މީހަކު މަރުވުމުން ވަޅުލާފައި ޤަބުރުސްތާނުން ނުކުމެގެން އަންނައިރު ގިނަ ބައެއްގެ ވިސްނުމުގައި ހުންނަނީ އޭނާއަށް އެއްވެސް ކަމެއް ނުޖެހި ސަންދޯކުގައި އޮވެވޭނެ ކަމަށެވެ. ބަލަ! ސަންދޯކުގައި އެއޮތީ އޭނާގެ މަސްގަނޑެވެ. ފުރާނަވީތަނަކާއި ފުރާނައަށް ކުރިމަތިވަމުންދާ ކަންކަން އެނގެނީ ކާކަށް ހެއްޔެވެ؟
އިންސާނުން މިއަދު ބިރުގަންނަނީ އެމީހުންގެ ފުރާނައަށް ނުރައްކާތެރިވެދާނެ ފަދަ ޙާލަތެއް ނުވަތަ ކަމެއް އެމީހުންގެ ލޮލަށް ފެނުމުންނެވެ. ޣައިބުގައި ހިނގާ އެއްވެސް ކަމަކާއިމެދު ވިސްނައިލަނީވެސް ވަރަށް މަދުމީހެކެވެ.
ވަރަށް ޢާންމުކަމެއް ބުނެފާނަމެވެ. މީހާ މަރުވެ ވަޅުލެވުމާއިއެކު ފުރަތަމަ ކަމަކަށްވެސް ބިންގަނޑު އޭނާގެ ހަށިގަނޑުފިއްތާލައެވެ، ކިހައި ބާރުމިނެއްގައި ހެއްޔެވެ؟ މޭމަތީގެ ކަށިތައް އެއްފަރާތުން އަނެއްފަރާތަށް ނުކުންނަވަރަށެވެ. ދެވަނަ ސުވާލަކީ ކިތައް ފަހަރު ހެއްޔެވެ؟ ޖަވާބަކީ އެކިމީހުން އެކިވަރަށެވެ. ޢަދަދު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ބިންގަނޑަށް ﷲ ތަޢާލާ އަންގަވާ ޢަދަދަކަށް ބިންގަނޑު އެހަށިގަނޑު ފިއްތައިލާނެތެވެ.
ހަމައެއާއިއެކު ވަޅުލެވުމާއިއެކު 2 މަލާއިކަތުންގެ ސުވާލުކުރެއްވެވުން ފެށިގެންދާނެއެވެ. އެއީ ކޮންމެ އިންސާބނަކަށްވެސް ކުރިމަތިލާންޖެހޭނެ އެންމެ ބޮރުވެރި ވަޤުތެވެ. ބަރުޒަޚުގައި ތިމާ ހޭދަކުރަންޖެހޭ ދުވަސްތަކާއި އަދި ޢާޚިރަތް ދުވަހު ތިމާއާއިމެދު ކަންތައްތައް ވެގެންދާނެ ގޮތް ކަނޑައެޅިގެން ދިއުން އޮތީ އެ ދެ މަލާއިކަތުން ކުރައްވާ ސުވާލުތަކަށް ޖަވާބުދެވޭ ވަރަކުންނެވެ. އެހެން ޢިބާރާތަކުންނަމަ ފުރިހަމައަށް ޖަވާބުދެވިގެންނެވެ.
އެހެންވެ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަ ޙަދީޘްފުޅު ކުރައްވަޥާފައިވަނީ އެވަޤުތުގައި އޭނާއަށް (މައްޔިތާއަށް) ޘާބިތުކަން ދެއްވެވުން އެދިގެން ދުޢާކުރުމަށެވެ.
އެކަމަކު ޖަނާޒާތަކުގައި ބައިވެރިވާ މީޙުންގެ މޫނުމަތިން އެވަޤުތުވެސް ކަންބޮޑުވުން ފެނޭހެއްޔެވެ؟ އެމީހުން ތިބެނީ ދުނިޔޭގެ ކޮންމެވެސް ކަމަކަށް މަޝްވަރާކުރުންމަތީގައި ނޫންހެއްޔެވެ؟ ހީނސަމާސާކުރާ މީހުން މަދީހެއްޔެވެ؟
މިއީ ޖަނާޒާތަކަށް ގޮސްއުޅޭ (ހެޔޮލަފާ) ބައެއް މީހުންގެ ޢަމަލުތައް ހުންނަ ގޮތެވެ. އެހެންކަމަށްވާއިރު އެހެން މީހުންގެ ޙާލަކީ ކޮބައިހެއްޔެވެ؟
ކައްވަޅުގައި ހޭދަކުރަންޖެހޭނެ ދުވަސްތަކާއިބެހޭ ގޮތުން މިއަދުނޫހުގެ ކިޔުންތެރިންގެ ހޭލުންތެރިކަން އިތުރުކުރުވަން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މިގެނެސްދެނީ އައްޝައިޚް ޢަބްދުލްމުޢިއްޒު ރަޝީދުގެ ބަސްފުޅެކެވެ.
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އިންސާނާއަށް ހަތަރު މަރުޙަލާއެއްވެއެވެ.
ފުރަތަމަ މަރުޙަލާއަކީ އިންސާނާ އޭނާގެ މައިމީހާ ބަނޑުގައި އޮންނަ މަރުޙަލާއެވެ. ދެވަނަ މަރުޙަލާއަކީ އިންސާނާ ދުނިޔޭގައި ވޭތުކުރާ މަރުޙަލާއެވެ. ތިންވަނަ މަރުޙަލާއަކީ ބަރުޒަޚުގެ މަރުޙަލާއެވެ. އަދި ހަތަރުވަނަ މަރުޙަލާއަކީ ޤިޔާމަތް ދުވަހެވެ.
އިންސާނެއްގެ ޢުމުރާމެދު ވިސްނާލައިފިނަމަ، އޭނައަށް މި ދުނިޔޭގައި އުޅުމަށް ލިބިފައިވަނީ ވަރަށް ކުޑަ ވަގުތު ކޮޅެކެވެ. އެހެންކަމުން މި ޙަޔާތަކީ ހެޔޮ ގޮތުގައި ވޭތުކުރާ ޙަޔާތަކަށް ހެދުމަށް، އިންސާނާ ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. އެހެނީ އިންސާނާގެ ނަތީޖާ ބިނާވެގެންދަނީ މި ޙަޔާތުގައި، އޭނާ ކުރި މަސައްކަތަކަށެވެ. ﷲ ތަޢާލާ އެންގެވި ގޮތަށް މި ޙަޔާތް ވޭތުކޮށްފިނަމަ ދެން ހުރި މަރުޙަލާތައް އެމީހަކަށް ފަސޭހަވެގެންދެއެވެ. އަދި ﷲ ތަޢާލާ ނުރުއްސަވާ ގޮތަށް މި ޙަޔާތް ވޭތުކޮށްފި ކަމުގައިވާނަމަ، އެ މީހަކަށް ދެން ހުރި މަރުޙަލާތައް އުދަނގޫވެގެންދެއެވެ. މި ދުނިޔޭގެ ޙަޔާތަށްފަހު، އިންސާނާ އެންމެ ފުރަތަމަ ކުރިމަތިލާން ޖެހޭ މަރުޙަލާއަކީ ބަރުޒަޚުގެ ޙަޔާތާއެވެ. އެހެންކަމުން ބަރުޒަޚުގެ (ކަށްވަޅުގެ) މަރުޙަލާއަކީ ވަރަށް މުހިއްމު މަރުޙަލާއެކެވެ. ބަރުޒަޚުގެ ޙަޔާތާއި ބެހޭ ގޮތުން ކޮންމެ މުސްލިމަކުވެސް، މަޢުލޫމާތު އިތުރުކުރުމަކީ މުހިއްމުކަމެކެވެ. ބަރުޒަޚުގެ ޙަޔާތަކީ އިންސާނާ މަރުވުމަށްފަހު ޤިޔާމަތާއި ހަމައަށް ވޭތުކުރަންޖެހޭ ޙަޔާތެވެ.
ޤަބުރެއްގެ ކައިރިއަށް ޢުޘްމާން رضي الله عنه ހުއްޓިވަޑައިގަންނަވާހިނދު، އެކަލޭގެފާނުގެ ތުނބުޅިފުޅު ތެމެންދެން ކީރިތި ކުރައްވައެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. ކަލޭގެފާނު ސުވަރުގެއާއި ނަރަކަ ޛިކުރުކުރައްވާއިރު ކީރިތި ނުކުރައްވައެވެ. އަދި މިތަނުގައި ކީރިތި ކުރައްވަނީތޯއެވެ؟ ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
إِنَّ الْقَبْرَ أَوَّلُ مَنْزِلٍ مِنْ مَنَازِلِ الْآخِرَةِ، فَإِنْ نَجَا مِنْهُ، فَمَا بَعْدَهُ أَيْسَرُ مِنْهُ، وَإِنْ لَمْ يَنْجُ مِنْهُ، فَمَا بَعْدَهُ أَشَدُّ مِنْهُ
މާނައީ: "ހަމަކަށަވަރުން ކަށްވަޅަކީ އާޚިރަތުގެ މަންޒިލުތަކުގެ ތެރެއިން ފުރަތަމަ މަންޒިލެވެ. ފަހެ، އެއިން ސަމާލަތްވެއްޖެމީހާ ދަންނައެވެ. ފަހެ، އޭގެ ފަހަށް ހުރި ކަންތައްތައް އެއަށްވުރެ ފަސޭހަވެގެންވެއެވެ. އަދި އެއިން ސަލާމަތް ނުވިމީހާ ދަންނައެވެ. ފަހެ، އޭގެ ފަހަށް ހުރި ކަންތައްތައް އެއަށްވުރެ އުނދަގޫވެގެންވެއެވެ".
އަދި ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
(مَا رَأَيْتُ مَنْظَرًا قَطُّ إِلَّا وَالْقَبْرُ أَفْظَعُ مِنْهُ)
މާނައީ: "ކަށްވަޅަށް ވުރެ ބިރުވެރި ތަނެއް ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ."