ތިމާކުރާ ދުޢާ ޢިޖާބަކުރެއްވެވުމަށް އެދޭނަމަ ފުރަތަމަ ކަމަކަށް އެއްވެސް މީހަކަށް ދެރަދީ ހިތުގަ ޖެއްސުން ހުއްޓައިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ތިމާކުރާ ދުޢާ ޢިޖާބަކުރެއްވެވުމަށް އެދޭނަމަ ފުރަތަމަ ކަމަކަށް އެއްވެސް މީހަކަށް ދެރަދީ ހިތުގަ ޖެއްސުން ހުއްޓައިލާށެވެ!

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ކަންބޮޑުވާނެ އެއްކަމަކީ އެމީހާ ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުވުން ލަސްވުމެވެ. އެދުނު ކަންކަން ޙާޞިލުނުކުރެވި ލަސްވުމެވެ. ގނަ ފަހަރު އެކަން މެދުވެރިވަނީ ތިބާކުރާ ދުޢާތައް "ސަސްޕެންޑް"ވާތީއެވެ.

ދުޢާ ކުރުމަށްފަހު ތިމާ އެދި ދެންނެވި ކަންކަން ހިންމަވައި ދެއްވެވުން ލަސްވާނަމަ ފުރަތަމަ ކަމަކަށްވެސް އެކަމުގެ ސަބަބުތަކަށް ވިސްނައިލަންޖެހޭނެއެވެ. ތިމާގެ ފުށުގައި އެއްވެސް މައްސަލައެއް އެބައޮތްތޯއާއި ފުރިހަމަނުވަނީ ކޮންކަމެއްތޯ ބަލައިލަން ޖެހޭނެއެވެ.

މިސާލަކަށްބުނާނަމަ، ގިނަމީހުންނަކީ ކޮންމެވެސް މީހަކަށް ރުޅިވެރިކަން ބާއްވާ، ޙަސަދަލައި، ޢަދާވާތްތެރިވެގެން ހުރި އަދި ޣީބަބުނަމުން ހިނގާ މީހެއްކަމުގައިވާނަމަ ކުރާ ދުޢާ "ސަސްެންޑް" ކުރައްވަވާ ސަބަބެކެވެ.

ބައެއް މީހުންނަކީ މީސްތަކުންދޭ ނަޞޭޙަތްޤަބޫލުނުކުރާ، ނަޞޭޙަތްދިނުމުން ހަރުކަށި ބަސްތައްބުނާ މީހުންނެވެ. ބައެއް މީހުން ގޭތެރޭގައި ކަންކަން ކުރަނީ އެއްވެސް ރަޙުމެއް އޯގާތެރިކަމެއް ނެތި އަތުމުލައްދަނޑީގެބާރު ދައްކައިގެންނެވެ. އަނބިންނަށް ކަންކަން ކުރަނީ އެމީހުން އެހެން މީހަކަށް ނޯކިރީކޮށްދޭނަމަ އެމީހާ ކަންކަންކޮށްދޭނެ ގޮތަށްވުރެވެސް ނުބައި ކޮށެވެ. ﷲ އަކްބަރު! މިއިން ކޮންމެ ސިފައަކީވެސް ދުޢާ "ބްލޮކްވާ ސަބަބެކެވެ.

މިފަދަ ސިފަތައް ހުންނަ މީހުން މުސައްލަމަތީގައި އިނދެގެން ކިތަންމެ ވަރަކަށް ދުޢާކުރިނަމަވެސް އެ ދުޢާ ﷲ ތަޢާލާގެ ޙަޟްރަތަށް ފޯރުމުގައި ހުރަސްތަކެއް ހުންނާނެއެވެ. ވީމާ ފުރަތަމަކަމަކީ ތިމާގެ ކިބައިން އެޅިފައި ހުރި ހުރަސްތައް ނައްތައިލުމެވެ.

މީސްތަކުންނޭވެ! އެއްވެސް މީހެއްގެ ހިތުގައި ޖައްސަމުން އަނިޔާވެރިވަމުން ކުރާ ދުޢާ ޢިޖާބަކުރައްވަވާނެކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. އެއީ ނުވާނެކަމެއްކަމަސް ބުނެވޭނެ ސަބަބުތައް ވަރަށް ގިނައެވެ.

މިހެން ބުމުން ނުބައިކަން ހައްދުފަހަނައަޅާފައިވާ މީހުންގެ ބޭނުންތައް ފުއްދަވައި ދެއްވަވާ ކަމަށްބުނެފާނެއެވެ. އިބްރާހީމްގެފާނު ވަނީ އެކަލޭގެފާނުގެ ދަރިފަސްކޮޅަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިވަޑައިގެން ދުޢާކުރައްވަވައިފައެވެ. ވީމާ ކާފިރުންނަށްވެސް އެމީހުންގެ ބޭނުންތައް ދުނިޔޭގައި (ވަކިމިންވަރަކަށް) ފުއްދަވައިދެއްވަވާނެކަމަށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. އަދި އެފަދައިން ނިޢްމަތް ދެއްވެވުމުން އެމީހުން ތައުބާވެއްޖެނަމަ ހުރީ ހެޔޮރަޙްމަތްކަމާއި ތައުބާނުވެއްޖެނަމަ ދެއްވަވާނެ ގަދަފަދަ ޢަޛާބުގެ ވާހަކަވެސް ވަނީ ވަޙީކުރައްވަވައިފައެވެ.

ވީމާ ނުބައިކޮށް ކަންކަންކުރަމުންގެންދާއިރުވެސް އެމީހެއްގެ ބޭނުންތައް ފުއްދަވައި ދެއްވެވުމުން އެއީ ތިމާ އާއިމެދު ﷲ ތަޢާލާ ރުހިވޮޑިގެންފައިވާތީ މިންވަރުކުރައްވަވާ ރަޙްމަތްކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ!

ވީމާ ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވާނަމަ، ތިމާގެ ކިބައިގައި ކުރިން ބަޔާންކުރި ފަދަ ހުރަހެއް ހުރިތޯ ބަލާށެވެ! ތިމާގެ ކިބައިން އިޞްލާޙްކުރަން ޖެހޭ ކަމެއްހުރިނަމަ އަވަހަށް އެކަމެއް އިޞްލާޙްކޮށްލާށެވެ!

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން