ތިމާއަށް ރަނގަޅު، ލޯބިދޭ ބައިވެރިއަކު ލިބުމުން ކުރިން ހިތްދަތިކުރުވި މީހުންގެމަތިން ހަނދާންކޮށް ކަންބޮޑުވާނަމަ އެއީ އަމިއްލައަށް ލިބިގަނެވޭ އަނިޔާއެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 22ސ
ތިމާއަށް ރަނގަޅު، ލޯބިދޭ ބައިވެރިއަކު ލިބުމުން ކުރިން ހިތްދަތިކުރުވި މީހުންގެމަތިން ހަނދާންކޮށް ކަންބޮޑުވާނަމަ އެއީ އަމިއްލައަށް ލިބިގަނެވޭ އަނިޔާއެއް!

ތިބާގެ ކުރީގެ ބައިވެރިޔާގެ ކިބައިން ލިބުނީ ހިތްދަތިކަމެވެ. ނަމަވެސް މިހާރުގެ ބައިވެރިޔާ ތިބާއަށް އަޅައިލައެވެ. ލޯބިދެއެވެ. އުފާކޮށްދެއެވެ. އެހެންކަމަށްވާނަމަ ކުރިން އުޅެންޖެހުނު ޙާލަތު ހަނދާންކޮށް ކަންބޮޑުނުވާށެވެ. އޭނާއަށްޓަކައި ހެޔޮދުޢާ ކުރާށެވެ! ތިބާއަށް މިހާރު ލިބިފައި ހުރި އުފާވެރިކަން ލިބުނީ އޭނާ ތިބާ ހިތްދަތިކުރުވީތީ ކަމަށް ޤަބޫލުކޮށެވެ. ހިތްދަތިކަން ދިނަސް އަދި ގެއްލުން ދިނަސް އެމީހަކަށް ޙަސަދަވެރިނުވެ ހެޔޮދުޢާކުރާ މީހަކަށް ލައްވަވާނެ ރަޙްމަތް މާބޮޑުވާނެތީއެވެ. އިން ޝާ ﷲ 

މީގެ އަހަރުތަކެއްކުރިން ތިބާ ދިރިއުޅުނީ ވަރަށް ދަތިޙާލުގައެވެ. ހިތްދަތިކަމާއިވެސް އެކުގައެވެ. މިޘާލަކަށް އަތްމަތި ދައްޗެވެ! ފިރިމީހާއަކީ ވަރަށް ނުބައި މީހެކެވެ. ނުވަތަ އަނބިމީހާއަކީ ވަރަށް ނުބައި މީހެކެވެ. 

އަހަރުތަކެއް ފާއިތުވެގެންދިއައީއެވެ. ތިބާއަށް ތަނަވަސްކަން ދެއްވަވައިފިއެވެ. ތިބާއަށް އަޅައިލާ ހެޔޮލަފާ ބައިވެރިއަކުވެސް ދެއްވަވައިފިއެވެ.  އެކަމަކު މިއަދުވެސް ތިބާ، ތިބާގެ ކުރީގެ މާޒީއާއިމެދު ވިސްނަނީއެވެ! ވިސްނުމުން ހިތްހަމަނުޖެހެވެނީއެވެ. ދެރަވެވެނީއެވެ! ރޮވެނީއެވ! ރުޅިގަދަވެސް ވެވެނީއެވެ! 

ދެން ނިކަން ބުނެބަލާށެވެ! ތިބާ އަމިއްލައަށް ތިއަ މައްސަލަތަލަތަކުގެ ތެރެއަށް ވެއްޓިތިއަ ގަންނަނީ ދިރިއުޅުމުގެ ސަބަބުންހެއްޔެވެ؟ ވިސްނުމުގައި ހުރި މައްސަލައެއްގެ ސަބަބުން ހެއްޔެވެ؟ ﷲ ތަޢާލާ ތިބާއަށް ކުރިން ނުދެއްވަވައި ހުރި ނިޢްމަތްތައް ދެއްވެވުމުން ކުރިއާއިމެދު ވިސްނައި އަމިއްލަ ނަފްސް ނިކަމެތިކުރަމުން ދިރިއުޅުން ކުށްވެރިކުރެވިދާނެހެއްޔެވެ؟ ނޫނީ ކުށްވެރިކުރަން ޖެހޭނީ ތިބާ ވިސްނާ ކަންކަން ހެއްޔެވެ؟ ނުވަތަ ކަންކަމާއިމެދު ވިސްނާ ގޮތް ހެއްޔެވެ؟ 

އަހުރެންނަށް ވިސްނޭ ގޮތުން މިފަދަ ޙާލަތެއްގައި ދިރިއުޅުމުގެ އެއްވެސް މައްސަލައެއް ނެތެވެ. ހުރިހާ މައްސަލަތަކެއްވެސް މިއުޅެނީ މީހާގެ ވިސްނުމުގައެވެ. 

ހަމައެގޮތަށް އިންސާނާގެ ވިސްނުމުން ކުރާ އިތުރު ވަރަށް ބޮޑުކުށެއްވެސް އެބައޮވެއެވެ. އެއީ މާދާމާ ނުވަތަ މަސްދުވަސްފަހުން ކަންކަން ވެދާނެ ގޮތަކާއިމެދު ވިސްނައި އަމިއްލައަށ ކުރިން ބުނި ފަދަ އަނިޔާތައް ލިބިގަތުމެވެ. މިހާލަތުގައިވެސް ވަރަށް ޔަޤީންކަމާއިއެކު ބުނެވެން އޮތީ އެއީ ދިރިއުޅުމުގެ މައްސަލައެއް ނޫނެވެ. އަމިއްލަ ވިސްނުމުގެ މައްސަލައެކެވެ. 

މުސްލިމުންނަކީ އެދުވަހު ކުރެވުނު ގޯސްކަންތައްތަކަށް ތައުބާވެގެން ނިދާލާފައި ފަތިސްވުމުން މުޅިން އައު މީހެއްގެ ގޮތުގައި މުޅިން އައު ދުވަހަކަށް ހޭލާ ބައެކެވެ. ވީމާ މާޒީއަށް ވިސްނުމެއް ނެތެވެ. އަދި ހަމައެފަދައިން މުސްލިމުންނަކީ މާދަމާ ކަންކަންވާނެ ގޮތާއިމެދު ވިސްނަން ޖެހޭނެވެސް ބައެއް ނޫނެވެ. އެކަން އޮތީ ﷲ ތަޢާލާއަށް ވަކީލްކުރުމެވެ. 

ދެންވެސް ނިކަން ބުނެބަލާށެވެ! މި 2 ޙާލަތުގައިވެސް ތިބާއަށް ގެއްލުންދެނީ ތިބާގެ ދިރިއުޅުން ހެއްޔެވެ؟ ނޫންނަމަ ތިބާގެ ވިސްނުން ހެއްޔެވެ؟ އަމިއްލަ ނަފްސަށް ގެއްލުން ތިއަ ދެނީ އަމިއްލަ ވިސްނުމުން ކަމުގައިވާނަމަ އެކަން އިޞްލާޙް ކުރެވޭނީވެސް ހަމައެމީހަކު އަމިއްލައަށް ނޫންހެއްޔެވެ؟

 

- އަލަފް / މިއަދުނޫހަށް

 

 

މިއަދު އޮންލައިން