ގިނަ ކަންތައްތަކެއް އިސްލާމް ދީނުގައި މަނާވެގެންވާކަމަށްޓަކައި އަހުރެން ފަޚުރުވެރިވަމެވެ. އެކަމުން އެނގެނީ އަހުރެންގެ ދީނުގެ ހުރި ފުރިހަމަ ކަމެވެ. ދުނިޔޭގެ ގިނަ ބައަކަށް އެދަނީ އެކަން ޤަބޫލުކުރެވެމުންނެވެ.
ދުނިޔޭގައި މީހުން މިއަދު އުޅެމުންދާ ގޮތަށް ބަލައިފިނަމަ ﷲ ތަޢާޢާލާ އަންގަވާފައިވާ ގޮތަށް އުޅޭ މުސްލިމުން ނޫން އެހެން އެންމެންނަކީ އެމީހަކު ބޭނުންވާހައި ގޮތަކަށް އުޅެމުންދާ ބައެކެވެ. ކުރަން ބޭނުންވާހައި ކަމެއް، އެކަމެއް ކުރަން ބޭނުންވި ވަޤުތަކު ކުރަމުން ގެންދާ ބައެކެވެ.
އެއްވެސް ކަމެއް ކަމެއް ކުރުމުގައި އެއްވެސް އިމެއް ނެތެވެ. ޙައްދެއްވެސް ނެތެވެ. އެމީހަކު ކުރަން ހިތަށް އެރިހައިކަމެއް ކުރަމުން ގެންދަންވީއެވެ. ކައިބޮއި ހެދުން މަނާއެއްޗެއްނެތެވެ. ޖިންސީ އެދުން ފުއްދަން ކައިވެނިކުރާކަށްވެސް ނުޖެހެއެވެ. މިހެންގޮސް ކިޔުމުގެ ބޭނުމެއް ނެތެވެ. ކުރަން ބޭނުންވި ކޮންމެ ކަމެއް ކުރަމުން ގެންދަންވީއެވެ. ކޮންމެ ކަމެއް ކުރިޔަސް އަދަބެއްވެސް ނުލިބެއެވެ.
އެކަމަކު އިސްލާމް ދީން މުޅިން ތަފާތެވެ. މަނާކުރައްވަވާފައިވާ ކަންތައްތަކެއް އެބަހުއްޓެވެ. ކެއިން ބުއިން މަނާ ތަކެތި އެބަހުއްޓެވެ. ހެދުންލާން ޖެހެނީވެސް ވަކި ގޮތަކަށެވެ. ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމުން އަދަބުދެއެވެ. މިހެން ގޮސް ބައެއް މީހުން ކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް ވަނީ ޙަރާމްވެގެންނެވެ. މިކަންކަމަށް ބަލައި ކާފިރުން މިބުނަނީ އިސްލާމް ދީނަކީ އުޅެން ދަތިއުނދަގޫ ދީނެއް ކަމަށެވެ. މިނިވަންކަން ގެއްލޭ ދީނެއް ކަމަށެވެ.
ދެން ބަލައިލަންވީ ނަތީޖާއަށެވެ. ކުރިން މިބުނި ފަދައިން އެއްވެސް އިމެއް ނެތި ހުރިހާ ކަންކަން ހުއްދަކޮށްގެން ބޭނުންވާ ހުރިހާ މިނިވަންކަމެއް ލިބިގެން އުޅެމުން ކޮންމެ ދުވަހަކު ދުނިޔޭގެ ކަންކޮޅުތަކުގައި އެތައް ސަތޭކަ ބައަކު ދަނީ ދަތި އުނދަގޫ ޙާލަތުގައި އުޅުން މާރަނގަޅުކަމަސް ބަލައި އިސްލާމްވަމުންނެވެ. ކާފިރުންގެ ބަހުރުވައިންނަމަ އަމިއްލައަށް އަތްފައިގަ ކަސްތޮޅު އެޅެމުންނެވެ.
ސުވާލަކީ އެކަން އެގޮތަށް ވަމުން މިދަނީ، ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ދީނަކީ އިސްލާމް ދީނަ ކަމަށްވެފައި މިވަނީ ކީއްވެގެން ހެއްޔެވެ؟ ސުވާލުގެ ޖަވާބު ލިބެނީ ޤުރްއާނުންނެވެ. މީސްތަކުންނަށް ޙަޤީޤީ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބެނީ ﷲ ތަޢާލާ ހަނދުމަކުރުމުން ކަމެވެ. މީސްތަކުންނަށް އެންމެ ފައިދާކުރާނެ ގޮތްތައް ވަނީ އިސްލާމް ދީނުގައި ކަމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދެން ނިކަން ބުނެބަލާށެވެ! އިސްލާމް ދީނުން ހިތްހަމަޖެހުން ނުލިބުނު މީހަކަށް ހިތްހަމަޖެހުން ލިބޭނީ ކިހިނަކުންހެއްޔެވެ؟ އެގޮތެއް އޮންނާނެ ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭނީ ކޮން ހަމައަކުން ހެއްޔެވެ؟ އެއީ ނެތް ގޮތެއްކަން ޔަޤީނެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން