ޒަވާޖީ ހަޔާތް އުފަލުގަ ހޭދަކުރަން ބޭނުންވާ ނަމަ އެއްވެސް ބަދަލެއް ނައިސް ދެމިހުންނާނެ ލޯތްބީގަ ކައިވެނިކުރާށެވެ! މިބުނެދެނީ އެލޯބި ލިބޭނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ޒަވާޖީ ހަޔާތް އުފަލުގަ ހޭދަކުރަން ބޭނުންވާ ނަމަ އެއްވެސް ބަދަލެއް ނައިސް ދެމިހުންނާނެ ލޯތްބީގަ ކައިވެނިކުރާށެވެ! މިބުނެދެނީ އެލޯބި ލިބޭނެ ގޮތް!

ކައިވެނިކުރަންވީ ޢުމުރަށް އެކުގައި އުޅުމަށެވެ. ވީމާ ދުނިޔަވީ ގޮތުން އެމީހަކަށް ލިބިފައިވާ ކަންކަމަށް ބަލައިގެން ކައިވެނިކުރުމެއް ނެތެވެ. އެކަންކަމަކީ ކޮންމެ ވަޤުތަކުވެސް އެމީހަކާއި އަދި ކޮންމެ މީހަކާއިވެސް ވަކިވެގެން ހިނގައިދާނެ ކަންކަން ކަމުގައި ވާތީއެވެ.

މިޘާލަކަށް ބަލައިފިނަމަ ހަށިގަނޑުގެ ރީތިކަމަށް ބަލައިގެން ލޯބިވެއްޖެނަމަ މޫނުގައި ރޫޖެހުމުން ލޯބި ގެއްލޭނެއެވެ. ފައިސާއަށް ބަލައިގެން ލޯބިވެއްޖެނަމަ ފަޤީރުވުމުން ލޯބި ގެއްލޭނެއެވެ. މަޤާމަށް ބަލައިގެން ލޯބިވެއްޖެނަމަ މަޤާމް ގެއްލުމުން ލޯބިގެއްލޭނެއެވެ. މިހެންގޮސް އެއްވެސް ކަމަކާއި އަޅުވައިގެން މީހަކު ދެކެ ލޯބިވެއްޖެނަމަ އެކަމެއް އެމީހެއްގެ ކިބައިން ގެއްލުމުން ވީލޯބިވެސް ގެއްލޭނެއެވެ. ވީލޯބި ޖަނާޒާކުރެވޭނެއެވެ!

އެއްވެސް ބަދަލެއް ނައިސް ދެމިހުންނާނެ ލޯތްބަކީ ﷲ ތަޢާލާއަށްޓަކައިވާ ލޯތްބެވެ! ވީމާ ލޯބީގެ ގޮތުން މީހަކާއި ގުޅުނު ނަމަވެސް އަދި ކައިވެނީގެ ގޮތުން ގުޅުނު ނަމަވެސް ބަލަންވީ އެމީހާ ތިބާދެކެ ލޯބިވަނީ ކޮންކަމަކަށްޓަކައިތޯއެވެ! ކޮން ހައިޞިއްތަކުން އަދި ކޮން މަޤްޞަދެއް ޙާޞިލުކުރަންތޯއެވެ!

މި ސުވާލުކުރަން ލަދުގަނެގެން މިހާރު ވާކަށްނެތެވެ! ގިނައިން މިފެންނަނީ ކޮންމެވެސް ކަމަކާއި ގުޅިގެން އަނެކާދެކެ ލޯބިވާތަނެވެ. ﷲ ތަޢާލާއަށްޓަކައި މީހަކު ދެކެ ލޯބިވަނީ ހަމަ ޙާލަކުން މީހެކެވެ! ކައިވެނިކުރެވޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މައްސަލަތައް ޖެހެންފަށާ ސަބަބަކީ އެއީއެވެ.

ﷲ ތަޢާލާއަށްޓަކައި މީހަކުދެކެ ލޯބިވާން މިއޮންނަނީ މައިގަނޑު 2 ޝަރުޠެކެވެ. އެއީ އޭނާގެ އަޚްލާޤާއި ދީންވެރިކަންހުރި ވަރެކެވެ. މި ދެ ޝަރުޠު ހުރިނަމަ އެމީހަކުދެކެ ލޯބިވާންވެސް ކައިވެނިކުރަންވެސް ފަސްޖެހިގެންނުވާނެއެވެ. އެހެނީ އެ ދެ ޝަރުޠު ކަނޑައަޅުއްވަވައި ޙަދީޘްފުޅު ކުރެއްވެވީ ރަސޫލް ﷺ އެވެ. ވީމާ އަހަރެމެންނަށް އޮތީ އިތުރު އެއްވެސް ސުވާލެއް ކުރުމަކާއި ނުލައި ބަލައިގަތުމެވެ. ބަލައިގަތުމުން ކަމެއް ކުރިމަތިވިނަމަވެސް ﷲ ތަޢާލާ އެކަމެއް އެމީހަކަށް އެންމެ ފައިދާހުރި ގޮތަކަށް ޙައްލުކުރައްވަވައިދެއްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން