން ތިއުޅެވޭ ގޮތުން ސުވަރުގެ ނުވަދެވިއްޖެނަމަ ނަރަކައިގަ އޮވެ ބޯންޖެހޭނީ ކުނި ނަޖިސް ފާދިޔައާ ދޮސް ނޫންތަ؟

ކޮފީ ބޯން ބޭނުންވާ އެއްވެސް މީހެއްގެ ގާތުގައި ކޮފީ ނުބޯކަށް ނުބުނާނަމެވެ. ހަމަ ބޯންވީއެވެ. އެކަމަކު އެންމެ މުހިންމީ އެންމެ މީރުކޮފީ ބޯންލިބޭނެ ގޮތަށް ޢަމަލުކުރުން ނޫންހެއްޔެވެ؟ 

ނަމާދުކުރާ ބައެއް މީހުންނަށް ޖަމާއަތަށް ނަމާދަށް ނުދެވޭ ސަބަބަކަށް ކޮފީ އެބަވެއެވެ. ރޭގަނޑު ހޭލާ ތިބެގެން ކޮފީ ބުއިމަކީ ފަތިސްނަމާދަށް ނުހޭލެވުމުގެ ބޮޑުފާފައިގެ އިތުރުން ޢާއިލާ ރޫޅެން މެދުވެރިވާ ސަބަބަކަށް އެބަވެއެވެ. 

ފަތިސްނަމާދަށް ނުހޭލެވުން ފާފައަކަށް ނުވާނީ ހޭލަންކުރަންޖެހޭ ކަންކަން ކޮށްގެން ނިދުމުންވެސް ނުހޭލެވިއްޖެނަމައެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތާއި ޚިލާފަށް ކަންކަން ކުރުމުގެ ސަބަބުން ނުހޭލެވިއްޖެނަމަ އެކަން ވާނީ އޭނާކުރި ފާފައަކަށެވެ. މިހިސާބުން އުފެދޭ ސުވާލަކީ ކޮފީ ބޯން ހޭލާތިބުމަކީ ފާށފައަކަށްވުމުގެ ފުރުޞަތު އޮތް އިރުވެސް އެކަން އެގޮތަށް ކުރަންވެދާނެހެއްޔެވެ؟ 

މިހާރުގެ ގިނައިން ކޮފީބޯ ޒުވާނުންނަށް ޚާއްޞަ ބަހެއްވެސް ބުނެލާނަމެވެ. ކޮފީއަކީ ޙަލާލް އެއްޗެކެވެ. ވީމާ ސުވަރުގޭގައި ތިބާވާއިރު ތިބާ ބޭނުންނަމަ މާމީރު ކޮފީ ލިބޭނެއެވެ! އިން ޝާ ﷲ 

އެހެންވީމާ ސުވަރުގެއިން ލިބޭނެ މާމީރު ކޮފީ ބުއިމަށް އެދޭމީހާ ނަމާދުވަގުތު ޖެހުމުން ނަމާދުނުކޮށް ކޮފީބޯން ނުތިބޭށެވެ! އަދި ރޭގަނޑުގެ ވަގުތައްވެސް ކޮފީބޯން ހޭދަނުކޮށް އަވަހަށް ނިދައި ފަތިސް ނަމާދަށް ހޭލާށެވެ! ކޮފީ ބޯން ރޭގަނޑުގެ ވަގުތުތައް ހޭދަކުރާ މީހުންނަށް ފަތިސް ނަމާދަށް އޮންނަނީ ނުހޭލެވިފައެވެ. 

ކޮފީބޯހިތްވާ ޒުވާނުން ކޮފީބޯށެވެ! ނަމަވެސް ދީނުގެ ކަންކަމަށް ފުރިހަމައަށް ރައްކައުތެރިވާށެވެ! ވަގުތުގެ އަގުވަޒަންކުރާށެވެ! ވަގުތަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެކެވެ. އެ ނިޢްމަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފާށެވެ! ވަގުތުތައް އިސްރާފްކުރުމަކީ ފާފައެކެވެ. ފާފަކުރުމުން ސަލާމަތްވާށެވެ! 

މިގޮތަށްވެސް ވިސްނައިލާށެވެ! ސުވަރުގެ ވަދެވޭނެ ގޮތަށް ނުއުޅެވިއްޖަނަމަ ޖެހޭނީ ނަރަކައަށް ވަންނާށެވެ! އެތަނުގައި ބުއިމަކަށް ލިބޭނީ ކނިފާދިޔަ އާއި ދޮސް ނޫން ހެއްޔެވެ؟ އެވެސް ލިބޭނީ މޫނާއި ކައިރިކޮށްލިޔަސް މޫނުގެ މަސްތައް ވިރިގެން ފައިބާވަރުގެ ގަދަ ހޫނުކަމުގައި ނޫން ހެއްޔެވެ؟ ވީމާ ފުރަތަމަކަމަކަށްވެސް ސުވަރުގެ ވައްދަވާނެ އަޅަކު ކަމުގައި ވެވޭތޯ ބަލަމާ ހިނގާށެވެ! ބޭނުންވެގެން ތިއައުޅޭ މީރު ކޮފީ ލިބޭނީ އެއިރުން ނޫންހެއްޔެވެ؟

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން