އެއްވެސް ކަމެއް ނުވާނެކަމަށް ބުނާކަށް ނެތިން! އެކަމަކު ދެމަފިރިން އެކުގަ ރޭޢަޅުކަންކޮށް ތަވާވެރިވުމަށް ހިތްވަރުދޭ ދެމަފިރިއަކު ވަކިވިކަން އެނގިފައެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
އެއްވެސް ކަމެއް ނުވާނެކަމަށް ބުނާކަށް ނެތިން! އެކަމަކު ދެމަފިރިން އެކުގަ ރޭޢަޅުކަންކޮށް ތަވާވެރިވުމަށް ހިތްވަރުދޭ ދެމަފިރިއަކު ވަކިވިކަން އެނގިފައެއް ނެތް!

ކައިވެނި ނުރޫޅި ޢުމުރަށް އެކުގައި އުޅެން ކުރަން އެންމެ ރަނގަޅު ކަމަކީ ކޮބައިތޯ؟ މިއީ ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. ތަފާތު ޖަވާބުތައްވެސް ދެމެވެ. އެގޮތުން މިރޭ ބަލައިލާން މަސައްކަތްކުރާނީ ދެމަފިރިން އެކުގައި ރޭއަޅުކަންކުރުމުގެ މައްޗަށެވެ.

ކޮންމެ ދެމަފިރިއަކުވެސް އެކުގައި ކުރުން މުހިންމު ކަންތައްތަކެއް ހުންނާނެއެވެ. ބައެއް އަނބިން ކިތަންމެވަރަކަށް ބަނޑުހައިވީނަމަވެސް ފިރިމީހާ ގެއަށް އަންނަންދެން ނުކައި އިންތިޒާރުކުރެއެވެ. އެކަމަށް ފާޑުކިޔާކަށް ނެތީމެވެ. އެކަމަކުވެސް ބުނެލާނަމެވެ. ހައިވެގެން ގިނައިރު ހުރުމަކީ ގޮހޮރުގައި ގޭސް އުފެދޭ ކަމެކެވެ. ލުއި ގޮތެއް ހަދާލައިގެންނަމަވެސް ހައިހޫނުކަން ފިލުވާލައިގެން ހުރުން ރަނގަޅެވެ.

ހަމައެކަނި ބުނެލަން ބޭނުންވަނީ ދެމަފިރިން އެކުގައި ކުރުން އެންމެ މުހިންމު ކަންތަކުގެ ވާހަކައެވެ.

އިސްލާމް ދީނުގެ ކަންކަމަށް ދައުވަތުދިނުމުގެ މަސައްކަތުގައި އުޅެވޭތާ 20 ވަރަކަށް އަހަރުވީއެވެ. މި މުއްދަތުގައި ވަރަށް ގިނަ ބައަކާއި ވަނީ ބައްދަލުވެފައެވެ. ކައިވެނީގެ ގުޅުމުގެ ތެރެއިން ޖެހޭ މައްސަލަތަކާއި ކައިވެނި ރޫޅުމުގެ ވަރަށް ގިނަ މައްސަލަތަކުގެ ވާހަކަތަކުގެ އަޑުތައް ވަނީ ވަރަށް ގާތުން އިވިފައެވެ.

މިއީ އެއްވެސް ޙާލެއްގައި އެކުގައި ދަމުނަމާދުކުރާ ދެމަފިރިންގެ ކައިވެނި ނުރޫޅޭނެ ކަމަށް ބުނުމެއް ނޫނެވެ. އެކަމަށް ދޭ ގަރަންޓީއެއް ނޫނެވެ. ނަމަވެސް ވަރަށް ޔަޤީންކަމާއިއެކު ބުނަމެވެ. ދެމަފިރިން އެކުގައި ދަމުނަމާދުކުރާ އެއްވެސް ދެމަފިރިއެއްގެ ކައިވެނި ރޫޅިގެން އެކަމުގެ ވާހަކަ އަދި މިހައިތަނަށް އަޑު އިވިފައެއް ނުވެއެވެ. އެކަން ބެލުމަށް އެފަދަ ވާހަކަތައް ދެކެވޭ ވަގުތުތަކުގައި ދެމަފިރިން އެކުގައި ދަމުނަމާދުކުރަމުތޯ ސުވާލުވެސް ކުރަމެވެ.

މިތަޖުރިބާގެ މައްޗަށް ބުރަވެ ހުރެ އަހުރެންގެ ނަޞޭޙަތަކީ ކޮންމެ ދެމަފިރިއަކުވެސް އެކުގައި ދަމުނަމާދުކުރުމެވެ. ދުޢާކުރުމެވެ. ދުޢާކުރުމުގައި ދެމީހުން ވަކިވަކިން ދުޢާކުރުމަކީ ވެސް މައްސަލައެއް ނޫނެވެ. ދެމީހުން ﷲ ތަޢާލާއަށް ދަންނަވަން ބޭނުންވާ ކަންކަން ތަފާތުވެދާނެއެވެ! އަދި ދަންނަވަން ބޭނުންވާ ހުރިހާކަމެއް އަނެކާއަށް އަންގަންވެސް ބޭނުންނުވެދާނެއެވެ.

ހަމައެފަދައިން ދެމަފިރިންގެ ގުޅުމުގައި ބަރަކާތްލައްވަވައިދެއްވެވުން އެދިއާއި ދިރިއުޅުމުގެ ކަންކަން ފަހިކުރައްވަވައި ދެއްވެވުން އެދި ދެމަފިރިން އެކުގައި ދުޢާކުރުމަކީވެސް ހަމަ ވަރަށް ރަނގަޅުކަމެކެވެ. އެކަމުން އަނގައިދެނީ ދެމަފިރިންގެ ގުޅުން ބަދަހިކޮށް ކުރިއަރުވަން ދެމަފިރިން ބޭނުންވާވަރެވެ. ވީމާ އެފަދަ ދުޢާއެއް އެކުގައި ކުރުމަށްފަހު ފަހުން ވަވަކިން ދުޢާކުރުމަކީވެސް ހަމައޮތްކަމެކެވެ.

ހަނދާންކުރާށެވެ! ދަމުނަމާދަށް ފިރިމީހާ ހޭލައްވާނަމަ އެއީ އަނބިމީހާގެ ހެޔޮކަމެވެ. އެކުގައި އުފަލުގައި ދިރިއުލެން ބޭނުންވާކަން އަނގައިދޭކަމެކެވެ. ފިރިމީހާދެކެ ޙަޤީޤީ ލޯބިވާކަމުގެ ހެއްކެކެވެ. ނަމަވެސް ދަމުނަމާދަށް އަނބިމީހާ ހޭލެއްވުމަށް ރަސޫލް ﷺ ވަނީ ފިރިންނަށް ޙަދީޘްފުޅު ކުރައްވަވައިފައެވެ. ވީމާ އެއީ ފިރިންނަށް ކުރަންޖެހޭ ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން