ތަނަވަސަކަން ހުއްޓަސް ބޭނުންކުރަން ނުޖެހޭވަރަށް އެއްޗެތިގަނެ ޖަމާކުރުމަކީ އިސްރާފުކުރުން! އިސްރާފްކުރުމަކީ ބަރަކާތް ކެނޑި ފަޤީރުވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ތަނަވަސަކަން ހުއްޓަސް ބޭނުންކުރަން ނުޖެހޭވަރަށް އެއްޗެތިގަނެ ޖަމާކުރުމަކީ އިސްރާފުކުރުން! އިސްރާފްކުރުމަކީ ބަރަކާތް ކެނޑި ފަޤީރުވާ ކަމެއް!

އިސްލާމް ދީނަކީ އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ އެމީހަކު ބޭނުންވާ އެއްޗެއް (ޙަލާލުތަކެތި) ގަތުމާއި އަގުބޮޑު އެއްޗެތި ގަތުންވެސް މަނާކުރާ ދީނެއް ދީނެއް ނޫނެވެ. އެކަން އެނގެނީ ތަނަވަސްކަން ހުރިނަމަ ފެންވަރު ރަނގަޅު ގެދޮރު އެޅުމާއި އަގުބޮޑު ފޭރާންލުން ހުއްދަ ކުރައްވަވާފައިވާތީއެވެ. 

ވިސްނައިލަންވީ ހަމަ އެންމެ ކަމަކަށެވެ. ތިމާ މިގަންނަނީ ހަމަ ތިމާއަށް ބޭނުންވާ އެއްޗެއްކަމެވެ. ޚަރަދު މިކުރަނީ ތިމާއަށް އެކަމުން ޙަޤީޤީ ފައިދާކުރާނެ ކަންކަމަށް ކަމެވެ. 

މިވާހަކަ ދައްކަން ޖެހޭ ސަބަބަކީ ތަނަވަސްކަން ހުންނަ މީހެއްގެ ގެއަށް ވަދެފައި ނިކަން ބަލައިލަބަލާށެވެ! އެއްޗެއްގެ ބޭނުން ނުހިފާތާ، އަތްވެސް ނުލާތާ އަހަރު 2 އަހަރުވެފައި ހުރި ކިތަންމެ އެއްޗެއް ފެންނާނެއެވެ. ވީމާ ފައިސާ ހޭދަކުރެވިފައި އެހުރީ އޭނާއަށް ބޭނުންވާ ކަންކަމަކަށް ނޫނެވެ. ބޭނުންވާ އެއްޗެތި ގަތުމަކަށް ނޫނެވެ. 

ހަމައެގޮތަށް ދަތިޙާލުގައި އުޅެމުންވެސް ބޭނުންނުވާ ތަކެތި ގަނެ އެއްކުރާ މީހުން އުޅެއެވެ. އަނެކާއާއި އެއްފެންވަރުވާން އެއްޗެތި ގަންނަ ބައަކުވެސް އުޅެއެވެ. މިހުރީ ކުރަން އެއްގޮތަކަށްވެސް ހެޔޮވާނެ ކަންކަމެއް ނޫނެވެ. 

ރަނގަޅަށް ވިސްނާށެވެ. އަހަރެމެންގެ އަތުގައި ހުންނަ ފައިސާއަކީ އަހުރެމެންގެ އެއްޗެއް ނޫނެވެ. ﷲ ތަޢާލާ އަހުރެމެންނާއި ޙަވާލުކުރައްވަވާ އަމާނާތެކެވެ. އެއަށް ތެދުވެރިވާންޖެހޭނެއެވެ. ތެދުވެރިވުމަކީ އެއިގެ ބޭނުން ހެޔޮ ގޮތުގައި ހިފުމެވެ. 

ކިތަންމެ ތަނަވަސް މީހާއަށްވެސް ދަތިކަމެއް ކުރިމަތިވެދާނެއެވެ. އެކަންކަން ކުރިމަތިވާނީ ކުރިން އެނގިގެނެއް ނޫނެވެ. ގިނަ ފަހަރަށް ކުރިމަތިވާނީވެސް އެންމެ ބޮޑަށް ބޭނުންޖެހޭ ވަޤުތުގައެވެ. އެފަދަ ޙާލަތެއް މެދުވެރިވުމުން އޮތީ ﷲ ތަޢާލާއަށް ދުޢާކުރުމެވެ. އެފަދަ ޙާލަތެއް އައުމުން ދުޢާކުރަންބަލާއިރު ތިމާއަކީ ތަނަވަސްކަން ދެއްވެވުމުން ކުރިން ބުނިމަގުން އިސްރާފްކޮށްފައިވާ މީހަކު ކަމުގައިވާނަމަ ދެން ކަންކަން މެދުވެރިކުރައްވަވައިފާނެ ގޮތަކަށް ބިރުވެތިވާށެވެ. 

ރިޒުޤް އިތުރުވުމަށް އެދޭ މީހާ އާއި ދެއްވެވި ރިޒުޤުގައި ބަރަކާތް ލެއްވެވުމަށް އެދޭ މީހާ މި ދެއްކި ވާހަކަކޮޅަށް ވިސްނައި ޢަމަލުކުރާށެވެ. ތަނަވަސްކަން ދެއްވެވުމުން އިސްރާފް ކުރުމުގެ ބަދަލުގައި ޞަދަޤާތްކުރާ މީހަކަށްވާށެވެ. ﷲ ތަޢާލާ އަހުރެމެންނަށް އަންގަވާފައިވާ ގޮތަކީ އެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން