ކީރިތި ޤުރްއާނުގައިވާ އާޔަތްތަކުގެ މާނަ ނަގަންޖެހޭނީ ވަރަށް ވިސްނައިގެންނެވެ. ތަފްސީރުވެސް ބަލައިގެންނެވެ. އެވަރުން ވެސް ޔަޤީންނުވާނަމަ ޢިލްމުވެރިންގެ ގާތުގަ އަހައި އޮޅުންފިލުވައިގެންނެވެ.
ތިމާ ﷲ ތައާލާގެ ރަޙްމަތުގައިވާހިނދު ﷲ ތަޢާލާގެމަތިން މަތިން ހަނދުމަކުރާ މީހަކަށް ދަތިޙާލަތެއް ކުރިމަތިވުމުން އެމީހާގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅުކުރައްވަވާނެކަމަށް އޮތް ޙަދީޘްބަސްފުޅުގެ މާނަ ބައެއް މީހުން އެބަ އޮޅުވައިލައެވެ. އެމީހުން ދެކޭގޮތުގައި ރަޙްމަތުގައި ހުރިއިރު ﷲ ތައާލާގެ މަތިން ހަނދުމަނުކުރާ މީހާއަށް ކަމެއް ޖެހިގެން ﷲ ތަޢާލާ ހަނދުމަކުރުމުން ކުރާނެ ފައިދާއެއް ނެތެވެ. ފުރުޞަތު އެވަނީ ގެއްލިފައެވެ.
މިއީ ވަރަށް ނުބައި ވިސްނުމެކެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ތިމަން ﷲގެ މަތިން ހަނދުމަކުރުމުން އެމީހާގެމަތިން ތިމަން ﷲ ހަނދުމަފުޅުކުރައްވަވާނެކަމަށެވެ. އަދި ޝުކުރުވެރިވުމަށާއި ކާފިރު ނުވުމަށެވެ.
فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ
"ފަހެ، ތިއަބައިމީހުން ތިމަން ރަސްކަލާނގެ ހަނދުމަކުރާށެވެ! އެއިރުން ތިމަން ރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކރައްވަވާހުށީމެވެ. އަދި ތިމަން ރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރުކުރާށެވެ! އަދި ތިމަން ރަސްކަލާނގެއަށް ތިއަބައިމީހުން ކާފިރުނުވާށެވެ!" (އަލްބަޤަރާ: 152)
ފަހުން ނަމަވެސް ﷲ ތަޢާލާގެމަތިން ހަނދުމަކުރުމުގެ ވިސްނުން ދެއްވެމަކީ ވެސް ﷲ ތަޢާލާ އެމީހާއަށް ދެއްވެވި މަތިވެރި ނިޢްމަތެކެވެ. ދަތިޙާލަތެއް ކުރިމަތިވުމުންނަނަމވެސް ތިމާ ކުރިން އުޅެމުން އައި ގޮތް ބަދަލުކުރުމުގެ ފުރުޞަތު ލިބުމަކީ ކޮންފަދަ މަތިވެރި ނިޢްމަތެއް ހެއްޔެވެ؟ އެދަތި ޙާލަތު ކުރިމަތިކުރެއްވެވީ އެ މަތިވެރި ނިޢްމަތް ދެއްވަވަން ނޫންކަން އެނގެނީ ކާކަށް ހެއްޔެވެ؟ ވީމާ ކުރިން ހަނދުމަނުކުރެވިއޮތުމުން މާޔޫސްވުމުގެ ބަދަލުގައި އޮތީ އުފާކުރުމެވެ..
މީސްތަކުންނޭވެ! ކުރިން ﷲ ތަޢާލާ ހަނދުމަނުކުރެވި އޮތްނަމަވެސް، ދަތިޙާލަތެއް ކުރިމަތިވެގެން ނަމަވެސް ﷲ ތަޢާލާ ހަނދުމަކުރާށެވެ! އެއިރުން އެ ދަތިކަމުން އަރައިގަނެވޭނެ މަގު ދައްކަވާނެތެވެ. އިން ޝާ ﷲ
މިއާޔަތުގެ ފަހުބައާއިމެދުވެސް ކުޑަ ވާހަކައެއް ބުނެލާނަމެވެ. އަހަރެމެންނަށްވުރެ އެތައް ހާސްގުނައެއް ދަތިޙާލުގައި އުޅޭ އެތައް މިލިއަން މީހުން އެބައުޅެއެވެ. އެމީހުން ﷲ ތަޢާލާއަށް ޝުކުރުވެރިވާ މިންވަރު އެތައް ހާސްގުނައަކަށް އިތުރެވެ. ވީމާ ދެއްވަވާފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވުން އިތުރުކުރާށެވެ! ދީނުގައި ށާބިތުވެ ފަރުޟާއި ސުންނަތް އަދާކުރުމުގައި އިތުރަށް ވަރުވާތެރިވާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން