ތަންކޮޅެއްވެސް ރީތި ފޭރާމެއްލައި ނަލަހެދިގެން ހުންނަ މީހަކު ފެންނައިރަށް އެމީހަކާއިމެދު ނުބައިހީތައްކޮށް ވާހަކަ ފަތުރާ މީހުން އުޅެއެވެ. އެއީ ކުރެވޭ ވަރަށް ދެރަކަމެކެވެ. އެކަން ކުރީމާ ފާފަވެރިވާނެ ކަމެކެވެ.
މުސްލިމަކަށްވުމަކީ ނުވަތަ ދީނީ ޢިލްމުވެރިއަކަށްވުމަކީ އޭނާގެ ބޭރުފުށުގެ ރީތިކަން ދޫކޮށްލަން ޖެހެންވީ ސަބަބެއް ނޫނެވެ. މުސްލިމުންނަކީ އަބަދުވެސް ތާހިރުކޮށް ރީތިކޮށް ތިބެންޖެހޭނެ ބައެކެވެ. ސާފުތާހިރުކޮށް ، ރީތިކޮށް ތިބުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.
އަހުރެމެންނަށް އެހައި ގިނައިން ވުޟޫކުރަންޖެހޭ އެއް ސަބަބަކީވެސް އެއީއެވެ. ގިނަގިނައިން މޫނު ދޮވެ ތާހިރުކޮށް ތިބެންވެގެންނެވެ. ވުޟޫކުރުމަކީ މޫނަށް އިތުރު އުޖާލާކަން ގެނެސްދޭނެ ކަމެކެވެ. ވުޟޫކުރުމުން މޫނު އަލިކޮށްދޭނެކަމަށް ބުނެވެނީވެސް އެހެންވެގެންނެވެ. މޫނަށާއި އަތްފަޔަށް ނުވަތަ ވުޟޫގެ ގުނަވަންތަކަށް އުޖާލާކަން ލިބިގެންދާތީއެވެ. ހަމަ އެކަނި މިދުނިޔެއަކު ނޫނެވެ. ޤިޔާމަތް ދުވަހު ހުންނާނީ ނޫރެއްފަދައިން ދިއްލިފައެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އިތުރުއެކަލޭގެފާނުގެ އުންމަތުގެ މީހުން ފާހަގަކުރައްވަވަން އެނގިވަޑައިގަންނަވާނެ ސަބަބަކަށްވެސް އެކަންވެއެވެ.
ހަޑިހުތުރުކޮށް، ރީތިކޮށް ފޭރާން ނުލުމަކީ މީހާގެ ކަންނެތްކަން ދައްކައިދޭ ކަމެކެވެ. އަމިއްލަ ހަށިގަނޑާއިމެދު ފަރުވާކުޑަކަން އަންގައިދޭ ކަމެކެވެ. އެގޮތަށް ތިބޭ މީހުން ދެކެ އެހެން މީހުން ފޫހިވެސްވާނެއެވެ. ބައްދަލުކުރަންވެސް ބޭނުމެއް ނުވާނެއެވެ. ސާފުތާހިރުވެ ހުވަނދުލައި މީރުވަސް ދުއްވައިގެން ތިބުމަކީ މީސްތަކުންގެ ލޯބި އިތުރުވާކަމެކެވެ.
އިމާމް މާލިކްގެފާނު ވަނީ މިކަންކަމުގައި މީސްތަކުންނަށް ނަމޫނާ ދައްކަވައިދެއްވަވާފައިކަމަށް ކުރިންވެސް ބުނީމެވެ. އެކަލޭގެފާނު ބަޔާންކުރެއްވެވި ޙަދީޘްފުޅުތައް ބަލައިގަންނަ ފަދައިން ދިރިއުޅުއްވި ގޮތްވެސް ބަލައިގަންނަން ޖެހޭނެއެވެ.
އަދި އެއިގެ ކުރިއަށް ޖެހިލާފައި ކަންކަން ބަލައިފިނަމަ ރަސޫލް ވެސް ވަނީ ހަަމަ މިބުނި ކަންކަމުގައި އުންމަތަށް ނަމޫނާ ދައްކަވައި ދެއްވަވައިފައެވެ. ވީމާ ރީތި ފޭރާންލުމާއި ށާފުތާހިރުވެގެން ތިބުމާއި ހުވަނދުލައި މީރުވަސް ދުއްވައިގެން ތިބުމަކީ ސުންނަތުގެ ތެރެއިން ހިމެނޭ ކަންކަމެވެ.
ވީމާ ފަށަމުން ބުނިފަދައިން ސާފުތާހިރުވެ ރީތި ހެދުންލައި އަދި ހުވަނދުލައިގެން ތިބޭ މީހުންނަށް މަލާމާތާއި ފުރައްސާރަ ނުކުރާށެވެ. މިހެން ބުނި ނަމަވެސް ހުވަނދުލުމުގައި އަންހެނުންނަށް އިންތަކެއްވެއެވެ. އެއިންތައް އަބަދުވެސް ހިފަހައްޓަންވާނެއެވެ.
- ޑރ. ރާނިއާ އަވާދުގެ ދަރުސަކުން