އެހެން މީހުންގެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. ހަމަޤައިމުވެސް އަޅުގަނޑަށް ފާފަކުރެވެއެވެ. ފާފަ ފުއްސަވައިދެއްވެވުން އެދި ފަސޭހައިން ކުރެވޭނެ ކުރު ދުޢާއެއް ބުނެދީބަލަ!
ކިޔުންތެރިޔާއަށް ބުނެލަން އޮތީ "ޔާ ﷲ! މިއަޅާގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ!" ދިވެހިބަހުން މިވަރަށް ދެންނެވި ނަމަވެސް ފުދޭނެއެވެ. ހަމަ އެއާއިއެކު އެމީހުން އެދޭހައި ވަރަކަށް ދިގުވެސް ކުރެވޭނެއެވެ.
ތިރީގައިވާ ލިޔުމުން އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއް ކަމަކީ އެމީހާގެ ޙަޔާތުގެ ކޮންމެ ދުވަހަކީވެސް އެންމެ ކާމިޔާބު ދުވަހެއްގެ ގޮތުގައި ނިމިގެން ދިއުމެވެ. އެންމެ ބޮޑަށް އުފާވެރިކަން ލިބުނު ދުވަހެއްގެ ގޮތުގައި ނިމިގެން ދިއުމެވެ.
މިކަން މިނުމުގައި މިހާރު މިވަނީ މިންގަނޑު ވަރަށް ބޮޑަށް އޮޅުވައިލެވިފައެވެ. އެންމެ ކާމިޔާބު ދުވަހުގެ ގޮތުގައި މިހާރު ގިނަ މީހުން ދެކެނީ އެމީހުންގެ ޖީބަށް އެންމެ ގިނަ ފައިސާ އެޅުނު ދުވަހެވެ. އެންމެ ބޮޑަށް އުފާވެރިކަން ލިބުނު ދުވަހެވެ. ކުރަން ބޭނުން އެންމެ ގިނަ ކަންކަން ޙާޞިލުވި ދުވަހެވެ.
ތެދެކެވެ. މިކަންކަމަކީވެސް ހަމަ ކާމިޔާބީއެވެ. އެކަމަށް ދެކޮޅުހަދާކަށް ނެތީމެވެ. ނަމަވެސް އެއިން އެއްވެސް ކަމަކީ ޙަޤީޤީ ކާމިޔާބީއެއް ނޫނެވެ. ޙަޤީޤީ ކާމިޔާބީ ގުޅިފައިވަނީ އާޚިރަތް ކާމިޔާބުކުރެވުމާއިއެވެ. އެހެންކަމުން މުސްލިމުން އަބަދުވެސް މަސައްކަތްކުރަންވާނީ ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރުމަށެވެ. ދުނިޔެ ކާމިޔާބުވުން އޮތީވެސް އާޚިރަތް ކާމިޔާބުކުރެވުނުވަރަކުންނެވެ.
ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރަން އެދޭމީހާއަށް އޮތީ ގިނަގިނައިން އަސްތަޣްފާރުކިޔުމެވެ. أستغفر الله ކިޔުމެވެ! އިބްން ޢައްބާސް ވިދާޅުވެފައިވަނީ ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް އިސްތިޣްފާރުކުރުމަށްވުރެ ފައިދާހުރިކަމެއް އެނގިވަޑައިނުގަންނަވާކަމަށެވެ. ވީމާ އިސްތިޣްފާރުކުރުމަކީ ހަމައެކަނި ތައުބާވުމަށްކުރާ ކަމަކަށް ނުހަދާށެވެ. ކޮންމެ ކމަކަށް ބޭނުންވިނަމަވެސް އަސްތަޣްފާރުކުރުން ގިނަކުރާށެވެ!
އަސްތަޣްފާރުކުރަން ކުރެވިދާނެ 5 ދުޢާ:
استغفر الله
رب اغفر لي، وتب على إنك أنت التواب الرحيم
أستغفر الله الذي لا إله إلا هو الحي القيوم وأتوب إليه
سبحان الله وبحمده، أستغفر الله، وأتوب إليه
اللهم أنت ربي، لا إله إلا أنت ، خلقتني وأنا عبدك، وأنا على عهدك ووعدك ما استطعت أعوذ بك من شر ما صنعت أبوء لك بنعمتك علي، وأبوء بذنبي، فاغفر لي فإنه لا يغفر الذنوب إلا أنت