ބަޤަރާ ސޫރަތުން ރުޤުޔާ ކުރާނެ ގޮތް: ޝައިޚް ޠާހާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ބަޤަރާ ސޫރަތުން ރުޤުޔާ ކުރާނެ ގޮތް: ޝައިޚް ޠާހާ

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހުން އިމާމު މުސްލިމް ރިވާ ކުރައްވާފައިވާ ޙަދީޘްއެއްގައި ވަނީ --- " ތިޔަބައިމީހުން ބަޤަރާ ސޫރަތް ކިޔަވާށޭ" --- " ފަހެ ހަމަކަށަވަރުން އެ ސޫރަތް ކިޔެވުމަކީ ބަރަކާތް ލައްވާ ކަމެކެވެ." --- " އަދި އެ ސޫރަތް ނުކިޔަވާ ދޫކޮށްލުމަކީ ދިރިއުޅުމުގައި ގެއްލުމާއި ނިކަމެތިކަން ހުރި ކަމެކެވެ." --- " އަދި އެސޫރަތަކީ ސިޙުރުވެރިންނަށް ފުރިހަމަ ކުރެވޭނެ ސޫރަތެއް ނޫނެވެ."  

ޢިލްމުވެރިން މި ޙަދީޘް ޝަރަހަ ކުރައްވަމުން ވިދާޅުވަނީ ބަޤަރާ ސޫރަތް ކިޔަވާމީހާއަށް ސިހުރުވެރިންނަށް ސިހުރު ނުވެސް ހެދޭނެކަމުގަ. އަދި ގެއެއްގަ ސިހުރު ހުރިނަމަ، އެ ގެއެއްގައި ބަޤަރާ ސޫރަތް ކިޔަވާއިރު އެ ގެއަކުން ސިހުރު ބާތިލް ވާނެ ކަމުގަ. ހަމަ އެފަދައިން އެހެން ޙަދީޘްތަކުން ސާބިތުވެފައިވޭ އެ ގެއެއްގަ ބަޤަރާ ސޫރަތް ކިޔަވާ ކަމުގައި ވާނަމަ އެގެއަކާ ދުރަށް ޝައިޠާނާ ދުވެ ފިލާކަމުގައި. އެހެންކަމުން މި ސޫރަތަކީ ހާއްސަ ގޮތެއްގައި ސިހުރަށް ފަރުވާކުރުމަށް ބޭނުންކުރެވިދާނެ ސޫރަތެއް.  

ހަމައެފަދައިން އިމާމް އިބްނު ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވޭ މި ސޫރަތަކީ އެސްފީނާ ހަސަދައަށްވެސް ފަރުވާ ކުރެވިދާނެ ސޫރަތެއްކަމުގަ. ހަމައެފަދައިން ޖިންނި ޝައިޠާނުންގެ އުނދަގުލަށް ފަރުވާ ކުރެވިދާނެކަން ކުރިން އިސްވެދިޔަ ޙަދީޘުން އެބައިނގޭ. އެއީ އެސޫރަތް ކިޔެވުމުން ގެއާ ދުރަށް ޝައިޠާނާ ދުވާކަމުގައި ވާނަމަ އެ ސޫރަތް ކިޔަވާ މީހާއާވެސް ދުރުވެގެން ވާނެ ޝައިޠާނާ.  

އެހެންކަމުން މި ސޫރަތަކީ މީ ރޫޙާނީ ބަލި ޖެހިފައިވާމީހުން ނުވަތަ ސިހުރާއި އެސްފީނާ ހަސަދަ އަދި ޖިންނި ޝައިޠާނުންގެ އުނދަގޫ ޖެހިފައިވާ މީހުން ފަރުވާ ކުރުމަށް ވަރަށް މުހިއްމު ސޫރަތެއް.  

މި ސޫރަތުން ފަރުވާ ކުރާނެ ގޮތަކީ: ފެންފުޅިއެއް ނުވަތަ ފެން ޖޯޑެއް ހޯދާނީ. އެއަށްފަހު ސޫރަތް ކިޔަވަން ފަށާނީ. ކޮންމެ ސޮފްޙާއެއް ކިޔަވާފައި އަޢޫޛް ބިސްމި ކިޔާފަ ކޮންމެ ސޮފްޙާއެއް ކިޔަވާފަ ފުމެލާނީ. އެގޮތުން މުޅި ސޫރަތް އެއްކޮށް ކިޔަވާ ނިމުނީމަ، ފެންފުޅީގެ ނުވަތަ ފެން ޖޯޑުގެ ތިންބައި ކޮށްފަ ދެބައި ބޯނީ އަދި ބާކީ ހުރި ބައި މުޅިގައިގަ ފެން އުނގުޅާފަ ހިކެންދެން ބަހައްޓާނީ. 

ކޮންމެއަކަސް މި ސޫރަތް އެންމެ ރަނގަޅީ ދުވާލަކު އެއްފަހަރު ކިޔެވެންޏާ ކިޔެވުން. ދުވާލަކު އެއްފަހަރު ނުކިޔެވޭ ކަމުގައި ވާނަމަ ދެދުވަހަށް ނުވަތަ ތިން ދުވަހަށް ބަހާލައގެން ކިޔެވިޔަސް އެންމެ ރަނގަޅު. މަދުވެގެން ގާތްގަނޑަކަށް މަހެއްހާ ދުވަސް ނުވަތަ ސާޅީސް ދުވަސްވަރު މި ސޫރަތުން ފަރުވާ ކުރާނީ. ވަރަށްވެސް ތަފާތު ރަނގަޅު ހެޔޮ ނަތީޖާތަކެއް އިންޝާﷲ ފެނިގެންދާނެ.  

ދުޢާއަކީ އަޅުގަނޑުމެން އެންމެންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލައްވާ އެންމެހާ ބަލިމީހުންނަށް ﷲ ސުބޫހާނަހޫ ވަތަޢާލާ ޝިފާދެއްވުން. 

ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.

 

- ޝައިޚް މުޙައްމަދު ޠާހާ

މިއަދު އޮންލައިން