ލޯބިންކުރާ ކައިވެނިތައް ރޫޅި އަދި ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވާ އެންމެ ބޮޑު މައްސަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ލޯބިންކުރާ ކައިވެނިތައް ރޫޅި އަދި ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވާ އެންމެ ބޮޑު މައްސަލަ!

ނުހަނު ލޯބިން ކުރާ ކައިވެނި ރޫޅުނީމާ ދެރަވާނެއެވެ. ކަންބޮޑުވެސް ވާނެއެވެ. ރަނގަޅު ބައިވެރިއަކު ދެއްވެވުން އެދިގެންނާއި ކައިވެނީގައި ބަރަކާތް ލެއްވެވުން އެދިގެން ކުރި ދުޢާތައް ޢިޖާބަ ނުކުރެއްވެވީތީވެސް ދެރަވާނެއެވެ. އަހުރެން ބުނާނީ އެކަންކަމަށް ދެރަވުމުގެ ކުރިން އަމިއްލަ ނަފްސުގެ އޮޑިޓެއް ހަޑާލަންޖެހޭނެ ކަމަށެވެ.

ޒުވާންވީމާ، އަދި ކައިވެނިނުކުރާތީ ހިތަށް އެރިހައި ގޮތަކަށް އުޅޭ ބައަކު އެބަ އުޅެއެވެ. މީހަކު ދެކެ ލޯބިވެއްޖެ ނަމަ ބިރެއްނެތި ބޭނުންހައި ކަމެއް ކުރާ ބައަކު އެބަ އުޅެއެވެ. މިއެންމެންވެސް ބޭނުންވަނީ އުފާވެރި ޒަވާޖީ ޙަޔާތެކެވެ. ވީމާ ތަންކޮޅެއް ބޮޑަށް ވިސްނާލަމާ ހިނގާށެވެ!

އަހަރެމެންގެތެރެއިން ގިނަބައެއްގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި އޮންނަނީ ދެވަނަ 3 ވަނަ ނުވަތަ 4 ވަނަ ކައިވެނިވެސް ފޭލްވުމެވެ. އަބަދުހެން ދުޢާކުރާއިރުވެސް ކައިވެނި ރޫޅޭކަމެވެ. ނުހަނު ލޯބިން ކައިވެނިކުރާ ބައިވެރިޔާއާއިއެކުވެސް ދިރިނުއުޅެވުމެވެ.

މިކަން މިހެންވުމަށް މެދުވެރިވަނީ ކޮން ސަބަބެއްކަމަށްބުނަން ނުއެނގުނުނަމަވެސް ބުނެވިދާނެ ވާހަކައެއް އެބައޮތެވެ. ވިސްނައިލުން މުހިންމު ކަމެއް އެބައޮތެވެ! އެއީ ކައިވެނީގެ ކުރިން ތިބާގެ ޢަމަލުތައް ބެހެއްޓިގޮތެވެ!

ފުރަތަމަ ކައިވެނިރޫޅުމުގެ މައްސަލައެއް ނަމަ ފުރަތަމަ ސުވާލަކީ ތިބާ ކައިވެނިކުރީ ހަމަ ﷲ ތަޢާލާ އަންގަވާފަދައިން ޠޯހިރުކަންމަތީގައި ހުރެގެން ހެއްޔެވެ؟ އެހެންކަމަށްނުވާނަމަ ތައުބާވީންހެއްޔެވެ؟

ފުރަތަމަ ކައިވެންޏަށްފަހު ކުރެވުނު ކައިވެންޏެއްނަމަ ކޮށްލަން އޮތް ސުވާލަކީ ކައިވެނި ރޫޅި، ޢިއްދައިގެ މުއްދަތު ނިމެންދެން ތިބާހުރީ ﷲ ތަޢާލާއަށް ތެދުވެރިކަމާއިއެކުގައި ހެއްޔެވެ؟ ވިސްނާށެވެ! އަނބިމީހާ ނުވަތަ ފިރިމީހާ ބާވަފާތެރިވީނަމަވެސް އަދި އަނިޔާވެރިވީނަމަވެސް އެއީ ﷲ ތަޢާލާ ބާވައިލައްވަވާފައިވާ އިންތަކުގެ ބޭރުން ކަންކަން ކުރަންލިބިގެންދާ ހުއްދައެއް ނޫނެވެ. ތެދުވެރިވާންޖެހެނީ ބައިވެރިޔާއަކަށް ނޫނެވެ! ﷲ ތަޢާލާއަށެވެ!

ދެން ތިއަ ފާހަގަކުރަނީ ދުޢާ ޢިޖާބަ ނުކުރައްވަވާކަމެވެ! ނިކަންބުނެބަލާށެވެ! ދުޢާޢިޖާބަކުރެއްވެވުމުގެ ފުރަތަމަ ޝަރުޠަކީ ﷲ ތައާލާއަށް ތެދުވެރިވުންކަމަށްވާއިރު ލޯބިވެރިޔއާއިއެކު ޙަރާމްކަންކަން ކުރަމުން ރަނގަޅު ބައިވެރިއަކު ދެއްވެވުމަށް ނުވަތަ ޒަވާޖީ ޙަޔާތް އުފާވެރިކުރައްވަވައި ދެއްވެވުންއެދި ކުރާ ދުޢާ ޢިޖާބަކުރައްވަވާނެކަމަށް އުންމީދުކުރެވެން އޮތީވެސް ކޮން ގޮތަކުންހެއްޔެވެ؟

ގިނަބައަކަށް ޤަބޫލުކުރެވެނީ ބައިވެރިޔާ ބޭވަފާތެރިވުމަކީ ނުވަތަ އަނިޔާވެރިވުމަކީ ހިލޭ މީހުންނާއިއެކު ގުޅުންހިންގުމާއި ޒިނޭކުރުން ހުއްދަވާ ސަބަބެއްކަމަށެވެ. ޑޭޓްކުރުން ހުއްދަވާ ސަބަބެއް ކަމަށެވެ. ހަމަހިލާއެހެންނަކުން ނުވާނެއެވެ! އެކުގައި ދިރިނުއުޅެވޭނެކަން ޔަޤީންކުރެވުމުން އޮތީ ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަން ކުރުމެއް ނޫނެވެ! އަވަހަށް ކައިވެނި ރޫޅައިލުމެވެ. އެއަށްފަހު ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ގޮތުގެމަތީން ދެވަނަ ބައިވެރިއަކު ހޯދުމެވެ.

ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ މަގުން ޢަމަލުކުރުމުން ކައިވެނި ނުރޫޅޭނެ ކަމުގެ ގަރަންޓީދެނީއެއް ނޫނެވެ. ނަމަވެސް އެމަގުން މީހާގެ އަޚްލާޤަށާއި ދީންވެރިކަމަށްބަލައިގެން، އެކަންކަމަށް އިސްކަންދީގެން ކައިވެނިކުރުމުން ރޫޅުމުގެ ފުރުޞަތު ކުޑަކަމުގެ ގަރަންޓީ މީސްތަކުންގެ ތަޖުރިބާއިން ދެވެން އެބައޮތެވެ! އުފަލުގައި ދިރިއުޅުމުގެ ފުރުޞަތު އިތުރުވާކަމުގެ ގަރަންޓީވެސްމެއެވެ!

ވީމާ ބާއްޖަވެރި، އުފާވެރި ޒަވާޖީ ޙަޔާތަކަށް ފަށާއިރު ފުރަތަމަކަމަކަށް ކުރަންއޮތްކަމަކީ ﷲ ތަޢާލާއަށް ބިރުވެތިވެ، ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގެމަތީން ކައިވެނިކުރުމެވެ. ކައިވެނީގެކުރީގެ ދުވަސްތައް ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ އިންތަކުގެތެރެއިން ހޭދަކުރުމެވެ. ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބި ދިރިއުޅުމުގައި ބަރަކާތް އިތުރުވާނީ އެއިރުންނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން