ކަދުރުރުކާއިމެދު ވިސްނާށެވެ! ވިއްސާރަވެ ވައިގަދަވާނެއެވެ. ވައި އަޅައި އަތް އަތަށް ރުއް ލެނބޭނެއެވެ. ނަމަވެސް ފުރުޞަތު ލިބޭއިރަށް ކުރިންހުރި ގޮތަށް ތެދުވާނެއެވެ. ވަރަށް ބާރު ގަދަ ޠޫފާނަކުން ނޫނީ ކިތަންމެ ވައިގަދަވިޔަސް ރުއް ލުހިގެނެއް ނުއަންނާނެއެވެ. ފަހަރެއްގައިވެސް ދާނީ ބިންދައިގެންނެވެ. ބޮޑު ހުރިގޮތަށް ހުންނާނެއެވެ. އެއީ ކީއްވެގެންހެއްޔެވެ؟ ޖަވާބަކީ ސަބަބަކީ މޫތައް ވަރުގަދަވެ ފުނަށް ފައިބައިފައި ހުންނަކަމެވެ.
މީސްތަކުންނޭވެ! މިޒަމާނުގައި އިސްލާމް ދީނާއި އިދިކޮޅު ހަރަކާތްތައް މިހައި ގިނަވެފައިވާއިރު މުސްލިމުންގެ އީމާންކަމަށް ލޮޅުން އަރާފަދަ ކަންކަން ކުރިމަތިވާނެއެވެ. ނަމަވެސް ސާބިތުވާށެވެ! އެކަން ކުރެވޭނީ މީހާގެ ޢަޤީދާ އެވަރަށް ވަރުގަދަކޮށްގެންނެވެ. ޢަޤީދާ އެވަރަށް ވަރުގަދަކުރެވޭނީ ދީނުގެ ކަންކަން އުނގެނި އަދި ޢަމަލުވެސްކޮށްގެންނެވެ.
ކަދުރު ރުކަށް ޘާބިތުކަން ލިބެނީ މޫތައް ވަރުގަދަވުމުންކަމަށް ބުނެފީމެވެ. އެހެންވެ ވައިގަދަވިނަމަވެސް ލޮޅުން އަރުވައި ނުލެވެނީއެވެ. އަހަރެމެންގެ ޢަޤީދާ ހަމަ އެވަރަށް ވަރުގަދަކޮށްފިނަމަ ލޮޅުން އަރުވައެއް ނުލެވޭނެއެވެ. އިން ޝާ ﷲ
ދެން ބުނެލަން އޮތީވެސް ހަމަ ކަދުރުރުކުން ލިބޭ ފިލާވަޅެކެވެ. ގަސްތައް ފަދައިން ފަތްތައް ބިމަށް ފާބައި މީހުންނަކަށް އެއްވެސް އުނދަގުލެއް ނުކުރާނެއެވެ. އަދި ކަދުރު ރުކުގެ ކޮންމެ ބައަކުންވެސް މީސްތަކުންނަށް ކުރާނީ ފައިދާއެވެ. އަޅާ މޭވާ އެންމެންނަށް ކާންލިބި ފައިދާކުރާނެއެވެ.
އަހަރެމެން މުސްލިމުންވެސް ވާންޖެހޭނީ ހަމަ އެފަދައިން މީސްތަކުންނަށް އެއްވެސް ގެއްލުމެއް ނުދޭ، އުނދަގުލެއް ނުކުރާ އެހެން މީހުންނަށް ފައިދާކޮށްދޭ މީހަކަށެވެ. އެގޮތުގައި ޘާބިތުވެއްޖެނަމަ އެމީހަކު ވާނީ ދެދުނިޔޭގެ ބާއްޖަވެރިންގެ ތެރެއިންނެވެ. އިން ޝާ ﷲ
ހެނދުނު މުސްލިމަކަށް ހުންނަމީހާ ހަވީރުވާއިރު ދީނުން ބޭރުވެފައިވާ މީހަކަސްވާނެ ދުވަސްކަމަށް ޙަދީޘްފުޅުގައި އޮތް ދުވަސްތައް މިވަނީ އަހުރެމެންނާއި ބައްދަލުކޮށްފައެވެ. ސަލާމަތްކަން ލިބި ފުރިހަމަ މުސްލިމެއްގެ ގޮތުގައި ޘާބިތުވެ ހުރެވޭނީ މިބަޔާންކުރި ކަންކަމަށް ވިސްނައި ޢަމަލުކުރަން މަސައްކަތްކުރި ވަރަކުންނެވެ. ދުޢާއަކީ އަހުރެމެން ހުރިހާ މުސްލިމުންނަށްވެސް ޘާބިތުކަން ދެއްވެވުމެވެ. އާމީން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން