ރަނާ ޖަވާހިރަށްވުރެ އަގުހުރި ނަޞީޙަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ރަނާ ޖަވާހިރަށްވުރެ އަގުހުރި ނަޞީޙަތެއް!

ހެޔޮ ނަޞީޙަތް ޤަބޫލުކުރުމަކީ ކޮންމެ ކަމެއް ކާމިޔާބުކުރުމުގެވެސް ތަޅުދަނޑިއެވެ. ތަޅުދަނޑި ލިބުނަސް ފައިދާކުރާނީ ތަޅުދަނޑިން ދޮރުހުޅުވައިފި މީހަކަށެވެ. ދަރުހުޅުވޭނީ ނަޞީޙަތަށް ޢަމަލުކުރުމުންނެވެ. މިއީ ގުޅިލާމެހިފައިވާ ކަންކަމެވެ. 

ޢިލްމްވެރިން ދެއްވާ ކޮންމެ ނަޞޭޙަތަކީވެސް ވަރަށް އަގުހުރި ނަޞޭޙަތެކެވެ. އަގު ވަޒަންކުރެވޭނީ ވިސްނައި ފިކުރުކުރާ މީހުންނަށެވެ. ތިރީގައި މިވަނީ ޔޫސުފް އެސްޓީސްގެ އަތްޕުޅުމައްޗަށް އިސްލާމްވި އަންހެނަކަށް އޭނާ ދެއްވި ނަޞޭޙަތެވެ. 

"ތަޢާލާއީ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ އެއްކައުންވަންތަކަލާނގެ ކަމަށާއި މުޙައްމަދު ރަސޫލް އީ އެކަލާނގެ ރަސޫލާ ކަމަށް ޤަބޫލުކޮށް ﷲ ތަޢާލާ އަމުރުފުޅުކުރައްވަވާފައިވާ ހުރިހާ އަމުރުފުޅުތަކަށް ޢަމަލުކުރަން ވެވުނު ވަރަކުން މަސައްކަތްކުރަން ނިޔަތްގަނެ އެކަމަށް މަސައްކަތްކުރާމީހާއަކީ ފުރިހަމަ މުސްލިމެކެވެ. 

އެއްވެސް ފާފައެއް ނުކުރެވޭ ހަމައެކަކުވެސް ނުހުންނާނެއެވެ. އެއީ ހަމައެކަނި މަލާއިކަތުންނަށް ޚާއްޞަވެގެންވާ ކަމެކެވެ. އަހަރެމެންނަކަށް މަލާއިކަތުންނެއް ނުފެންނާނެއެވެ. ވީމާ އަހަރެމެންގެ ލޮލަށް މިފެންނަ ކޮންމެ މީހަކީވެސް ފާފަތަކެއް ކުރެވިފައިވާނެ އަދި ފާފަކުރެވެމުންވެސް ދާނެ މީހެކެވެ. އޮތީ ނުކުރަން ޢަޒުމް ކަނޑައަޅިގެން މަސައްކަތްކުރުމާއި ކުރެވިއްޖެނަމަ އަވަހަށް ތައުބާވުމެވެ. 

ރަސޫލް ގެ ޞަޙީޙް ޙަދިޘްފުޅެއް ފެނިއްޖެނަމަ ނަމަނަމަ ދޫކޮށްނުލާށެވެ. އެއީ ﷲ ތައާލާގެ ބަސްފުޅެއްކަން ޔަޤީންކޮށް އެއަށް ޢަމަލުކުރަން މަސައްކަތްކުރާށެވެ. ހަމައެއާއިއެކު ފަރުޟުކަމެއް ދޫކޮށްނުލާށެވެ!" 

މިވާހަކަކޮޅަށްފަހު އޭނާއަށް ޝަހާދަތް ލައިދެއްވެވިއެވެ. ޝަހާދަތްލައިދެއްވެވުމަށްފަހު ވިދާޅުވިއެވެ. "މިހާރު ތިބާ އާއި ﷲ ތަޢާލާ އާއި ތިއަވަނީ ގުޅިފައެވެ. އެއްވެސް ކަމެއްގައި އެއްވެސް މެދުވެރިއަކަށް ބޭނުމެއް ނުވާނެއެވެ. ސީދާ ދަންނަނަވަމުން ގެންދަވާށެވެ! ހިންމްވައި ދެއްވަވާނެތެވެ. އިން ޝާ ﷲ"

އެވަގުތު އޭނާއަށް ކަރުނައަޅައި ރޮވެން ފެށުނެވެ. އުފަލުންނެވެ. ﷲ ތަޢާލާ އާއި ތިމާ އާއި ސީދާ ގުޅިގެންދިއުމުންނެވެ. މިއީ އަލަށް އިސްލާމްވާ ވަރަށް ގިނަ ބައަކަށް ކުރިމަތިވާ ކަމެކެވެ.

 

މިއަދު އޮންލައިން