ދުނިޔޭގައި އުޅެންޖެހިފައިވަނީ ކިތަންމެ ދަތިޙާށލުގައި ނަމަވެސް އެއް ބައަކު ކަންބޮޑެއް ނުވެއެވެ. ދުޢާކުރަނީ ޢުމުރު ދިގުކޮށްދެއްވެވުން އެދިގެންނެވެ. އަނެއް ބައަކަށް ކަމެއް ދިމާވާއިރަށް ބުނެވެނީ އަވަހަށް މަރުވާނެނަމަ މާރަނގަޅެވެ. ދެމީހުންނަކީވެސް ހަމަ ﷲ ތަޢާލާ އެއްގޮތަކަށް އުފައްދަވައި ދުނިޔޭގައި ލައްވަވާފައިވާ އިންސާނުންނެވެ.
ޤައުމެއްގެ ވެރިއަކު ތިބާއަކީ އޭނާގެ ނައިބެއް، މަންދޫބެއް، ޚަލީފާއެއް ކަމުގައި ހަދައިފިނަމަ ތިބާ އެކަން ދެކޭނީ ތިބާއަށް ލިބުނު އަދަބެއް ނުވަތަ އަނިޔާއެއްގެ ގޮތުގައިހެއްޔެވެ؟ އަހުރެންނަށް ބުނެވެން އޮތީ ހަމައެކަކުވެސް އެފަދަ ވިސްނުމަކުން ނުވިސްނާނެއެވެ. އަދި އެކަމަށްޓަކައި އުފާކުރާނީއެވެ.
އެހެނެއް ކަމަކު މިދުނިޔޭގައި އުޅެން ޖެހުމަކީ ލިބޭ ބޮޑު އަނިޔާއެއް ނުވަތަ އަދަބެއް ކަމުގައި ދެކޭ ބައަކު އެބަ އުޅެއެވެ. މާޔޫސްވެ ގޮތް ހުސްވެގެން އުޅޭ ބައަކު އެބައުޅެއެވެ. ބުނަން ހެއްޔެވެ؟ އެމީހުން މިދުނިޔޭގައި ވަނީ ކީއްވެގެންކަން އެމީހުންނަށް ނުއެނގެނީއެވެ.
މިދުނިޔޭގައި ކޮންމެ މީހަކުވެސް ލައްވަވާފައިވަނީ ﷲ ތަޢާލާގެ ޚަލީފާއެއްގެ ގޮތުގައެވެ. އެހެންކަމަށްވާއިރު ދުނިޔޭގައި އުޅޭއިރު ދިމާވާ ޙާލަތެއްގެ ސަބަބުން ތިމާއަށް ދުނިޔޭގައި އުޅެންޖެހިފައިވުމަކީ ކުރިމަތިވި މުޞީބާތެއްކަމަށް ދެކެން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟
މީސްތަކުންނޭވެ! ﷲ ތަޢާލާ، އެކަލާނގެ ޚަލީފާއެއްގެ ގޮތުގައި ދުނިޔޭގައި މީހަކު ލައްވަވައި އެމީހަކަށް ރަޙުމް ނުކުރައްވަވައި ދޫކޮށްލައްވަވާނެކަމަށް ހީވެސް ނުކުރާށެވެ! އޭނާގެ ހުރިހާ ކަމަކަށް އެކަލާނގެ ބައްލަވައި ވޮޑިގެންވެއެވެ.
އަހުރެމެންނަށް ކުރަން އޮތް ކަމަކީ ﷲ ތަޢާލާއަށް ތެދުވެރިވެ ޚަލީފާއެއްގެ ވާޖިބުތައް އަދާކުރުމެވެ. ތަނެއްގައި ވަޒީފާ އަދާކުރުމުން މުސާރަ ލިބޭގޮތަށްވުރެ މާފުރިހަމައަށް އަހުރެމެންނާއި ﷲ ތަޢާލާ ޙަވާލުވުކުރެއްވެވި މަސްއޫލިއްޔަތު އެކަލާނގެ އަންގަވާފައިވާ ގޮތަށް އަދާކުރުމުން އެކަމުގެ އުޖޫރަ ދެއްވަވާނެތެވެ. ސުވަރުގެ ދެއްވެވުމުން ލިބިގެންދާނެ އެންމެ ކުޑަ ނުވަތަ މަދު ނިޢުމަތްތައްވެސް 10 ދުނިޔެއާއި ނުބައްދަލުވާނެތީއެވެ.
ވީމާ ދުނިޔޭގައި އުޅުމާއިމެދު މާޔޫސްވާ ކޮންމެ ޙާލަތެއްގައި މިވިސްނުމުން ވިސްނައިލާށެވެ. އެއިރުން މާޔޫސްކަން ފިލައިގެންދާނެއެވެ. އިން ޝާ ﷲ
- އުސްތާޛާ ޔާސްމީން މުގާހިދުގެ ދަރުސަކުން