ދަމުނަމާދުކުރަން ފަށަން ބޭނުންވި ނަމަވެސް ނުފަށައި ބައެއް މީހުން ތިބެނީ ޤަވާޢިދުން ނުކުރެވިދާނެ ކަމުގެ ބިރަށެވެ. ނަމަވެސް އެއީ ބިރުގަންނަންވީ ކަމެއް ނޫނެވެ. އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން ހިތްވަރުކޮށްފައި ކުރަން ފެށުމެވެ.
ދަމުނަމާދުކުރަން ފަށަން ޤަޞްދުކުރާ މީހާ އެކަން ފަށައިގަންނައިރު، ގަޑި، ދެގަޑިއިރު ނަމާދުގައި ހޭދަނުކުރާށެވެ. ފަސޭހަ މިންވަރަކަށް ވަގުތު ހޭދަކުރާށެވެ. އެއީ 10 ނުވަތަ 15 މިނިޓް ކަމަށްވީނަމަވެސް މައްސަލައެއް ނެތެވެ. އަވަހަށް ފަށައިގަންނާށެވެ! އެހެނީ ގަޑި ދެގަޑިއިރުން ފަށައި އެކަން ފަށައިގަތް ވަރަށް ނުކުރެވިގެން (އެހައި ގިނަ ވަގުތު ހޭދަނުކުރެވިގެން) ނުކޮށް ހުއްޓާލަންޖެހިދާނެކަމުގެ ބިރު ބޮޑުކަމުންނެވެ.
ރަސޫލް ﷺ ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެންމެ ލޮބުވެތިކަންބޮޑު ހެޔޮ ޢަމަލަކީ މަދުންނަމަވެސް (މަދުވަގުތުކޮޅެއްގައި ނަމަވެސް ދާއިމީ ގޮތެއްގައި ކުރެވޭ ހެޔޮ ޢަމަލުތައް ކަމަށެވެ.
ދެވަނައަށް ސަމާލުކަންދޭންވީ ކަމަކީ ދަމުނަމާދަށް ހޭލެވޭހައިއިރު ކުރިއަށްލައި ވީހައި އިރާކޮޅު ނިދުމެވެ. އަދި ދަމުނަމާދަށް ހޭލަން ގަޑި ނުވަތަ ފޯނުފަދަ އެއްޗެއް ސޯނާކުރުމާއިއެކު އެކަމަށް ނިޔަތްގަނެގެން ނިދުމެވެ.
އެފަދައިން ނިދާފައި އޮއްވައި ނުހޭލެވުނުނަމަ އެމީހަކަށް ނިދުނު ނިދުން އެއީ ޞަދަޤާތެއްކަމުގައި ﷲ ތަޢާލާ ލައްވަވައި ދެއްވަވާނެތެވެ. އަދި އޭނާގެ ނިޔަތާއި ކުރިމަސައްކަތުގެ މައްޗަށް ބައްލަވައި ދަމުނަމާދުކުރިކަމުގެ ޘަވާބުދެއްވަވާނެތެވެ. އިން ޝާ ﷲ
3 ވަނަކަމަކަށް ނިދުމުގެކުރިން އާޔަތުލްކުރުސި ކިޔަވައި ޝައިޠޯނާގެ ކިބައިން ސަލާމަތްކަމަށް އެދޭށެވެ. ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަންލިބިގަންނާށެވެ! ނޫންނަމަ ހޭލަން ތިބާކުރާ މަސައްކަތަށް ޝައިޠޯނާ ހުރަސްއަޅާނެއެވެ.
4 ވަނަ ކަމަކަށް ނިދުމުގެކުރިން ވުޟޫކޮށް ވުޟޫމަތީގައި ނިދާށެވެ! އެއިރުން ތިބާ ނިދީން ހޭލަންދެން ތިބާއަށްޓަކައި ހެޔޮ ދުޢާކުރައްވަވާނެ މަލާއިކަތަކު ﷲ ތަޢާލާ ލައްވަވައިދެއްވަވާނެތެވެ. މަލާއިކަތާގެ ހެޔޮ ދުޢާއިން ވެސް ތިބާއަށް ނިދީން ހޭލެވުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ.
5 ވަނަކަމަކަށް ބަނޑުފުރާކައިގެން މަޑުނުވެ ނުނިދާށެވެ. ރޭގަނޑު ވީހައި މަދުން ކާށެވެ. ޞިއްޙަތަށް އެންމެ ފައިދާހުރިގޮތަކީވެސް ރޭގަނޑު ވީހައި މަދުން، ވީހައި ލުއިއެއްޗެއް ކެއުމެވެ. އަދި ބަނޑުފުރެންދެން ކައިގެން ނިދުމަކީ ލޮޑުވެ ގިނައިރު ނިދަން ހަށިގަނޑުބޭނުންވާ ކަމެކެވެ.
6 ވަނަކަމަކަށް ނިދާ ތަންމައްޗަކީ އެހައި އަރާމު ތަންމައްޗަކަށް ނުހަދައި މެދުމިނު ތަންމައްޗަކަށްހަދާށެވެ. ރަސޫލް ކަދުރުފަންމަތީގައި އަވަހާރަފުޅުލެއްޕެވީ އަރާމުތަންމައްޗެއްގައި އަވަހާރަފުޅު ލައްޕަވައިފިނަމަ ދަމުނަމާދަށް ހޭފުޅު ނުލެއްވެވިދާނެކަމަށެވެ. އެފަދަ ތަންމައްޗެއްގައި ބުރަކަށިފުޅުގައި ހުންނަ ފާހަގތައްފެނިވަދައިގެން ޞަޙާބީން އަރާމު ތަންމައްޗެއް ހަދިޔާކުރައްވަން ހުށަހެޅުއްވެވުމުންވެސް ވަނީ ޤަބޫލުފުޅު ނުކުރައްވަވައިފައެވެ.
މިބުނި 6 ކަންތަކަށް ސަމާލުކަންދީފިނަމަ އިން ޝާ ﷲ އެމީހަކަށް ދަމުނަމާދަށް ހޭލެވޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން