އިންސާނުންގެ ތެރޭގައިވާ ޞާލިޙުންނާއި ނަބިއްޔުންނާއި ޞިއްދީގުންނާއި ޝަހީދުންވެސް އުފައްދަވާފައިވަނީ ހަމަ މަނިތިއްކަކުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
އިންސާނުންގެ ތެރޭގައިވާ ޞާލިޙުންނާއި ނަބިއްޔުންނާއި ޞިއްދީގުންނާއި ޝަހީދުންވެސް އުފައްދަވާފައިވަނީ ހަމަ މަނިތިއްކަކުން!

ނަމާދުކުރުމަށްޓަކައި ހަށިގަނޑާއި ފޭރާން ސާފުތާހިރުކޮށް ބަހައްޓަންޖެހޭތީ މަނީގެ ޙުކުމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރއްވާތީ މިގެނެސްދެނީ ޙުކުމް އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ  

މަންޏަކީ ޠާހިރު އެއްޗެކެވެ. ދަލީލަކީ:  

عن عَائِشَةَ رضي الله عنها قالت : ( وَلَقَدْ رَأَيْتُنِي أَفْرُكُهُ مِنْ ثَوْبِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَرْكًا فَيُصَلِّي فِيهِ )  

މާތް ﷲ ރުއްސުންލެއްވި ޢާއިޝާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ހެދުންކޮޅުގައި ހިކިފައި ހުންނަ މަނި ތިމަންކަމަނާގެ އިނގިލިން ކަހާލަމެވެ". ނަޖިހެއް ސާފުކުރުމަށް އިނގިލިން އެއެއްޗެއް ކަހާލުމެއް ނުފުދޭނެއެވެ. އެހެންކަމުން މަންޏަކީ ޠާހިރު އެއްޗެއްކަން މިކަމުން ދޭހަވެއެވެ.  

އިންސާނުންގެ ތެރޭގައިވާ ޞާލިޙުންނާއި ނަބިއްޔުންނާއި ޞިއްދީގުންނާއި ޝަހީދުންވެސް އުފައްދަވާފައިވަނީ ހަމަ މި މަނިތިކިންނެވެ. މިފަދަ މާތް ބޭކަލުންތަކެއް ނަޖިސް އެއްޗަކުން އުފެއްދެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.  

މަންޏަކީ ނަޖިހެއް ނަމަ ޙައިޟުގެ ލޭ ހެދުމުގައި ޖެހިފައި ހުރެއްޖެނަމަ ދޮންނަން އަމުރު ކުރެއްވިފަދައިން މަނި ޖެހިފައިވާ ހެދުންވެސް ދޮވުމަށް އަމުރު ކުރެއްވީހެވެ. އެހެންނަމަވެސް މިފަދަ އަމުރެއް ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރައްވާފައި ނެތުމުން ދޭހަވަނީ މަންޏަކީ ނަޖިހެއް ނޫން ކަމެވެ.

އިމާމް އަބޫ ޙަނީފާ އަދި އިމާމް އަޙްމަދުގެ ކިބައިން ރިވާވެގެންވާ ރިވާޔަތެއްގައިވެއެވެ. މަންޏަކީ ނަޖިހެކެވެ. އަދި މަނި ޖެހިފައިވާ ތަނަކުން މަނަ ސާފު ކުރަން ޖެހޭނެއެވެ.

އިމާމް މާލިކް ދެކިލައްވާ ގޮތުގައި މަނި ޖެހިފައި ހުރި ތަނެއް ސާފުވާނީ ދޮވެގެންނެވެ.  

މިމައްސަލާގައި އެންމެ ރަގަޅު ގޮތަކީ މަންޏަކީ ޠާހިރު އެއްޗެއް ކަމުގައި ބުނުމެވެ. އަދި މަނި ޖެހިފައިވާ ތަނެއް ނުވަތަ ހެދުމެއް އަތުން ސާފުކޮށްލުމުން ފުދޭނެ ކަމެވެ. ނަމަވެސް ހަށިގަނޑުން މަނި ބޭރުވެއްޖެނަމަ މީހާ ޖުނުބުވެރިއަކަށްވާނެއެވެ. ޖުނުބުވެރިކަން ފިލުވުމަށްޓަކައި ހިނައިގަންނަން ޖެހޭނެއެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން