ވަރަށް ގިނަ ފަހަރު ބައެއް ކަންކަން މެދުވެރިވުމުން އެއީ މިވެނި މީހަކުގެ ސަބަބުން މެދުވެރިވިކަމެއް ކަމަށް ޤަބޫލުކުރެއެވެ. އަދި އިތުރަށް ޔަޤީންކުރަން ސިޙުރުވެރިންގެ ގާތަށް ދިއުމުން ހަމައެމީހާގެ ވާހަކަވެސް ބުނެފާނެއެވެ. އެގޮތަށް އެދިމާވަނީ ސިޙުރުވެރިޔާ އާއި ގުޅިފައިވާ ޝައިޠޯނާއަށް އޭނާގެ (އެދިއަ މީހާގެ) ވިސްނުން އެނގޭތީ ސިޙުރުވެރިޔާގެ ގާތުގައި އޭނާގެ ވާހަކަބުނަނީއެވެ.
އެއީ އެއްވެސްޙާލެއްގައި އެކަންކުރީ އެމީކަމަށްވެގެނެއް ނޫނެވެ. ޝައިޠޯނުންނަށް އަހުރެމެންގެ ވިސްނުން އެނގޭތީއެވެ. ވިސްނުން އެނގެނީ އަހުރެމެންގެ ލޭގެ ތެރޭގައި އެއެއްޗެތި ދައުރުކުރާތީއެވެ.
މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ ކަމެކެވެ! އެހެނީ އެގޮތަށް އެކަން ޤަބޫލުކުރެވިއްޖެނަމަ އެވެއްޓިގަނެވެނީ ވަރަށް ބޮޑު ފާފައެއްގެ ތެރެއަށެވެ. ވީމާ ކުރެވޭ ޝައްކެއްގެ މައްޗަށް ނުވަތަ ސިހުރުހަދާމީހަކު އެމީހުން ބަލާގޮތަކަށް ބަލާފައި ބުނާބުނުމެއްގެ މައްޗަށް އެއްވެސް މީހެއްގެ ކިބައިގައި ސިހުރުހެދިކަމުގެ އިލްޒާމް ނުއަޅުވާށެވެ! އެއިރުން އެކުރެވެނީ ވަރަށް ބޮޑު ފާފައެކެވެ.
އެހެނީ ސިހުރުހަދާމީހާ އާއި ސިހުރު ހައްދުވާ މީހާއަކީ ކުފުރުވެގެންތިބިބައެކެވެ. ރަސޫލް ﷺ ޙަދީޘްކުރައްވަވާފައިވަނީ އެ ދެ މީހުންނަކީވެސް ތިމަން ރަސޫލް ﷺ ގެ އުންމަތުގެ ތެރެއިންވާ މީހެއް ނޫންކަމަށެވެ. ވީމާ އެދެމީހުންނަކީވެސް ކާފިރުންނެވެ.
އެހެންކަމަށްވާއިރު އެއްވެސް ކުށެއްނުކުރާ މުސްލިމެއްގެ ބޮލުގައި އެފަދަ އިލްޒާމެއް އެޅުވުމުން އެއެޅުވެނީ އެމީހަކީ ކުފުރުވެގެންހުރި މީހެއްކަމުގެ އިލްޒާމެވެ. އެއީ މީހެއްގެ ބޮލުގައި އެޅުވޭނެ އެންމެ ނުބައިކަންބޮޑު އިލްޒާމެވެ. ވީއިރު އެކުރެވޭ ފާފައިގެ ބޮޑުކަން ނިކަން ހިތަށްގެނެސްބަލާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން