ޤިޔާމަތްވުން ގާތްވުމުން ފެންނާނެ ރަންފަރުބަދަ ފެންނާނީ ކޮން އިރަކުން؟ އަޅުގަނޑުމެންގެ ޙަޔާތުގަ ފެންނާނެތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައިވާ ލިޔުމުން ވަރަށް ގިނަ މަޢުލޫމާތު ލިބިލައްވާނެ ކަމަށެވެ. އިން ޝާ ﷲ
ފަހުޒަމާނުގައި ހިނގާނެކަމަށް އެންގެންހުރި ވަރަށް ގިނަ ކަންކަން ހިނގަމުންދާ ކަމަށް ބުނެވެއެވެ. އެހެންކަމަށްވާއިއރު ފަހުޒަމާނުގައި ފެންނާނެ ކަމަށް ބުނާ ރަން ފަރުބަދަތައް ފެނުން ފަދަ ކަންކަން ހިނގަން ކައިރިވެއްޖެކަމުގެ އެއްވެސް ޢަލާމާތެއް ފެނިއްޖެތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ.
ދުނިޔެ ނިމެނީއެވެ! ފުރާތުކޯރާއިމެދު އޮތް ޙަދީޘްފުޅުގެ ތެދުކަން ފެންނަމުންދަނީއެވެ. މިހާރު މަދުވަނީ ކޯރުން ފެން ހިނދި އެތަނުން ރަން ފަރުބަދަ ފެނުމެވެ. އެކަން ދައްކަވާނެ ދުވަހެއް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
ކޯރުގައި ޑޭމްލެވިއްޖެއެވެ. ފެނުގެ މިސްރާބު އެހެން ބައަކަށް (ޔަހޫދީންނަށް) ބަދަލުކުރެވިއްޖެއެވެ. ކޯރުން އެދަނީ ފެން ފިނދެމުންނެވެ. ނުއެނގެނީ ފެން އެކުގައި ހިނދެން ނަގާނެ މުއްދަތަކެވެ.
ކޮންމެއަކަސް ރަންފަރުބަދަ ފެނުމުން ނުވަތަ ރަނުގެ ފުނިވަރުތައް ފެނުމުން އެއިގެ މިލްކްވެރިކަން ލިބިގަތުމަށްޓަކައި ވަރަށް ބޮޑު ހަނގުރާމައެއް ކުރެވޭނެއެވެ. ބުނެވޭގޮތުގް ހަނގުރާމައިގައި ކޮންމެ 100 އަކުން 99 މީހުން މަރުވާނެއެވެ. ކޮންމެ މީހަކުވެސް ބުނާނީ އެއީ ތިމާގެ ޙައްޤެއް ކަމަށެވެ. ރަސޫލް ﷺ ޙަދީޘްފުޅު ކުރައްވަވާފައިވަނީ ފެންނަ ރަން ފަރުބަދަ އެއީ މުސްލިމުންނަށް ހުރި އެއްޗެއް ނޫންކަމަށާއި އެއާއި ކައިރިވެސް ނުވުމަށެވެ.
މީސްތަކުންނޭވެ! ދުނިޔެ ނިމެންދާއިރު މޫސުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެކަން މިދަނީ ކޮންމެ ދުވަހަކުހެން އިތުރުވަމުންނެވެ. ދާނީވެސް އިތުރުވަމުންނެވެ!
- ޝައިޚް ބިލާލް އައްސަދުގެ ދަރުސަކުން