މަރުވެ ޤަބުރު ވަޅުލެވުމުން ޢަޛާބަށް އެމީހަކާއި ހަމައަށް ވާޞިލް ނުވެވޭނެ ބައަކު ވެއެވެ. އެފަދަ މީހަކަށްވުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް މިއަދު (ދިރިހުރެ) އެބައޮތެވެ.
އެމީހާގެ ބޯމަތީގައި ނަމާދު ހުންނާނެއެވެ. ނަމާދު ބުނާނެއެވެ. ތިމަންނާ ހުރަސްކޮށް (އަޛާބަކަށް) ނުދެވޭނެއެވެ. ކަނައަތް ފަރާތުގައި އެމީހާ ހިފި ރޯދަ ހުންނާނެއެވެ. ރޯދަ ބުނާނެއެވެ. ތިމަންނާ ހުރަސްކޮށް (އަޛާބަކަށް) ނުދެވޭނެއެވެ. ވައަތް ފަރާތުގައި އެމީހާ ދިން ޒަކާތް ހުންނާނެއެވެ. ޒަކާތް ބުނާނެއެވެ. ތިމަންނާ ހުރަސްކޮށް (އަޛާބަކަށް) ނުދެވޭނެއެވެ.
ދެން އޭނާގެ ފައިގެ ދަށުގައި އޭނާކުރި ޞަދަޤާތާއި ހެޔޮ ޢަމަލުތައްވާނެއެވެ. އެއިގެ ތެރޭގައި އެމީހާ ޢާއިލާއަށް ހެޔޮކޮށް ހިތުމާއި މީސްތަކުންނަށް ހެޔޮކޮށް ހިތުމާއި މުޖުތަމަޢުއަށް ހެޔޮކޮށް ހިތުމާއި އޭނާގެ ތެދުވެރިކަމާއި ހިތްހެޔޮކަމާއި މިފަދަ ހުރިހާ ކަންކަން ހިމެނިގެންވެއެވެ. އެކަންކަން ބުނާނެއެވެ. ތިމަންނާ ހުރަސްކޮށް (އަޛާބަކަށް) ނުދެވޭނެއެވެ.
ތަފްޞީލަށް ބަލައިފިނަމަ މިވާ ގޮތަކީ ކިތަންމެ ގިނަ ހެޔޮ ޢަމަލުކުރާ މީހާއަށްވެސް ފާފަތަކެއް ކުރެވިފައިވާނެއެވެ. މަރުވެ ވަޅުލެވުމުން އެފާފަތަކުގެ ޢަޛާބް އެމީހާގެ ގާތަށް ދާން މަސައްކަތްކުރާނެއެވެ. ނަމަވެސް މިބަޔާންކުރި ހެޔޮ ޢަމަލުތައް އެކަމަށް ހުރަސް އަޅާނެއެވެ. ވީމާ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ! އެމީހަކު ޢަޛާބުން ސަލާމަތްކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސްކުން