ދުނިޔެއަށް ފޮނުއްވެވިއިރު ހުރި އެއްވެސް އުނިސިފައަކީ މައްސަލައެއް ނޫން! މައްސަލައަކަށްވާނީ ޤިޔާމަތް ދުވަހު އެމީހަކަށް ހުންނަންޖެހޭނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 52ސ
ދުނިޔެއަށް ފޮނުއްވެވިއިރު ހުރި އެއްވެސް އުނިސިފައަކީ މައްސަލައެއް ނޫން! މައްސަލައަކަށްވާނީ ޤިޔާމަތް ދުވަހު އެމީހަކަށް ހުންނަންޖެހޭނެ ގޮތް!

ދުނިޔޭގައި ގިނައީ ގުނަވަންތަކާއި ބުއްދި ފުރިހަމަ މީހުން ކަމަށްވީނަމަވެސް އުނިކަންތައްތަކަކާއިއެކު ދުނިޔެއަށް ފޮނުއްވަވާ ބައަކުވެސް އުޅެއެވެ. އެފަދަ މީހުންނަށް މަލާމާތާއި ފުރައްވާރައިގެ ބަސްތައްވެސް ބުނެއުޅެއެވެ. ނަމަވެސް ޙަޤީޤަތަށް ބަލައިފިނަމަ އެމީހުންނަކީ ފުރައްސާރަ ޙައްޤު ބައެއް ނޫނެވެ. ފުރައްސާރަ ޙައްޤުވާ މީހުން އެނގިގެންދާނީ މަޙްޝަރު ދުވަހުއެވެ. 

އިސްކޮޅުން އާދައާއި ޚިލާފަށް ކުރުވެފައި ހަށިގަނޑު ކުޑަކަމުން މީސްތަކުން އެބޭކަލަކަށް މަލާމާތްކޮށް އުޅުނު ޞަޙާބީ ބޭކަލަކަށް ޤިޔާމަތް ދުވަހު ދެއްވަވާނެ ފުރިހަމަ ސިފަފުޅު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަ ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

ވީމާ އުފަންވާއިރުގައި ހުންނަ އުނިކަމެއްގެ ސަބަބުން ނުވަތަ ދުނިޔޭގައި އުޅެމުން ދަނިކޮށް ލިބޭ އުނިކަމަކީ ޤިޔާމަތް ދުވަހު އެމީހަކާއިއެކުގައިވާނެ ކަންކަމެއް ނޫނެވެ. ވީމާ އެކަންކަމަކީ މީހާ އެކަންކަމަށް ވިސްނައި ހިތާމަކުރަންޖެހެންވީ ކަންކަމެއް ނޫނެވެ. މަސައްކަތްކުރަންވީ ޤިޔާމަތް ދުވަހު ތިމާއަކީ އެންމެ ފުރިހަމަ މީހަކަށް ވުމަށެވެ. 

އެއްވެސް މުޞީބާތަކީ ދުނިޔޭގައި ތާއަބަދަށް ދެމިގެންދާނެ މުޞީބާތެއް ނޫނެވެ. އަދި މުސީބާތަކީ އެންމެންނާއިވެސް ކުރިމަތިވާނެ ކަމެއްކަން އެންމެންވެސް ޤަބޫލުކުރެއެވެ. ނަމަވެސް މުޞީބާތުގެ ވަގުތުގައި އެކަން ޤަބޫލުކުރެވެނީ މަދު މީހަކަށެވެ. އެހެނީ ތިމާއަށް ވެސް މުޞީބާތްތައް ކުރމަތިވާނެކަމާއި ކެތްތެރިވާންޖެހޭނެކަން ޤަބޫލުކުރެވެނީ ވަރަށް މަދުމީހަކަށެވެ. 

މުޞީބާތެއް ނުވަތަ މުޞީބާތްތަކެއް ކުރިމަތި ނުވާ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ތަފާތަކީ މުޞީބާތާއި އެމީހަކު ކުރިމަތިލާ ގޮތެވެ. 

ވީއިރު ނިކަންބުނެބަލާށެވެ! މުޞީބާތެއް ކުރިމަތިވުމުން ކަންބޮޑުވެގެން ދެކޮޅަށް ދުވާއިރު މާބޮޑެތި މުޞީބާތްތައް ކުރިމަތިވުމުން ވެސް އުފަލުގައި ހެވިފައި ތިބޭ މީހުން ފެނުމުން ލަދެއް ނުގަނޭހެއްޔެވެ؟ ކޮންމެ މުޞީބާތެއްވެސް ކުރިމަތިވަނީ ﷲ ތަޢާލާގެ ހަޟްރަތުންކަމާއި އެއްވެސް މުޞީބާތަކީ ދާއިމަށް ދެމިގެންދާނެ ކަމެއް ނޫންކަން އެނގޭއިރުވެސް މެއެވެ. 

ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދިދާނެއެވެ. މިސާލަކަށް ގުނަވަނެއް ކަނޑާލަން ޖެހުން ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އެކަން ވާނީ ދާއިމީ ކަމަކަށް ކަމަށް ވިސްނައިގެންނެވެ. ބުނެލަން ޖެހެނީ އެއީވެސް ދާއިމީ މުޞީބާތެއް ނޫން ކަމަށެވެ. ސަބަބަކީ މަރުވުމުން އެކަން ނިމިގެނަދާނެ ކަމެވެ. ޤިޔާމަތްދުވަހު ތަފާތު މުޞީބާތްތަކުގައި ތިބެންޖެހޭނީ ބައްޔެއްގެ ސަބަބުން އެމީހާގެ އަތް ނުވަތަ ފައި ފަދަ ތަނެއް ދުނިޔޭގައި ބުރިކޮށްލަން ޖެހުނު މީހުންނެއް ނޫނެވެ! ދުނިޔޭގައި އޭނާ ކުރި ނުބައި އަމަލުތަކުގެ ސަބަބުން ކޯފާލެއްވެވި މީހުންނެވެ. 

ދާއިމީ މުޞީބާތަކަށްވާނީ އެމީހަކު ކުރާ ފާފައިގެ ސަބަބުން އާޚިރަތް ދުވަހު ގިލަންވެރިކަމެއް ކޮނޑުއަޅައިގެން އުޅެން ޖެހިއްޖެ މީހަކަށް މަޙްޝަރު ދުވަހު ކުރިމަތިވާ މުޞީބާތެވެ! ވީމާ ބިރުގަނެ ޖެހިލުންވާންޖެހޭނީ ތިމާއަކީ އެފަދަ މީހަކަށްވެދާނެ ކަމާއިމެދުގައެވެ. 

ދުނިޔޭގައި ލޯ އަލި ބައަކު ޤިޔާމަތް ދުވަހުގައި ލޯކަނު މީހުންގެ ގޮތުގައި މަޙްޝަރު ކުރައްވަވާނެކަމަށް އޮތް ވަޙީބަސްފުޅުން މިކަމުގެ ދަލީލު ލިބިގެންދާނެއެވެ. 

ހަމައެކަނި ޠާހާ ސޫރަތުގެ މި އާޔަތްތަކަށް ބަލައިލިނަމަވެސް މިބުނާ ބަހުގެ ހެކި ފެންނާނެއެވެ. 

"އަދި ތިމަންރަސްކަލާނގެ (ބާއްވަވައިލެއްވެވި) ޤްރައާނަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން، އެމީހަކަށް އޮތީ ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނު މީހެއްގެ ގޮތުގައި މަހްޝަރަށް ފޮނުއްވަވާ ހުށީމެވެ. (124) އެމީހާ ދަންނަވާނެތެވެ. އަޅުގެވެރި ރަސްކަލާކޮ! ކަނު މީހެއްގެ ގޮތުގައި މިއަޅާ މަޙްޝަރަށް ފޮނުއްވެވީ ކީއްވެގެންތޯއެވެ؟ ހަމަކަށަވަރުން ލޮލަށް ފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާ ވީމެވެ. (125) އެކަލާނގެ ވަޙީ ކުރައްވަވާނެތެވެ. ހަމައެފަދައިން ތިމަން ރަސްކަލާނގެ އާޔަތްތައް ކަލެއާއި ހަމައަށް އައެވެ. ފަހެ، އެ އާޔަތްތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމައެފަދައިން، މިއަދު ކަލޭގެމަތިން ހަނދާންނައްތައިލެވޭނެތެވެ. (އެބަހީ ﷲ ގެ ރަޙްމަތްފުޅުން މަޙްރޫމް ކޮށްލެވޭނެތެވެ!) (126) 

ބިރުވެތިވާންވީ ޖެހިގެން އޮތް ޢާޔަތަށެވެ. ﷲ ތަޢާލާގެ އިންޒާރުގެ ބަސްފުޅަށެވެ. "އަދި (އުރެދުމުގައި) ހައްދުފަހަނައަޅައި ގޮސް، އަދި އޭނާގެ ވެރި ރަސްކަލާނގެ އާޔަތްތަކަށް އީމާން ނުވި މީހާއަށް، ތިމަން ރސްކަލާނގެ ޖަޒާ ދެއްވަވަނީ އެފަދައިންނެވެ. އަދި ހަމަކަށަވަރުން، އާޚިރަތުގެ ޢަޛާބު މާގަދައެވެ. ދެމިހުރުން މާބޮޑުމެއެވެ." (127) 

ކީރިތި ޤްރްއާނަށް އަމަލު ނުކުރުމުގެ ޙުކުމް މިހައި ސާފުކޮށް ކީރިތި ޤްރްއާނުން އެނގެން އޮތްއިރު ވެސް އަހަރެމެންގެ ތެރެއިން ބައަކު މިކުރާ ކަމަކީ ކީރިތި ޤްރްއާނަށް އީމާނަވާކަމަށްބުނެ އެމީހަކު އަމަލުކުރަން ބޭނުންވާ ބައިތަށް ނަގައިގެން ޢަމަލުކުރުމެވެ. ބޭނުން ނުވާ ބައިތަކަށް އަމަލު ނުކުރަނީއެވެ. ތަފާތު ބަހަނާތައް ދައްކަނީއެވެ. ﷲ ގަންދީ ބުނަމެވެ! އެދުވަހުން ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ! އަދި ކީރިތި ޤްރްއާނަށް ފުރިހަމައަށް ޢަމަލުނުކޮށް ކީރިތި ޤްރްއާނުގެ ބައިކުޅަ ބައަށް ޢަމަލު ކުރުމަކީ ކީރިތި ޤްރްއާނަށް އަމަލުކުރުން ކަމަށްވެސް ނުހެދޭނެމެއެވެ!

 

- އިސްލާމީ ތިލަފަތުގެ ފަރުސަކުން

 

 

 

މިއަދު އޮންލައިން