ﷲ ތަޢާލާއަށްޓަކައި ކަންކަން ކުރެވޭ މީހުންގެ ޢަދަދު މަދުވަމުންދާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. މިބުނަނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރާއިރުވެސް އަމިއްލަ ފައިދާއަށް ނުބަލައި ކަންކަން ކުރާ މީހުންގެ ޢަދަދު ގިނަވާ ވާހަކައެވެ.
މިއަދުގެ ޢާންމު ޙާލަތަށް ބަލައިފިނަމަ ކިތަންމެ ނިކަމެތި ޙާލުގައި ޖެހިފައިވާ އަންހެނަކު މީހެއްގެ ގާތަށް ކަމަކުދިއަ ނަމަވެސް ފުރަތަމަވެސް ބަލައިލާނީ އޭނާގެ ސިފައަށެވެ! ބުރުސޫރައަށެވެ. އޭނާގެ ކިބައިން ފެންނަ "ޚާއްޞަ ސިފަ"ތަކަށެވެ! އެކަންކަމަށް ބަލާނަމަ އެބެލެނީ ބަލަން ޝައިޠޯނާ ވަސްވާސްދޭ ކަންކަމަށެވެ!
ﷲ ތަޢާލާއަށްޓަކައި އަންހެނަކަށް ނުވަތަ އަންހެނުންނަށް ފައިސާ ނުވަތަ އެނޫންވެސް އެއްޗެއްދީ އެހީތެރިވާންވީ އެކަނބަލުންގެ ރީތިކަމަށް ބަލައިގެނެއް ނޫނެވެ. އެކަނބަލުންގެ ހާލަތަށް ބަލައި ﷲ ތަޢާލާއަށްޓަކައެވެ. ނަމަވެސް މިއަދު އަހަރެމެންނަށް ޞަދަޤާތް މިކުރެވެނީވެސް މުނާފިޤުން ފަދައިން ވެގެން ތިބެއެވެ. އެފަދަ ކަންކަން ކުރުން އަވަހަށް ހުއްޓާލައި ﷲ ތަޢާލާ އެންގެވި ގޮތުގައި ހޭދަކުރާބައަކަށްވާށެވެ!
ޞަދަޤާތް ކުރުމުގެ ސަބަބުން ހަމަ އެކަކުވެސް ބަނގުރޫޓު ނުވާނެ ކަމުގެ ގަރަންޓީ ރަސޫލް (ﷺ) ވަނީ ދެއްވަވައިފައެވެ. މާނައަކީ ޞަދަޤާތްދީގެން މީހަކު ފަޤީރު ނުވާނެ ކަމެވެ. ވާނީ މުއްސަނދިކަމެވެ. ހިތާމައަކީ މިފަދަ ހަދީޘްފުޅުތަކަށް ވިސްނާ މީހުން މަދުކަމެވެ. އަމިއްލަ އެކައުންޓު ބޮޑުކުރަން ވިސްނާ މީހުން ގިނަކަމެވެ.
--މުފްތީ މެންކުގެ ދަރުސަކުން