ބައިވެރިޔާ ބޭވަފާތެރިވީތީ ބަދަލުހިފަން އަމިއްލަ ނަފުސް ނަރަކައަށް އެއްލައިލުމަށްވުރެ ބޮޑު މޮޔަކަމެއް ކުރެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ބައިވެރިޔާ ބޭވަފާތެރިވީތީ ބަދަލުހިފަން އަމިއްލަ ނަފުސް ނަރަކައަށް އެއްލައިލުމަށްވުރެ ބޮޑު މޮޔަކަމެއް ކުރެވޭނެތަ؟

މިހާރަކަށް އައިސް ވަރަށް ގިނައިން ހިނގާ ޢާއިލީ ކަމަކުން ފަށާނަމެވެ. ދެމަފިރިންކުރެ މީހަކު ޒިނޭކުރުން ފަދަ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ބޮޑުފާފައެއް ކުރުމަށްފަހު އެބަ ބުނެއެވެ. "ތިބާ ވެސް މިވެނިކަމެއް ކުރިއެވެ. އަހަރެން އެކަންކުރީ ތިބާކުރީތީއެވެ! ކަންކަން ކުރެވޭނީ ކަލެއަށް އެކަނިކަމަށް ހީކުރަނީ ހެއްޔެވެ؟ މިދައްކައިލީ އެކަމެވެ."  

ސުވާލަކީ ﷲ ތަޢާލާއަށް އޮންނަންޖެހޭ ބިރުވެތިކަން ކޮބައިހެއްޔެވެ؟ އެކަކު ފާފައެއް ކުރުމަކީ ދެންހުރިމީހާ ފާފަކުރަން ހުއްދަލިބޭކަމެއް ހެއްޔެވެ؟ އެކަކު ފާފައެއް ކުރީތީ ދެވަނަ މީހާ ބަދަލުހިފަން ކުރާ ފާފައަށް ﷲ ތަޢާލާ ޢަޛާބު ނުދެއްވަވާނީ ހެއްޔެވެ؟ ތިމާގެ ފަތުގައި ތިމާކުރި ފާފަ ނުލިޔުއްވަވާނީ ހެއްޔެވެ؟ ތިމާކުރާ ފާފަ 7 އުޑުމަތިން ﷲ ތަޢާލާ ބައްލަވައިވޮޑިގެން ނުވަނީ ހެއްޔެވެ؟ 

މުސްލިމުންނަށް މިއަދުކުރިމަތިވެފައިވާ ޙާލަތަށް ބަލައިފިނަމަ ހުރިހާވެސް މައްސަލައަކީ އެންމެކަމެއް ހިތުގައިވާކަން ކަމަށް ބުނެވިދާނެއެވެ. އެހެނީ މުސްލިމުން ﷲ ތަޢަލާއަށް އީމާންވެއެވެ. ފަރުޟު އަދާކުރެއެވެ. އެތައް ބައިވަރު އަޅުކަންވެސް ކުރެއެވެ. ނަމަވެސް ގިނަބައެއްގެ ކިބައިން ނެތިގެން މިއުޅެނީ ހަމަ އެންމެ ކަމެކެވެ.  

އެކަންތައް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. އިސްލާމް ކަމާއިމެދު ޖިބްރީލްގެފާނު ރަސޫލް އާއި ކުރެއްވެވި ސުވާލުތައް އަބޫހުރައިރާ (ރޢ) ބަޔާންކުރެއްވެވި ޙަދީޘްފުޅުންނެވެ.  

ޖިބްރީލްގެފާނު: "އޭ ﷲ ގެ ރަސޫލާއެވެ. އިޙްސާންކަމަކީ ކޮބާ ހެއްޔެވެ؟" 

ރަސޫލް : "އެއީ ތިބާއަށް، ﷲ ފެންނަ ފަދައިން އެއިލާހަށް ބިރުވެތިވުމެވެ. ފަހެ ތިބާއަށް އެއިލާހު ނުފެނުނަސް އެއިލާހު ތިބާ ދެކެވޮޑިގެންވެއެވެ." 

އެބޭކަލަކު ދެންނެވިއެވެ. "ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ." 

(އެބޭކަލަކު ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ. އިޙްސާންކަމަކީ ކޮބާ ހެއްޔެވެ؟"

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެއީ ތިބާއަށް، ﷲ ފެންނަ ފަދައިން އެއިލާހަށް ބިރުވެތިވުމެވެ. ފަހެ ތިބާއަށް އެއިލާހު ނުފެނުނަސް އެއިލާހު ތިބާ ދެކެވޮޑިގެންވެއެވެ." 

އެބޭކަލަކު ދެންނެވިއެވެ. "ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ." (ޞަޙީޙް މުސްލިމް)  

މިއަދުގެ ޙާލަތަކީ ﷲ ތަޢާލާޢަށް އީމާންވަމުއެވެ. އަޅުކަންވެސް ކުރަމުއެވެ. ނަމަވެސް ހިތުގައި ބިރުވެތިކަމެއް ނެތެވެ. ތިމާ ކުރާ ކޮންމެ ޢަމަލަކާއި އެންމެ ކުޑަމިނުން ހިތަށް އަރުވާ ކަންކަންވެސް ﷲ ދެކެދެނެވޮޑިގެންވާކަން ހަނދާނެއް ނުހުރެއެވެ. ހިތަށް އެރިހައިކަމެއްކޮށް ހިތަށްއެރިހައި ވާހަކަތަކެއް ދެއްކެނީ އެބިރުވެތިކަން ހިތގައި ނެތުމުންނެވެ.  

މުސްލިމް ޤައުމުތައް ކަމުގައި ބުނާ ޤައުމުތަކުގައި އެންމެ މަތިން ފެށިގެން ތިރިއަށް އޮތީ ހަމަ މިމައްސަލައެއްވެ. ވެރިންގެ ހިތަކު ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތެވެ. ރައްޔިތުންގެ ހިތަކު ބިރުވެތިކަމެއް ނެތެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިޙްޞާންތެރިކަން އިސްކުރާށެވެ! އިޙްޞާންތެރިކަމޭ ބުނެވުމުން ގިނަފަހަރަށް މާނަ ނެގެނީ އެއީ ހަމައެކަނި އެހެން މީހަކަށް ހެޔޮކޮށްހިތުން ކަމަށެވެ. ނަމަވެސް ޙަޤީޤަތުގައި އިޙްޞާންތެރިވުމުން ހެޔޮކޮށް އެހިތެނީ ތިމާގެ އަމިއްލަނަފްސަށެވެ. ﷲ ތަޢާލާއަށް ބިރުވެތިވެވޭތީއެވެ. އެކަމުގެ ފައިދާކުރާނީ ތިމާއަށްކަމުގައިވާތީއެވެ.  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން