ހިތަކީ އެންމެ މުހިންމު ގުނަވަންކަމަށް ބުނެވެނީ އެހެން ގުނަވަންތަކުގެ ބޭނުން ކުޑަކަމަކުން ނޫނެވެ. ހިތަށް ހަމަޖެހުން ލިބި އުފާވެރިކަމުގައި ހުރެވޭނީ ސާފު ޠޯހިރު ހިތެއް ލިބިގެންކަމަށްވާތީއެވެ.
ހިތަށް އެންމެ މުހިންމު އެއްކަމަކީ ތިމާއަށް ފައިދާކުރާނެ ލޯބިން ހިތް ފުރިފައިވުމެވެ. އެކަން ޙާޞިލުކުރެވޭނީ ތިމާއަށް ފައިދާ ނުކުރާނެ ލޯތްބަށް ހިތުން ޖާގަނުދިނީމައެވެ. ވީމާ މަސައްކަތްކުރަންވީ ތިމާއަށް އެންމެ ބޮޑަށް ފައިދާކުރާނެ ލޯބިން ހިތްފުރައިލުމަށެވެ. އެންމެ ފައިދާކުރާނެ ލޯތްބަކީ ﷲ ތަޢާލާއަށްޓަކައި ހިތުގައި އުފެދޭ ލޯތްބެވެ.
ﷲ ތައާލާގެ މައްޗަށް ލޯބި އިތުރުކުރައްވަވައިދެއްވެވުން އެދި ދާވޫދުގެފާނު ކުރެއްވެވި ދުޢާއަކީ އެންމެ ފުރިހަމަ އެއް ދުޢާއެވެ. ދާވޫދުގެފާނުގެ ދުޢާއަކީ ޙަދީޘްފުޅުން ސާބިތުވާން އޮތް ޔަޤީން ، މުޖައްރިބް ދުޢާއެކެވެ. ހަމައެކަނި ބޭނުންވަނީ އިޚްލާޞްތެރިކަމާއިއެކު އެކަމަށް އެދުމެވެ.
ޙަދިޘްފުޅުގައިވަނީ ދާވޫދުގެފާނުގެފާނު މިފަދައިން ދުޢާ ކުރެއްވެވިކަމަށެވެ!:
نْ أَبِي الدَّرْدَاءِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ مِنْ دُعَاءِ دَاوُدَ يَقُولُ
اللَّهُمَّ إِنِّي أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَالْعَمَلَ الَّذِي يُبَلِّغُنِي حُبَّكَ اللَّهُمَّ اجْعَلْ حُبَّكَ أَحَبَّ إِلَيَّ مِنْ نَفْسِي وَأَهْلِي وَمِنْ الْمَاءِ الْبَارِدِ
3490 سنن الترمذي كتاب الدعوات باب ما جاء في عقد التسبيح باليد
(ތިރުމިޒީ- 3490)
"ހައްދަވާ ގެންގުޅުއްވާ އިލާހް އެވެ! އިބަ ﷲ އާއި އިނބަ ﷲ ދެކެ ލޯބިވާ މީސްތަކުންދެކެ ލޯބިވުމުގެ ތައުފީގް މިއަޅާ އަށް ދެއްވަވައިފާންދޭވެ. އަދި އިބަ ﷲ އަށް ލޯބިވުމަށް މަގުފަހިވާފަދަ ޢަމަލުތައް ކުރުމުގެ ތައުފީގް ދެއްވާފާންދޭވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ އަމިއްލަ ނަފްސަށްވުރެ އަދި އަހްލުވެރިންނަށްވުރެ އަދި ފިނިފެނަށްވުރެ އިބަ ﷲ ދެކެވާ ލޯބި އިތުރުކޮށްދެއްވާފާންދޭވެ!"
- އިސްލާމީ ތިލަފަތުގެ ދަރުސަކުން