އަޅުގަނޑަކީ ޙިޖާބް އަޅައިގެން ހުންނަ އަންހެނަކަށްވުމުން ވަޒީފާއެއް ލިބެން ހުރަސްތަކެއް ކުރިމަތިވިއެވެ. އެކަމަކު ހިތަށް އެރީ ދުވަހަކު ވަޒީފާއެއް ނުލިބުނަސް ޒަމާނީ ނުވާށެވެ! އަހަރު ދުވަސް ފާއިތުވެގެން ދިއުމުން ފައިސާއަށް ދަތިވިއެވެ. އެކަމަކު ސަލާމެއް ނުޖަހަމެވެ.
އިންޓަރވިޔު އަކަށް ކިޔުމުން ދިއަތަނަކުން ބައްދަލުވި ފިރިހެނެކެވެ. މުހިންމު ވާހަކައެއް ދައްކާލަން ބޭނުން ކަމަށް ބުނުމުން ނަންބަރުދިނީމެވެ. އެވާހަކަވެގެންދިއައީ ހަމަ ވަރަށް މުހިންމު ވާހަކައަކަށެވެ. ދެމީހުން މިތިބީ ކައިވެނިކޮށްގެންނެވެ. މިއަދު އަޅުގަނޑަކީ އަނބިމީހާގެ އިތުރުން ފިރިމީހާގެ ވިޔަފާރީގެ އެޑްމިން ބަލަހއްޓާ މުވައްޒިފެވެ.
ކައިވެނިކުރަން އުޅުނުއިރު ކުރި އިންޓަރވިޔުތަކުގައިވެސް ޙިޖާބެއް ނުނަގަމެވެ. މޫނު ދެއްކީ ރަންކިޔުއްވި ރޭގައެވެ.
މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ ޙިޖާބް އަޅާކުދިންނަށް ހިތްވަރަކަށެވެ. ޙިޖާބް އަޅައި ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުން ދެއްވަވާ ވަޒީފާ މާމަތިވެރިވާނެ ކަމަށް ބުނުމަށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ޒަމާނަށް އައިސްފައިވާ ބަދަލުތަކާއިއެކު ވަޒީފާތަކަށް ނުކުންނަ އަންހެނުން މިދަނީ ގިނަވަމުންނެވެ. އެއިގެ ތެރޭގައި ޙިޖާބް އަޅައި ނިވާވެގެންތިބޭ އަންހެނުންވެސް ހިމެނެއެވެ. އެފަދަ އަންހެނުންނަށް ވަޒީފާ ލިބުމުގައި ދަތިތައްވެސް ކުރިމަތިވެއެވެ.
އެޙާލަތުގައި މާޔޫސްކަން ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ. އަދި މިފަދައިން ވިސްނޭގޮތްވެސް ވެއެވެ. "ދުވަސްކޮޅަކަށް ޙިޖާބް ނަގަންވީއެވެ. ވަޒީފާއެއް ލިބި ހަމަޖެހިލެވުމުން ފަހުން ޙިޖާބަ އަޅާނީއެވެ! ﷲ ތަޢަލާ އަހުރެންގެ ޙާލަތު ދެކެދެނެވޮޑިގެންވެއެވެ."
ޔަޤީންކުރާށެވެ! މިއީ ހަމަ ސީދާ ޝައިޠޯނާ ދޭ ވަސްވާސްތަކެވެ. މިވަސްވާހުގެ ފަހަތު ބައި އެއީ ވަރަށް ބޮޑު ތެދެކެވެ. "ﷲ ތަޢަލާ އަހުރެންގެ ޙާލަތު ދެކެދެނެވޮޑިގެންވެއެވެ." އެކަން ޤަބޫލުކުރެވޭނަމަ ޙިޖާބް ނަގަންވީއެއް ނޫނެވެ. ޙިޖާބް އަޅައި ނިވާވުމުގައި އިތުރަށް ޘާބިތުވާންވީއެވެ.
އެހެނީ ތިބާއަށް ވަޒީފާއެއް ނުލިބިގެން އުޅޭކަމާއި އުޅެންޖެހިފައިވާ ޙާލަތު ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަން ޤަބޫލުކުރެވޭނަމަ އޮތީ ﷲ ތަޢާލާއަށް ފުރަގަސްދިނުމެއް ނޫނެވެ. ކުރިމަތިލައި ދުޢާކުރުމެވެ. ތިމާގެ ހުރި ނިކަމެތިކަން ބަޔާންކޮށް އާދޭސް ދެންނެވުމެވެ.
މިމަގުންވެސް ވިސްނާށެވެ! ޙިޖާބް ނެގުމުން ލިބުނު ވަޒީފާއަކީ ތިބާއަށް ކުރިމަތިވި އެންމެ ބޮޑު ހަލާކާއި ގެއްލުން ކަމަށް އިރާދަޖކުރެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. އަދި ދަތިޙާލުގައި އެވަޤުތު އުޅެންޖެހުމުން ﷲ ތަޢާލާއަށް ކެތްތެރިވެލައި ވަކީލުކުރުމަކީ ފަހުން ދެއްވަވާ ނިޢުމަތްތަކުގެ ބޮޑުކަމުން ތިބާގެ ދުނިޔެއާއި އާޚިރަތް ކާމިޔާވެގެންދާ ސަބަބުކަމުގައި މިންވަރު ކުރެއްވެވުމަށްވެސް ކުޅަދުންވަންތައެވެ.
ޔަޤީންކުރަންވީ ތަނަވަސްކަމާއި އުފާވެރިކަމާއި ކާމިޔާބީ ލިބުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ. ޙަޤީޤީ އުފާވެރިކަން ލިބުން ވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެން ކަމެވެ. މިދެކަންތައް ޤަބޫލުކޮށް ޢަމަލުކޮސްފި އެކަކުވެސް ނިކަމެތި ނުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން