ތަޤްވާވެރިކަން އިތުރުކޮށް ޙެޔޮޢަމަލުތައްކުރަން ބޭނުންވިޔަސް ކަންނެތްވެވޭނަމަ ޢަމަލުކުރުމުން ފައިދާކުރާނެ ބައެއް ގޮތްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ތަޤްވާވެރިކަން އިތުރުކޮށް ޙެޔޮޢަމަލުތައްކުރަން ބޭނުންވިޔަސް ކަންނެތްވެވޭނަމަ ޢަމަލުކުރުމުން ފައިދާކުރާނެ ބައެއް ގޮތްތައް-

އަޅުކަންކުރުން އިތުރުކުރަން ކަންނެތްވެވޭނަމަ އެކަމުން އެނގެނީ ޝައިޠޯނާގެ ހުރަސްއެޅުންތައް ކުރިމަތިވެފައިވާ ކަމެވެ. އެޙާލަތުގައި ރަނގަޅަށް ނުވިސްނައިފި މީހަކު ދާނީ ފޭލްވެގެންނެވެ. ކަންނެތްކަން ޑާނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.

ވިސްނުމަށް ގެންނާށެވެ! އަޅުކަންކުރަން ބޭނުންވިނަމަވެސް ނުކުރެވިގެން ބައެއް މީހުން ކަންބޮޑުވެއެވެ. ނަމާދުކުރަން ފަށަން ބޭނުންވެއެވެ. އެހެނިހެން އަޅުކަންކުރަން ވެސް ބޭނުންވެއެވެ. ނަމަވެސް އެއްވެސް އަޅުކަމެއްކުރަން ފެށޭގޮތެއް ނުވެއެވެ. ކޮންމެވެސް ހުރަސްތަކެއް އެޅެއެވެ.

މިޙާލަތުގައި އެންމެ މުހިންމު ކަމަކީ އަޅުކަންކުރުމުން ލިބެން އޮތް ފައިދާތައް ހިތްމައްޗަށް ގެނައުމެވެ. މިހާލަތުން މީހާއަށް އަރައި ގަނެވޭނެ އެންމެ ފަސޭހަ ގޮތަކީ ޝައިޠާނާ ހުރަސް އަޅާއިރަށް ތިމާ އެންމެ ބޮޑަށް ބޭނުންވަނީ ނަރަކައިން ސަލާމަތްވުމާއި ސުވަރުގެ ވަނުންކަން ހިތްމައްޗަށް ގެނައުމެވެ.

މިސާލަކަށް ނަމާދުގެ ޖަމާއަތަށް ހިނގައްޖެ ނަމަ 27 ގުނަ އިތުރަށް ސަވާބު ލިބޭނެ ކަމާއި ޖަމާއަތް ދޫކޮށްލައިފިނަ އެ ނިޢްމަތް ގެއްލިގެން ދިއައީކަން ހިތްމައްޗަށް ގެންނާށެވެ. މީހުންނާއި ވާހަކަދައްކަން އެތައް އިރެއް ހޭދަވާއިރު ނަމާދުކުރަން 15 މިނިޓް ހޭދަކުރުމަކީ ކުރަން ހުރި މަސައްކަތްތަކަށް އެއްވެސް ހުރަހެއް އެޅޭނެ ކަމެއް ނޫންކަމަށް ހިތަށް އަރުވާށެވެ! އަދި ކުރަން ހުރި މަސައްކަތްތައް ކާމިޔާބުވުމަށް މަގުފަހިވާނީވެސް ﷲ ތަޢާލާގެ ޙައްޤުތައް އަދާކުރުމުންކަންވެސް ހިތަށް ގެންނާށެވެ!

އެއްވެސް ޞަދަޤާތެއް ނުކުރި ނަމަވެސް ހިތް އެދޭ ހުރިހާ ކަންކަން ޙާޞިލު ނުކުރެވޭނެކަން ހިތްމައްޗަށް ގެންނާށެވެ. ހިތް އެދޭ ހުރިހާ ކަންކަން ފުރިހަމަ ނުވި ނަމަވެސް ޢާއިލާ ތިބީ ހަމަ އުފަލުން ކަމާއި ފުދިގެންކަން ހިތްމައްޗަށް ގެންނާށެވެ. އަދި މިއަދު މަރުވި ނަމަވެސް އިތުރު އެއްވެސް ޞަދަޤާތެއް ނުކުރެވޭނެކަން ހިތްމައްޗަށް ގެންނާށެވެ.

ދަމު ނަމާދަކީ ތިމާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަސީލަތް ކަމަށް ވިސްނާށެވެ! ކިތަންމެ ގިނައިރަކު ނިދައި ކިތަންމެ ވަރަކަށް ސިކުނޑި ތާޒާކޮށްގެން ދިއަ ނަމަވެސް ކަމެއް ކާމިޔާބުކުރެވޭނީ އެކަމެއް ﷲ ތަޢާލާ ކާމިޔާބުކޮށް ދެއްވެވުމުންކަން ހިތްމައްޗަށް ގެންނާށެވެ! ދަމުނަމާދުކުރުމުން ލިބޭނެ ގިނަ ގުނަ ސަވާބު ހިތްމައްޗަށް ގެންނާށެވެ.

ހަމައެއާއިއެކު އަޅުކަން ނުކުރަން ނަޞޭޙަތް ދީ ވަސްވާސް ދެނީ އިބިލީސްކަންވެސް ހިތްމައްޗަށް ގެންނާށެވެ! އަދި ވީހައި ގިނައިން އަޅުކަން ކުރުމުގެ ތައުފީޤް ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ! އެއިރުން ޝައިޠާނާގެ މައްޗަށް ބާރު ހިންގުމުގެ ކުޅަދާނަކަން ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެތެވެ.

ﷲ ތަޢާލާ އާއި ކުއްތަންވުމަށް ކުރަން އުޅޭ ކޮންމެ ކަމަކަށް އިބިލީސް ހުރަސް އަޅާނެއެވެ. ބަންގި ގޮވުމުން ނަމާދަށް ދާން އުޅޭއިރަށް މިހާރުކުރަން މާ މުހިންމު ކަންކަން އެބަހުރި ކަމަށާއި ވަގުތު އަދި އެބައޮތް ކަމަށް ބުނާނެއެވެ. ޞަދަޤާތެއް ދޭން އުޅޭއިރަށް އަނބިދަރިންނަށް ފުރިހަމަކޮށް ނުދެވި އޮތް ކޮންމެވެސް ކަމެއް ހަނދާންކޮށްދޭނެއެވެ. ދަމުނަމާދަށް ހޭލަން އުޅޭއިރަށް މާދަމާ ކުރަން ހުރި މަސައްކަތްތަކުގެ މުހިންމުކަން ހަނދާންކޮށްދީ ނިދި ފުރިހަމަކޮށް ސިކުނޑި ތާޒާކުރަން ޖެހޭނެ ކަމަށް ވެސް ބުނާނެއެވެ. މިގޮތަށް ކޮންމެ ހެޔޮ ކަމެއް ކުރަންވެސް ހުރަސް އަޅާނެއެވެ.

މިކަންކަމަކީ އެއްވެސް ޝައްކެއް އޮތް ކަންކަމެއް ނޫނެވެ. މިމައްސަލަތައް އަބަދުވެސް ދަނީ ގިނަ ބައަކަށް ކުރިމަތިވަމުންނެވެ. މިކަންކަމުގެ ވާހަކަތައް ގިނަ ބައަކު ދައްކައެވެ. އަދި ޙައްލަކީ ކޮބައިކަމާއިމެދު ސުވާލުވެސް ކުރެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން