ދުނިޔެއާ އާޚިރަތުގެ ސަލާމަތްކަމަށް އެދޭނަމަ އެއީ ކުރަން ރަނގަޅުކަމެއްކަން ޔަޤީންނުކުރެވޭ އެއްވެސް ކަމެއް ނުކުރާށެވެ! ސޯޝަލްމީޑިއާގަ ހުންނަ ވާހަކަތަކަށް ރައްކާތެރިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 24ސ
ދުނިޔެއާ އާޚިރަތުގެ ސަލާމަތްކަމަށް އެދޭނަމަ އެއީ ކުރަން ރަނގަޅުކަމެއްކަން ޔަޤީންނުކުރެވޭ އެއްވެސް ކަމެއް ނުކުރާށެވެ! ސޯޝަލްމީޑިއާގަ ހުންނަ ވާހަކަތަކަށް ރައްކާތެރިވާށެވެ!

ދީނުގެ މިވެނިކަމެއް އޮތީ މިހެންކަމަށް ބުނުމުން އެކަން އެނގުނު ގޮތަކާއިމެދު ސުވާލުކުރުމުން ބުނަނީ ސޯޝަލް މީޑިއާގައި ދައުރުކުރާ ޕޯސްޓެއްގެ ވާހަކައެވެ. އެކަމަށް ހެކިދައްކާފައިވޭތޯ ނުވަތަ ދަލީލެއް ދައްކާފައިވޭތޯ ސުވާލުކުރުމުން ބުނަނީ އެބާވަތުގެ ވާހަކައެއް ނެތްކަމަށެވެ.

ސަމާލުކަންދޭން މިބުނަނީ އެހެންވެގެންނެވެ. ދީނުގެ ކަންކަން ޤަބޫލުކުރަންވާނީ އެކަމެއް އެނގުނު މަސްދަރު ޞައްޙަ ނަމައެވެ. މަސްދަރު ބަޔާންނުކޮށް ބުނެފައި ހުންނަ ވާހަކަތަކަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ޤަބޫލުކޮށް ޢަމަލުކުރުމުގެ ކުރިން އެނގޭ މީހުންގެ ގާތުން ޔަޤީންކުރަންވާނެއެވެ. ނޫންނަމަ ހެޔޮކަމެއް ކުރަން އުޅެވޭތަނުން އޮންނާނީ ފާފަވެރިވެފައެވެ. 

މިހާރަކަށް އައިސް މީހަކު ބުނާއިރަށް އެކަމެއް ކުރުން މިދަނީ އިތުރުވަމުންނެވެ. މިއީ ވަރަށް ހިތާމަހުރިކަމެކެވެ. ކިތަންމެ ގާތް، އިތުބާރުކުރެވޭ މީހަކު ބުނި ނަމަވެސް އެކަމަކީ ރަނގަޅު ކަމެއްކަން ތިމާއަށް ޔަޤީންނުކުރެވޭ ކަންކަން ނުކުރާށެވެ. ކިރިޔާވެސް ޝައްކެއް އޮތް ކަމެއް ނަމަ އެކަމެއްގެ ހަޤީޤަތް އޮޅުންފިލުވާށެވެ! ދީނީ ޢިލްމުވެރިންގެ ބަސްފުޅު ހޯދާށެވެ! ޤުރްއާނާއި ޙަދީޘްފުޅުތަކުން އެކަން ޔަޤީންކުރާށެވެ. 

މީގެ އިތުރުން ސޯޝަލް މީޑިއާއިން ފެންނަ ކަންކަމަށް ރަނގަޅަށް ފަރުވާތެރިވާށެވެ! ދާދިފަހުން އަހުރެންނަށް ފެނުނު ލިޔުމަކާއި ގުޅިގެން ކަންކަން ހިނގިގޮތް ބަޔާންކޮށްލާނަމެވެ. އެލިޔުން ކިޔައިލުމުން ހީވީ އެއީ ހަމަ ރަނގަޅު ލިޔުމެއް ހެންނެވެ. ނަމަވެސް ޝައްކު އުފެދޭ ބައެއް ވާހަކަހުރުމުން ސުވާލު އުފެދުނެވެ. 

ލިޔުމަކީ ޞައްޙަ ލިޔުމެއްކަން ދެއްކުމުގެ ގޮތުން ތިރީގައި ލިންކެއްވެސް ވަނީ ޕޭސްޓްކޮށްފައެވެ. މަސްދަރު ހޯދާލުމުގެ ބޭނުމުގައި ލިންކަށް ފިތައިލުމުން ދިއައީ އޮންލައިންކޮށް ޤުރްއާން ކްލާސްތައް ހިންގާ ބައެއްގެ ވެބްސައިޓަކަށެވެ. އެސައިޓުގައި އެލިޔުމާއި ގުޅުންހުރި އެއްވެސް ލިޔުމެއް ނެތެވެ. އެހިސާބުން ޝައްކު ޔަޤީނަށް ބަދަލުވިއެވެ. 

އަހުރެންނަކީ އެބާވަތުގެ ލިޔުންތަކުގައި ކޮމެންޓްކުރާ މީހެއް ނޫނެވެ. އެހެންވެ ބަހެއް ނުބުނެ ލިޔުން އަހުރެންނަށް ފެނުނުކަން އަނގައިލުމުގެ ގޮތުން ކަމެއްކޮށްލީމެވެ. އިރުކޮޅެއް ފަހުން ބަލައިލިއިރު ލިޔުންވަނީ ނަގައިފައެވެ. 

ވީމާ ސޯޝަލް މީޑިއާއިން ފެންނަ ކޮންމެ ލިޔުމަކީ ޞައްޙަ ލިޔުމެއް ކަމަށް ބަލައިގެންނުވާނެއެވެ. ތަފާތު މަޤްޞަދުތަކުގައި މިބާވަތުގެ ލިޔުންތައް ވަރަށް ގިނައިން ޕޯސްޓް ކުރާތީއެވެ. 

ޝައްކުގެ މައްޗަށް ޢަމަލުކުރުމުން ކަންކަން ވެގެންދާގޮތް ބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވާ މިޙަދީޘްފުޅުން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. އިން ޝާ ﷲ 

އަބޫ ޢަބްދު ﷲ، އައްނުޢުމާން ބިން ބަޝީރު رَضِيَ اللَّهُ عَنْهُمَا ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ރަސޫލު ﷲ ޙަދީޘް ކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ: ”ހަމަކަށަވަރުން ހަލާލު ވަނީ ބަޔާންވެގެންނެވެ. އަދި ހަމަކަށަވަރުން ހަރާމް ވެސް ވަނީ ބަޔާންވެގެންނެވެ. އަދި އެ ދެމެދުގައި ޝައްކު ހުންނަ ކަންތައްތަކެއް ވެއެވެ. މީސްތަކުންގެ ތެރެއިން ގިނަ ބަޔަކަށް އެ ކަންތައްތަކެއް ނޭނގޭނެއެވެ. (އެބަހީ: ހަރާމް ހަލާލުތޯ ވަކި ކުރާކަށް ނޭނގޭނެއެވެ.) ފަހެ އެ ޝައްކު ހުންނަ ކަންތައްތަކުން ރައްކާތެރިވެގެންފި މީހާ، (އެ ވަނީ) އޭނާގެ ދީނާއި އަބުރަށް ޓަކައި (އެ ކަންތައްތަކުން) ބަރީއަވެ (ސަލާމަތް) ވެގެންނެވެ. އަދި އެ ޝައްކު ހުންނަ ކަންތައްތަކަށް އަރައިގެންފި މީހާ، (އެ ވަނީ) ހަރާމްގެ ތެރެއަށް ވަދެފައެވެ. އެއީ ހިމާޔަތް ކުރެވިފައިވާ އިމެއްގެ ވަށައިގެން ބަކަރި ހުއިހައްޕާ މީހަކު ފަދައިންނެވެ. އެ ބަކަރިތައް އެ އިމަށް ވަދެ ހުއިކެއުމަކީ ގާތުގައިވާ ކަމެކެވެ. ދަންނާށެވެ! އަދި ހަމަކަށަވަރުން ކޮންމެ ރަސްކަލަކަށް ހިމާޔަތް ކުރެވިފައިވާ އިމެއް ވެއެވެ. ދަންނާށެވެ! އަދި ހަމަކަށަވަރުން ﷲގެ ހިމާޔަތް ކުރެވިފައިވާ އިމަކީ، އެ އިލާހު ހަރާމް ކުރެއްވި ކަންކަމެވެ. ދަންނާށެވެ! އަދި ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއް ވެއެވެ. އެ މަސްކޮޅު އިސްލާހުވެއްޖެ ނަމަ، މުޅި ހަށިގަނޑު ވެސް އިސްލާހުވެ ދެއެވެ. އަދި އެ މަސްކޮޅު ފާސިދުވެއްޖެ ނަމަ، މުޅި ހަށިގަނޑު ވެސް ފާސިދުވެ ދެއެވެ. ދަންނާށެވެ! އެއީ ހިތެވެ.“

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން



މިއަދު އޮންލައިން