ކުރާ އަޅުކަން އެންމެ ފުރިހަމަކުރަން މަސައްކަތްކުރުމަކީ ދުޢާ ޢިޖާބަކުރައްވަވާނެ ކަމެއްކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 19ސ
ކުރާ އަޅުކަން އެންމެ ފުރިހަމަކުރަން މަސައްކަތްކުރުމަކީ ދުޢާ ޢިޖާބަކުރައްވަވާނެ ކަމެއްކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

ކިތަންމެ ގިނައިން ކުރިޔަސް އަދި ކިތަންމެ ގިނައިރު ކުރިޔަސް ކުރާ އަޅުކަން ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ޝަރުޠުތައް ފުރިހަމަވާނަމައެވެ. އަދި ޛައްރެއްގެ މިންވަރަށްވެސް ދެއްކުންތެރިކަމެއް ނެތްނަމައެވެ. ނަމަވެސް މިކަމުގައި އަހުރެމެންގެ މިއަދުގެ ޙާލަކީ ކޮބައިހެއްޔެވެ؟  

ފުރަތަމަ ކަމަކަށް ކުރާ އަޅުކަން ވީހާ ފުރިހަމައަށް ކުރާށެވެ! އެއަސްފަހު ދެއަތް އުފުލައި ދުޢާކޮށް އެމީހަކަށް ބޭނުންވެގެންހުރި ކަންކަމުގެ ވާހަކައިން ދުޢާކުރާށެވެ! ޢިޖާބަ ކުރައްވަވާނެކަން ތިރީގައިވާ ޙާދިށާއިން އެނގިލައްވާނެއެވެ. އެއިގެ އިތުރުން ކުރާ އަޅުކަން ވިހާބޮޑަށް ސިއްރުކުރުމުގެ ފައިދާވެސް އެނގިލައްވާނެއެވެ. އިން ޝާ ﷲ  

މީސްތަކުންނޭވެ! އަޅުކަން ކުރަން އޮތީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަ ދަސްކޮށްދެއްވެވި ގޮތަށެވެ. ބަދަލެއް ނުގެނެވޭނެއެވެ. ހަމައެފަދައިން އަޅުކަންކުރުމުގައި ސަމާލުކަންދޭންވީ ކަންކަންވެސް ބަދަލެއް ނުކުރެވޭނެއެވެ. ކުރާ ކޮންމެ އަޅުކަމެއްވެސް ކުރަންވީ ސުންނަތާއި އެއްގޮތަށެވެ. ދެއްކުންތެރިކަމުގެ ޛައްރެއްގެ މިންވަރުވެސް ނެތިއެވެ.  

މިރޭ މިކިޔައިދެނީ ސަލަފުއްޞާލިޙުންގެ ޒަމާނުގައި ހިނގައިދިއަ ވަރަށް ޢިބްރަތްތެރި ހާދިސާއެއްގެވާވަހަކައެކެވެ. މުޅި މަދީނާ ސިއްސުވައިލި ހާދިސާއެއްގެ ވާހަކައެކެވެ.  މަދިނާއަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ފާއިތުވުމުން ވަރަށް ބޮޑަށް ފެނަށް ޖެހިގެން އުޅެންޖެހުނު ދުވަސްވަރަކު ހިނގައިދިއަ ކަމެއްގެ ވާހަކައެވެ.  

ފެން ހުސްވެ ފެނަށް ޖެހުމުން ހުރިހާ އިމާމުންނާއި ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ފެނަށް ދުޢާކުރިއެވެ.، ނަމަވެސް ވާރޭ ވެހޭނެ ގޮތެއް ނުވެގެން އެންމެނެ ތިބީ އެކަމުގެ ކަންބޮޑުވުމުގައެވެ. ހިތާމައިގައެވެ. ދަޑުވެރިކަން ކުރެވޭނެ ގޮތެއް ނެތެވެ. ގެރިބަކަރިތައް މަރުވަމުންދަނީއެވެ ކާބޯތަކެތީގެ ދަތިކަން އިންތިހާގައެވެ.  

އެދުވަސްވަރު އެއްރެއެއްގެ ޢިޝާ ނަމާދު ވަގުތެވެ. ޖަމާއަތުގައި ނަމާދުކޮށް ނިމިގެން ގިނަ ބައަކު މިސްކިތުން ފައިބައިގެން ގެއަށް ދިއަ ފަހުން މިސްކިތަށް އެރި މީހެކެވެ. އޭނާ ނަމާދުކުރީ ވަރަށް ފުރިހަމައަށެވެ. ހަރަކާތްތައްވެސް އެހައިމެ ފުރިހަމައެވެ. ކިޔެވުންވެސް އެހައިމެ ފުރިހަމައެވެ. އޭނާ ނަމާދުކުރިލެއް ފުރިހަމަ ކަމުން އިމާމް އިންނެވީ އޭނާއަށް ބައްލަވާށެވެ!  

އޭނާ ނަމާދުކުރުމަށްފަހު ދެއަތް އުފުލައި ދުޢާކޮށް ﷲ ތައާލާއަށް ދެންނެވިއެވެ. "ޔާ ﷲ! މަދީނާ ވަނީ ވަރަށް ބޮޑަށް ފެނަށް ޖެހިފައެވެ. ވަރަށް ގިނަ ބައަކު ފެނަށް އެދި އިނބަ ﷲ އަށް ދުޢާކޮށްފިއެވެ. ނަމަވެސް އަދިވެސް އިނބަ ﷲ ފެނެއް ނުދެއްވަވަމުއެވެ. ދުޢާ މިކުރަނީ ވަރަށް އާދައިގެ ވަރަށް ނިކަމެތި އިންސާނަކީމުއެވެ. މިއަޅާ އިނބަ ﷲގެ ނަންފުޅުގައި މަދިނާއަށް ވާރޭ ވެއްސަވައި ފެން ދެއްވެވުން އެދި އާދޭސް ދަންނަވަމެވެ."  

އޭނާ ދުޢާކޮށް ނިމުނުތާ ދާދިކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވާރޭވެހި މަދީނާއަށް ފެން ލިބިއްޖެއެވެ. އިމާމް އިންނެވީ ވަރަށް ހައިރާންވެފައެވެ.  

އެރޭގެ ފަތިސް ނަމާދަށްފަހު އެމީހާ ފަހަތުން އިމާމް ފައިބައިވަޑައިގެންނެވިއެވެ. އަދި އޭނާގެ ފަހަތުން ވަޑައިގެންނެވިއެވެ. އޭނާ ގެއަށް ވަނުމުން އަވަށްޓެރިއެއްގެ ކިބައިން އެއީ ކާކުތޯ ސުވާލުކުރެއްވުމުން ދެންނެވީ ނަން ނުއެނގޭ ކަމަށާއި އޭނާއަކީ ފައިވާން ހެދުމުގެ މަސައްކަތްކުރާ ވަރަށް އާދައިގެ މީހެއް ކަމަށެވެ.  

އިމާމް އެދުވަހު ހެނދުނު އެމީހާގެ ގެއަށް ވަޑައިގަތުމުން އެމީހާ ވަރަށް އުފާވެ މަރުހަބާ ދެންނެވިއެވެ. އަދި ފައިވާނެއް ހައްދަވަން ބޭނުންފުޅުވަނީތޯ ސުވާލުކުރިއެވެ. އިމާމް ވިދާޅުވީ ވަޑައިގެންނެވީ އެފަދަ ބޭނުންފުޅެއްގައި ނޫން ކަމަށާއި ވަޑައިގަތީ ރޭ އޭނާ ކުރި ދުޢާ ވަގުތުން އިޖާބަ ކުރެއްވެވުމުން އޭނާ އާއި ބައްދަލުކޮށްލައްވަވައި ބައެއް ކަންކަން އޮޅުންފިލުވައި ލެއްވުމުގެ ބޭނުންފުޅުގައި ކަމަށެވެ.  

އެމީހާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނާ ނަމާދުކުރި ގޮތް ބައްލަވައި ކުރި ދުޢާ އިމާމް އަޑު އެއްސެވިކަމަށްޓަކައެވެ. އެމީހާ އެހައި ރުޅި އައުމުން އިމާމް އެގެއިން ނުކުމެވަޑައިގަތީއެވެ. މިސްކިތުން އޭނާ އާއި ބައްދަލުކުރެއްވެވުމުގެ އުންމީދުގައެވެ. ނަމަވެސް އެއްދުވަސްވީއިރުވެސް އެމީހާ ފެނިވަޑައިގަތުމުން މަދީނާގެ ހުރިހާ ގެތަކަށް ވަޑައިގެން ބެއްލެވުމުން ވެސް އެމީހާ ފެނިވަޑައިގަންނަވާނެ ގޮތެއް ނުވިއެވެ.  

އެމީހާ މަދީނާ ދޫކޮށް ދަތުރުކޮށް ދިއައީއެވެ. ކީއްވެގެން ހެއްޔެވެ؟ އޭނާ ކުރި ދުޢާ އިމާމް އަޑު އެއްސެވުމުންނާއި އޭނާގެ އެދުމަކާއި ނުލައި އޭނާ ނަމާދުކުރި ގޮތް އިމާމް ބެއްލެވުމުން އައި ރުޅީގައެވެ.  

މީސްތަކުންނޭވެ! މިހިރީ ކުރާ އަޅުކަން ސިއްރުކުރަން އެބޭކަލުން ސަމާލުކަން ދެއްވެވި މިންވަރެވެ. މިއަދު މިކުރާ ކަމަކީ ކޮންމެ އަޅުކަމެއް ކުރުމަށްފަހު ވީޑިއޯކޮށް ފޮޓޯނަގައި ދުނިޔެއަށް ހާމަކުރުމެވެ. އެހެން މީހުންނަށް ޢިބްރަތަކަށްޓަކައި ނުވަތަ އެހެން މީހުންނަށް ހިތްވަރު ދިނުން ފަދަ މަތިވެރި ނިޔަތެއްގައި މެނުވީ އެފަދަ ކަންކަން ކޮށްގެން ނުވާނެއެވެ! ދެއްކުންތެރިކަމުގެ އަމަލަކަށްވެ އެކަމުގެ ސަބަބުން ފާފަވެރިވެދާނެ ކަމުގެ ބިރަށްޓަކައެވެ!  

މިހާދިސާގެ ވާހަކަ އަހަރެން ވަރަށް ގިނައިން ކިޔައިދެމެވެ. އެއީ ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ދުޢާ ޢިޖާބަކުރެއްވެވުން އަވަސްވާނީ ވަކިފެންވަރެއްގެ ބައަކު ދުޢާކުރުމުން ކަމަށެވެ. މިހާދިސާއަކީ އެކަން އޮތީ އެހެން ނޫންކަން ހާމަވެގެންދާ ވަރަށް ޢިބްރަތްތެރި ހާދިސާއެކެވެ.  

ﷲ ތަޢާލާގެ ޙަޟްރަތުގައި މީހާގެ ދަރަޖަ އުފުލި ރުހިވޮޑިގަތުން ލިބެނީ ތަޤްވާވެރިކަމުންނެވެ. އަޅުކަންކުރުމުގައި ތަވާޟުޢްވެރިވެވުނުވަރަކުންނެވެ. ކީރިތި ޤުރްއާން ކިޔަވާއިރު ސަމާލުކަންދެވޭ ވަރަކުންނެވެ. ޖުމުލަކޮށްބުނާނަމަ ﷲ ތަޢާލާއަށް ބިރުވެތިވެ އެކަލާނގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރެވޭ ވަރަކުންނެވެ. އެކަންކަން ކުރާކަށް މީހާއަކީ ވަކި ދަރަޖައެއްގެ މީހަކަށްވާކަށް ނުޖެހެއެވެ.

 

- އުސްތާޛް އަބޫ މުޙައްމަދުގެ ދަރުސަކުން

 

މިއަދު އޮންލައިން