ކައިވެނި ރޫޅާލާނަމަ ފުރަތަމަ ކަމަކަށް ދަރިންގެ މައްސަލަ ޙައްލުކުރާނެ ގޮތް ކަނޑައަޅަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ކައިވެނި ރޫޅާލާނަމަ ފުރަތަމަ ކަމަކަށް ދަރިންގެ މައްސަލަ ޙައްލުކުރާނެ ގޮތް ކަނޑައަޅަންޖެހޭނެ!

ކައިވެނި ރޫޅާލާއިރު ނުވަތަ ވަރިކުރާއިރު އެންމެ މުހިންމީ މުދަލަށް ހަދާނެ ގޮތް ކަނޑައެޅުމެއް ނޫނެވެ. ހުރިހާ ކަމެއްގެ ކުރިއަށް ނެރެންޖެހޭނީ ދަރިންނާއިމެދު އަމަލުކުރާނެ ގޮތަކާއިމެދު އެއްބަސްވުމެވެ. ދަރިން ބެލުމުގެ މަސްއޫލިއްޔަތު އުފުލާނެ ގޮތެއް ކަނޑައެޅުމެވެ. އެކަންކަމަށް އަނގަބަހުން އެއްބަސްވެގެނެއްވެސް ނުފުދޭނެއެވެ. ލިޔެކިޔުމުގައި ސޮއިކޮށް ކައިވެންޏާއިމެދު  ވީ އެއްބަސްވުމަށް އަމަލު ނުކުރެވިގެން ވަރިވާއިރު ނުވަތަ ވަރިކުރާއިރު ދަރިންގެ މައްސަލަތައް އަނގަބަހުން އެއްބަސްވެގެން ހައްލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟  

އެ އެއްބަސްވުމުގައި ދަރިންނާއި ބައްދަލުކުރާނެ ގޮތްވެސް ހާމަކުރަންވާނެއެވެ. ވަގުތުތައްވެސް ހާމަކުރަންވާނެއެވެ. އެކަން ކުރާނެ އުޞޫލުވެސް ކަނޑައަޅަންވާނެއެވެ.  

ކައިވެނި ރޫޅައިލާ ވަޤުތު ވަރަށް ގިނައިން ބުނެވެއެވެ. "ދަރިންގެ ޚަރަދުތައް ބަލަހައްޓާނަމެވެ." ސުވާލަކީ އެކަން ކުރެވޭ ހެއްޔެވެ؟ ހަމައެއާއިއެކު ފައިސާ ހޭދަކުރިނަމަވެސް މައިންބަފައިންގެ ފަރާތުން ލިބެންޖެހޭ އަޅައިލުން ނުލިބޭނަމަ ދަރިން ތަރުބިއްޔަތުކުރެވޭނެ ހެއްޔެވެ؟  

ގިނަ ކައިވެނިތައް ރޫޅައިލެވެނީ ކޮންމެހެން ރޫޅައިލަން ޖެހިގެނެއް ނޫނެވެ. މާނައަކީ އެކުގައި ދިރިއުޅެވެން ނެތިގެން ނޫން ކަމެވެ. އެހެނީ ގިނަ ކައިވެނިތައް ރޫޅައިލެވެނީ ދެމަފިރިންކުރެ އެކަކަށް މާރަނގަޅު އެހެން ގޮތެއް ފެނިއްޖެ ކަމަށް ޤަބޫލުކުރެވިގެން ކަމުގައިވާތީއެވެ.  

ކޮންމެ ހާލަތެއް މެދުވެރިވެގެން ނަމަވެސް ވަރިކުރަން ޖެހިއްޖެ ނަމަ ނުވަތަ ވަރިވާން ޖެހުނު ނަމަވެސް ދެމީހުންވެސް ދަރިންގެ ޙައްޤުތަކަށް ފުރިހަމައަށް ރައްކައުތެރިވާންވާނެއެވެ!  

ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް އެއްވެސް ކައިވެންޏެއް ރޫޅައިލެވެނީ ލިބިފައިވާ ދަރިންގެ އެއްވެސް ކުށެއް އޮވެގެންނެއް ނޫނެވެ. ދަރިންނަކީ ﷲ ތަޢާލާ ދެމަފިރިންނާއި ބަލަހައްޓަން ޙަވާލުކުރައްވަވާ ވަރަށް ބޮޑު އަމާނާތެކެވެ. ފިރިމީހާގެ ޒިންމާ އެތައް ގުނައަކަށް ބޮޑުވާ ގޮތަށް ދެމަފިރިންނާއި ހަވާލުކުރައްވަވާ މަސްއޫލިއްޔަތެކެވެ. އެކަމުގައި އިހްމާލްވުމަކީ ﷲ ތަޢާލާ ތިމާ އާއި ޙަވާލު ކުރެއްވެވި މަސްއޫލިއްޔަތު އަދާ ނުކުރުމެވެ.  

ބައެއް ފަހަރު ކުދި ދަރިން ބައްޕަގެ ގެއަށް ގެންނަން ބޭނުންވުމުން އެކަން ކުރަން އެބަ ކާރު ޑްރައިވަރު ނުވަތަ ކުދިން ނުވެސް ދަންނަ މީހުންނާއި އެބަ ހަވާލުކުރެއެވެ. އެއީ އެއްގޮތަކަށްވެސް އެކަން ކުރަން ރަނގަޅު ގޮތެއް ނޫނެވެ. ކުދިން ގެނެސް ގެންގޮސް ހަދަން ޖެހޭނީ އެކުދިންގެ ޒިންމާތައް ފުރިހަމައަށް އުފުލޭވަރުގެ ޢާއިލީ މީހެކެވެ. ނޫންނަމަ ކުދިންނަށް ކިތަންމެ ނުރައްކައުތެރިކަމެއްވެސް މެދުވެރިވެދާނެއެވެ. 

ހަމަ އެއާއިއެކު ގާތުން ކިރުދޭ ކުދިން މައިމީހާ އާއި ވަކިކޮށްގެން އެންމެ ދުވަހަކަށްވެސް ގެންގޮސްގެން ނުވާނެއެވެ. ކުއްޖާ ބޭނުންވާ ކޮންމެ ހިނދެއްގައި މައިމީހާގެ ގާތުން ނުލިބޭނެ ގޮތަކަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެއީ ކުއްޖާގެ ވަރަށް ބޮޑު ޙައްޤެކެވެ. އެ ޙައްޤާއިމެދު ކުއްޖާ ދައުވާ ކުރާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން