އަހުރެންގެ ހިތަށް އުނދަގޫވާފަދަ ކަންކަންވެސް ބައެއް މީހުން ކުރެއެވެ. އެކަމަކު އަހުރެން އެމީހުންނަކާއި ގުޅުން ކަނޑައެއް ނުލަމެވެ. ސަބަބަކީ ކޮންމެ މީހަކީވެސް ކުށެއް ކުރެވިދާނެ މީހަކަށްވާތީއެވެ. ހަމަ އެއާއިއެކު ބައެއް މީހުން ކުރާ ބައެއް ކަންކަމާއި ގުޅިގެން ކޮންމެވެސް މިންވަރަކަށް އެމީހުންނާއި ދުރުހެލިވަމެވެ.
މިޘާލަކަށް ސިއްރުކުރަން ބުނެ އަހުރެން ބުނި ވާހަކައެއް ބޭޒާރުކޮށްލައިފިނަމަ އެމީހެއްގެ ގާތުގައި އަހުރެން އިތުރަށް އެފަދަ ވާހަކައެއް ނުބުނާނަމެވެ. ނަމަވެސް އެވަރަކުންވެސް އަހުރެން އެމީހަކާއި ހުރިހާ ގުޅުމެއް ކަނޑައެއް ނުލާނަމެވެ.
އެއްވެސް މީހަކާއި ގުޅުން ކަނޑައިލުމަކީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެކެވެ. ސަބަބަކީ އަހުރެމެން ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ އެކެއް އަނެކެއްގެ ކިބައިން އެހީތެރިކަން ހޯދަންޖެހޭނެ ގޮތަށެވެ. އަހުރެމެންނަށް ބޭނުންވާ އެތައް ކަމެއް އެހެން މީހަކު މެދުވެރިކުރައްވަވައި ހިންމަވައި ދެއްވަވަތެވެ. އެއީ އެކަން ﷲ ތަޢާލާ ރާއްވަވާފައިވާ ގޮތެވެ.
މިގޮތަށްވެސް ވިސްނާށެވެ! ތިބާގެ ހިތް ނުއެދޭ ކަމެއް މީހަކު ކުރީއެވެ. ތިބާއަށް ނުހަނު ބޮޑަށް ބޭނުންވާ ކަމެއް ހަމައެމީހާގެ ފުށުން ކާމިޔާބުވެސްވެދާނެއެވެ. މިބުނަނީ އެފަދަ ކަމެއް ހަމައެމީހާ ތިބާއަށް ކޮށްދީފާނެ ކަމަށެވެ. ނަމަވެސް ތިބާހުރީ އެމީހަކާއި ގުޅުން ކަނޑާލައިގެންނަމަ އެކަމަށް އޮންނަ ފުރުޞަތު ވަރަށް ކުޑަވާނެއެވެ.
އެހެންކަމާއިއެކުވެސް ތަކުރާރުކޮށްލާނަމެވެ. ތިބާގެ ދުނިޔެއަށާއި އާޚިރަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ފަދަ ކަމެއް ކޮށްފިނަމަ އެއޮތީ ރަތްރޮނގު ހުރަސްކޮށްފައެވެ. އެހިސާބުން އޮތީ އެމީހަކާއި ވަކިވުމެވެ. އަދި އެޙާލަތުގައި އެމީހަކާއި ވަކިވުމަކުން އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކުވެސް ބުނަން ހެއްޔެވެ؟ އެޙާލަތުގައިވެސް ޙަސަދަވެރިކަން ނުބާއްވައި ހިތްހެޔޮކުރަންވާނެއެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން