މިސްކިތަށްދިއުމުން ކުދިން އެކަހެރިކޮށް ކަނަކަށް ލާންޖެހޭނެ ކަމުގެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫނެވެ. އަދި އެކުދިންނަށް ކުރެވޭ ކުށަކާއި ގުޅިގެން ހަރުކަށި ޢިބާރާތުން މުޢާމަލާތުކުރަން ހެޔޮނުވާނެއެވެ.
ދާދިފަހުން އަހުރެންނަށް ކުރެވުނު ތަޖުރިބާއެއްވެސް ބުނެލާނަމެވެ. އެއީ 10 ވަރަކަށް އަހަރުގެ ކުއްޖެކެވެ. ސުންނަތް ނަމާދުކުރީ ވަރަށް ބާރަށް ކިޔަވައިގެންނެވެ. 2 ރަކްޢަތުން ސަލާމެއްވެސް ނުދެއެވެ. 4 ރަކްޢަތް އެކުގައިކޮށް ނިންމައިލީއެވެ.
ސަލާމްދިނީމާ ކުއްޖާއަށް ގޮވާލައި ގެނެސް ވަރަށް ލޯބިން ބުނީމެވެ. "ދަރިފުޅާއެވެ. ސުންނަތް ނަމާދުތަކުގައިވެސް އަދި އެކަނިހުރެ ކުރާ ނަމާދުތަކުގައިވެސް ކިޔަވަންވާނީ އެެހން މީހުންނަށް އުނދަގޫ ނުވާވަރަށެވެ. ހަމައެކަނި ތިމާއަށް އަޑުއިވޭވަރަށެވެ. ނޫންނަމަ އެހެން މީހުންނަށް އުނދަގޫވާނެއެވެ." އެހެން ބުނެފައި ބުރަކަށީގައި ފިރުމާލާފައި ފޮނުވައިލީއެވެ. އެއިގެ ފަހުން އެކުއްޖާ އެފަދަ ކަމެއް ނުކުރެއެވެ. އަދި އަހުރެން ފެންނައިރަށް ހިނިތުންވެގެންހުރެ އައިސް ބައްދަލުކޮށް ސަލާމްކުރެއެވެ. އަހުރެންގެ ހިތުގައި މިހާރު އެކުއްޖާގެ މައްޗަށް ޚާއްޞަ ލޯތްބެއް ވަނީ އުފެދިފައެވެ.
އެކަމުގައި އެކުއްޖާގެ އޮތީ ކޮންކުށެއް ހެއްޔެވެ؟ އޭނާގެ ބައްޕަ އޭނާ މިސްކިތަށް ގެނެސް އެކަންކަން ދަސްކޮށްދީފައި ނެތުމަކީ އެކުއްޖާގެ ކުށަކަށް ހަދަން ހެޔޮނުވާނެއެވެ. އެގޮތަށް ކަންތައް ކުރާނަމަ މަންމަ ބުނިނަމަވެސް މިސްކިތަށްދާން އެކުދިން ޖެހިލުންވާން ފަށާނެއެވެ. އެއީ ކުއްޖަކަށް ދެވޭނެ އެންމެ ބޮޑު ދެރައެވެ.
މިސްކިތުގައި އިންނަ ކޮންމެ މީހަކީ މިސްކިތަށްދާ ކުޑަކުދިންގެ ބެލެނިވެރިއެކެވެ. އަދި އޭނާގެ މަސައްކަތަކަށްވާން ޖެހޭނީ ވީހައި ގިނަކުޑަކުދިން މިސްކިތަށް ގެންނަން މަސައްކަތްކުރުމެވެ. މިސްކިތުގެ ރޫޙަކީ ކުޑަކުދިން ކަމުގައިވާތީއެވެ.
މިސްކިތުގައި ކުރަންނުވާ ކަންކަން ކުޑަކުދިންނަށް ކުރެވެނީ އެކުދިންގެ ކުށަކުން ނޫނެވެ. މިސްކިތުގައި ކުރަންވީ ކަންކަމާއި އުޅެންވާގޮތް އެކުދިންނަށް އަންގައިދީ ތަރުބިއްޔަތު ނުކުރެވޭތީއެވެ. އެކަމުގެ ޒިންމާ އުފުލަންޖެހޭނީ މައިންބަފައިންނާއި ބެލެނިވެރިންނެވެ.
މިސްކިތުގައި ތިބޭ ބޮޑެތި މީހުންނަށް އޮތީ ލޯބިން އެކުދިންނަށް ވިސްނައިދީ ހޭލުންތެރިކުރުވަން މަސައްކަތްކުރުމެވެ. އެކަންކުރަންވާނީ ވަރަށް އޯގާތެރިކަމާއިއެކުގައެވެ. މިސްކިތަށް އަންނަ ކުދިންނަށް އޮތީ ހިތްވަރުދިނުމެވެ. މިސްކިތުގައި ތިބޭ އެންމެން އެކުދިންނަށް މަރުޙަބާކިޔައި ހިތްވަރުޑޭންވާނެއެވެ.
ޝައިޠޯނާ އަބަދުވެސް ހުންނާނީ އެފަދަ ފުރުޞަތަކަށް ބަލަބަލައެވެ. އެފަދަ ގޮތެއް މެދުވެރިވާއިރަށް ކުއްޖާ މަގުފުރައްދައިލާނެއެވެ. މިސްކިތްމަތިން ފޫހިކުރުވާނެއެވެ. ނަމާދުކުރުމާއި ދުރުހެލި ކުރުވާނެއެވެ.
ވިސްނައިލާށެވެ. މިސްކިތަށް ކުޑަކަމުދާން އިން މީހާ އާއިމެދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައް ކުރެއްވެވި ގޮތަށެވެ. އެކަންކޮށް ނިންމަން އޭނާއަށް ފުރުޞަތު ދެއްވެވިއެވެ. އެތަނަށް ފެންއަޅަން ޙަދީޘް ކުރެއްވެވީވެސް އޭނާއަކަށް ނޫނެވެ. ޞަޙާބީންނަށެވެ. މިއީ މިފަދަ ކަންކަމުގައި ކެތްތެރިވާންޖެހޭ މިންވަރެވެ. ވީއިރު ކުއްޖަކަށް މިސްކިތުގައި ކުރެވޭ ކުށަކާއި ގުޅިގެން ރުޅި އައިސް އެއްޗެތިގޮވަން ހުއްދަވާނީ ކޮންގޮތަކުން ހެއްޔެވެ؟
ކުއްޖަކަށް ނަޞޭޙަތްދީ މިސްކިތަށް އައުމަށް ހިތްވަރުދިނުމަކީ އިސްލާމް ދީން މަތިވެރިކުރަން ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތެވެ! އެކަމަށް ﷲ ތަޢާލާ ގިނަގުނަ ޘަވާބު ދެއްވަވާނެތެވެ! މަސައްކަތްކުރަންވީ އެޘަވާބާއި ދަރުމަ ލިބިގަތުމަށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން