ބައެއް މީހުން ބުނެއެވެ. "އަބަދު މިޖެހެނީ ހިތާމަކޮށް ރޮއި ކަރުނައަޅާށެވެ! އަހުރެންނަށް އުޅެންޖެހިފައިވާ ހިތްދަތިޙާލު ﷲ ތަޢާލާ ދެނެވޮޑިގެން ނުވަނީ ހެއްޔެވެ؟"
މިފަދަ ވިސްނުމެއް އަންނަނަމަ ޔަޤީންކުރަންވީ ކަންކަން ބުނެދޭން މަސައްކަތްކުރާނަމެވެ. ފުރަތަމަ ކަމަކީ ﷲ ތަޢާލާ ދެކެދެނެވޮޑިގެންނުވާ ޙާލުގައި ތިބާގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓައިނުލެވޭނެކަމެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި އެއީ މުތީ ތަކެކެވެ. ވިދައި ބަބުޅާނެއެވެ. އިން ޝާ ﷲ. ނަމަވެސް އެނިޢުމަތް ލިބިގެންދާނީ ވަކީލްކުރުމުގެ ކުޅަދާނަކަން ތިބާގެ ކިބައިގައި ހުރި މިންވަރަކުންނެވެ.
ދެން އަޑުއަހާށެވެ! މާޔޫސްކަމުގައި ނުވަތަ މުޞީބާތެއްގައި އުޅެންޖެހުމުން ތިމާގެ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވާކަމާއިމެދުގައިވެސް ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދެއެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ ތިއަފަދަ ދަށުދަރަޖައިގެ ވިސްނުން ނުވެސް ވިސްނާށެވެ!
ތިބާ އުފެއްދެވީ ﷲ ތަޢާލާއެވެ. އުޅެންޖެހިފައިވާ ޙާލު ﷲ ތަޢާލާ ﷲ ތަޢާލާ ދެނެވޮޑިގެން ނުވާ ހަމައެކަކުވެސް މިދުނިޔެއަކު ނުހުންނާނެއެވެ. އުޅެފައެއްވެސް ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އަހުރެމެން އެންމެންގެ ނަންތައްވެސް ދެނެވޮޑިގެންވެއެވެ. މައިންބަފައިންވެސް ދެނެވޮޑިގެންވެއެވެ. އެކަމުގެ ދަލީލަކީ ޤިޔާމަތް ދުވަހު ކޮންމެ މީހަކާއިވެސް ﷲ ތަޢާލާ މުޚާޠަބް ކުރައްވަވާނީ އެމީހެއްގެ ނަމުން ކަމެވެ.
ވީމާ ތިމާގެ ޙާލު ﷲ ތަޢާލާ ދެނެވޮޑިގެންނުވާކަމަށް ހީކުރަންވެސް ހެޔޮނުވާނެއެވެ. އަދި ﷲ ތަޢާލާ ތިމާ ނިކަމެތިކުރައްވަވައި ދޫކޮށް ލެއްވެވީކަމަށް ހީކުރަން ޢަމްދުން ނުވާނެއެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުންދާ ހަމައެކަކުވެސް ﷲ ތަޢާލާ ދޫކޮށް ނުލައްވަވާނެތެވެ. އިން ޝާ ﷲ
މީސްތަކުންނޭވެ! ގިނަ ފަހަރަށް އެފަދަ ވިސްނުންތައް އަންނަނީ ބައެއް މީހުން ދައްކާ ވާހަކަތަކުންނެވެ. އެފަދަ އެއްވެސް ވާހަކައެއް ޤަބޫލުނުކުރާށެވެ! ކޮންމެ ފަދަ ޙާލެއްގައިވީ ނަމަވެސް ކޮންމެ ދުވަހަކުވެސް ޔަޤީންކުރަންވީ ތިމާއަށް އުޅެންޖެހިފައިވާ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމެވެ. ބައްލަވައިވޮޑިގެންވާކަމެވެ. މިއަދުވެސް މިހުރެވެނީ މިއަދަށް ﷲ ތަޢާލާ އިރާދަކުރެއްވެވި އެންމެ ހެޔޮ ރަޙްމަތުގައިކަމެވެ.
ދެން އޮތީ ތިބާގެ އަތްމަތީގައި އޮތްކަމެކެވެ. އެއީ ތިބާއަކީ ﷲ ތަޢާލާ ތިބާގެމަތިން ގިނަގިނައިން ހަނދުމަކުރައްވަވާ އަޅަކަށްވުމެވެ. އެމަތިވެރި ނިޢުމަތް ޙާޞިލްކުރަން ތިބާއަށް ކުރަން އޮތް ކަމަކީ ނުވަތަ ކުރަންޖެހޭ ކަމަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމެވެ. ތިބާ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާވަރަކަށް ﷲ ތަޢާލާ ތިބާގެމަތިން ހަނދުމަކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން