ދޮގުހެދީމާ ދުނިޔޭގެ ކޯޓަކުން ޙައްދު ނުޖެހިޔަސް ﷲ ތަޢާލާގެ ދަރުބާރުގަ ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 43ސ
ދޮގުހެދީމާ ދުނިޔޭގެ ކޯޓަކުން ޙައްދު ނުޖެހިޔަސް ﷲ ތަޢާލާގެ ދަރުބާރުގަ ސަލާމަތެއް ނުވެވޭނެ!

ދޮގުހެދީމާ މިއަދުގެ ކޯޓުތަކުން އަދަބެއް ނުދެނީ ޢުމަރުގެފާނު ޢަމަލުފުޅުކުރެއްވެވި ގޮތް މުހިންމު ނޫންވީމައެވެ. ޢުމަރުގެފާނު ވަނީ ދޮގުހެދިމީހާ ޙައްދު ޖައްސަވައިފައެވެ. 

ދޮގުހެދުން ޢާންމުވެފައިވާ ވަރަކީ ތިމާގެ އަނބިދަރިންނަށް ގެއަށް ގެންދަންޖެހޭ އެއްޗެއް ސަބަބެއް މެދުވެރިވެގެން ނުގެންދެވުނަސް މެދުވެރިވި ސަބަބު ބުނުމުގެ ބަދަލުގައި ބުނަނީ ހަނދާންނެތުނީ ކަމަށެވެ. ހަނދާން ނެތިގެން ނުގެންދެވިއްޖެނަމަ ބުނަނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ނުގެންދެވުނީ ކަމަށެވެ. 

ފިރިމީހާ ކައްކަން ބުނި އެއްޗެއް ހަނދާންނެތިގެން ނުކެއްކުނަސް ބުނަނީ ދަރިންގެ ކަންކަން ކުރަންހަދައިގެން ވަޤުތުނުވީ ކަމަށެވެ. އެކަމުން ލިބޭނެ ފާފައަކަށް ކުޑަވެސް ބިރެއް ނެތިއެވެ. 

މިވަރުގެ ކުދިކުދި ކަންކަމުގައި ދޮގުހަދާއިރު ބޮޑެތި ކަންކަމުގައި ހަދާނެވަރު ހިތަށް ގެންނާށެވެ. 

ޔަޤީންކުރަންޖެހޭ ކަމަކީ ދުނިޔޭގެ އެއްވެސް ކޯޓަކުން ދޮގުހެދުމަށް އަދަބު ނުދިނަސް ޤިޔާމަތްދުވަހު ޙައްޤު ޖަޒާލިބޭނެކަމެވެ. އެހެންކަމާއިއެކުވެސް ދޮގުހަދަން ބިރުގަންނަ މީހަކު މިހާރަކު ނެތެވެ. ދޮގުހުވާކުރަންވެސް ބިރުގަންނަނީ މަދުމީހެކެވެ. 

ރަނގަޅަށް ވިސްނައިލާށެވެ! 

ދޮގު ހެދުން ތިން ޙާލަތެއްގައި ހުއްދަކުރެއްވިއެވެ. އެ ގޮތުން ހަނގުރާމައިގެ މައިދާނުގައްޔާއި، ދެމަފިރިންގެ ދޭތެރޭގައި ސުލްޙަ ޤާއިމު ކުރުމަށާއި އަދި މީސްމީހުންގެ މެދުގައި ފިތުނަ ފެތުރުނަ ނުދިނުމަށްޓަކައި ދޮގު ހެދުން އިސްލާމްދީން ހުއްދަކުރައްވައެވެ. 

عَنْ أَسْمَاءَ بِنْتِ يَزِيدَ رضي الله عنها قَالَتْ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لَا يَحِلُّ الْكَذِبُ إِلَّا فِي ثَلَاثٍ : يُحَدِّثُ الرَّجُلُ امْرَأَتَهُ لِيُرْضِيَهَا ، وَالْكَذِبُ فِي الْحَرْبِ ، وَالْكَذِبُ لِيُصْلِحَ بَيْنَ النَّاسِ ) . والحديث صححه الألباني في صحيح الترمذي .

މާނައީ: "އަސްމާއު ބިންތި ޔަޒީދު ވިދާޅުވިއެވެ. ކީރިތި ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ތިން ޙާލަތެއްގައި މެނުވީ ދޮގުހެދުން ހުއްދަވެގެންނުވެއެވެ. އަނބިމީހާ ރުއްސުމަށް ފިރިމީހާ ދޮގުހެދުމާއި، އަދި ހަނގުރާމައިގެ މައިދާނުގައި ދޮގުހެދުމާއި، އަދި މީސްތަކުގެ މެދުގައި ޞުލްޙަ ގާއިމުކުރުމަށްޓަކައި ދޮގުހެދުމެވެ." 

މިނޫން އެއްވެސް ޙާލަތެއްގައި ދޮގުހގެދުން ހުއްދަވެގެނެއް ނުވެއެވެ. 

ދެން ބަލައިލަންވީ ދޮގުގެ ތަޢާރަފަށެވެ. 

ދޮގަކީ، އެކަމެއް ހިނގައިދިޔަ ގޮތާއި ޙިލާފަށް ބުނެވޭ ބަހެވެ. ދޮގުހެދުމަކީ މުނާފިޤުންގެ ސިފައެއްކަމާއި، އެކަމުން ރައްކާތެރިވުމަށް މިއުންމަތުގެ މާތް ނަބިއްޔާ އަޅުގަނޑުމެންނަށް ވަނީ އަންގަވާފައެވެ. އެއީ އެ ސިފައެއް ދެކެ އެކަލޭގެފާނު ނުހަނު  ނުރުހުންތެރިވާ ސިފައެއްވެސްމެއެވެ. ދޮގުހަދާ މީހުންނަކީ ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހުންކަމުގައި ﷲ ޞުބްޙާނަހޫ ވަތައާލާ ވަޙީކުރައްވާފައިވޭއެވެ. 

إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّـهِ ۖ وَأُولَـٰئِكَ هُمُ الْكَاذِبُونَ (سورة النحل, 105)

މާނައީ: "ދޮގުހަދާކަން ކަށަވަރީ، ﷲ ގެ آية ތަކަށް إمان ނުވާ މީހުންނެވެ. އަދި އެއުރެންނަކީ ހަމަ، ދޮގުވެރިންނެވެ." 

އަދި އެކަލޭގެފާނު ޚަބަރުދެއްވާފައިވާ ގޮތުގައި ދޮގުހެދުމަކީ ފާފައެކެވެ. އަދި އެކަން މަގުދައްކަނީ ނަރަކައަށެވެ. ދޮގުހެދުމުގައި ދެމިހުރެއްޖެ މީހާ، ﷲ ގެ ޙަޞްރަތުގައި ދޮގުވެރިއެއް ކަމުގައި ލިޔެވޭހުއްޓެވެ. 

މިކަންބަޔާން ކުރައްވައި އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. 

((عَلَيْكُمْ بِالصِّدْقِ، فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللهِ صِدِّيقًا، وَإِيَّاكُمْ وَالْكَذِبَ، فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللهِ كَذَّابًا)) [رواه مسلم] 

މާނައީ: "ތިޔަބައިމީހުން ތެދު ބުނާހުށިކަމެވެ. ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮ ކަންތައްތަކަށެވެ. އަދި ހެޔޮ ކަންތައްތައް މަގުދައްކަނީ ސުވަރުގެއަށެވެ. ﷲގެ ޙަޟްރަތުގައި ތެދުވެރިއެއްކަމުގައި ލިޔެވެންދެން ތެދުބުނުމާއި ތެދުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ.. ދޮގު ހެދުމުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ނުބައިކަމަށެވެ. އަދި ނުބައިކަންތައްތައް މަގުދައްކަނީ ނަރަކައަށެވެ. ﷲގެ ޙަޟްރަތުގައި ދޮގުވެރިއެއްކަމުގައި ލިޔެވެންދެން ދޮގުހެދުމާއި ދޮގުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ."

މައްލޫމާތު: އައްޝައިޚް ޢަބްދުލްމުޢިއްޒު ރަޝީދުގެ ދަރުސަކުން 

ދޮގުހެދުމަކީ ނިފާޤުކަމާއި ގުޅިފައިވާ ޢަމަލެކެވެ. ދޮގުހެދޭކަން އިޙްސާސްވާނަމަ، އެއީ ތިބާގެ ގައިގައި ނިފާޤުކަމުގެ މިންވަރެއް ހުރިކަމުގެ ހެއްކެކެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.   

((آيَةُ الْمُنَافِقِ ثَلَاثٌ إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ)) [رواه البخاري]

މާނައަކީ: "މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ.  އޭނާ ވާހަކަ ދައްކައިފި ނަމަ ދޮގު ހަދާނެއެވެ.  އަދި ވަޢްދެއްވެއްޖެނަމަ އެއާ ޚިލާފުވާނެއެވެ. އަދި އަމާނާތެއް ޙަވާލު ކުރެވިއްޖެނަމަ އެއަށް ޚިޔާނާތްތެރި ވާނެއެވެ."  

އިސްވެދިޔަ ބަސްފުޅުތަކުން އެނގިގެންދަނީ، ދޮގުހެދުމަކީ އިސްލާމްދީނުގައި ޙަރާމްކަމެއް ކަމެކެވެ. އަދި ދޮގުގެ ސަބަބުން މުޖްތަމަޢު ފަސާދަވެގެންދެއެވެ. ދޭދޭ ގުޅުން ކެނޑިގެންދެއެވެ. އަދި އެކަމާއި، ނިފާޤުކަމާއި ހުރި ގުޅުން އެނގިގެންދެއެވެ. ދޮގުގެ ސަބަބުން ފާފަތަކަށް އަރައިގަތުމަށް ދޮރެއް ހުޅުވިގެންދެއެވެ. އަދި ނަރަކައަށް ވަނުމުގެ ސަބަބެއްކަމުގައި އެކަން ވެގެންދެއެވެ. ދޮގުހެދުމުން ރައްކާތެރިވެވޭނީ ތެދުހެދުމުގައި ޘާބިތުވެގެންނެވެ. ޞުބްޙާނަހޫ ވަތަޢާލާއަށް ކިޔަމަންތެރި ވެގެންނެވެ. 

وصلى الله وسلم على محمد و آله صحبه أجمعين. آمين.

 

މިއަދު އޮންލައިން