ސަޖިދަކުރުން ގިނަކުރާ މީހެއްގެ ހުރިހާ ބޭނުންތަކެއްވެސް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެ! ސުވަރުގޭގެ އެންމެ މަތީދަރަޖަވެސް ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ސަޖިދަކުރުން ގިނަކުރާ މީހެއްގެ ހުރިހާ ބޭނުންތަކެއްވެސް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެ! ސުވަރުގޭގެ އެންމެ މަތީދަރަޖަވެސް ދެއްވަވާނެ! އިން ޝާ ﷲ

އަހުރެމެންނަކީ ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ސަޖިދަކުރާ ބައެއް ނޫނެވެ. އަހުރެމެން ﷲ ތަޢާލާއަށް ސަޖިދަކުރަނީ އެމީހާގެ ކިބައިގައި ހުރި ނިކަމެތިކަން ބަޔާންކުރުމަށާއި އެންމެ މަތިވެރިވަންތައީ ﷲ ތަޢާލާކަން ބަޔާން ކުރުމަށެވެ.

ޙަދީޘްފުޅުގައި އޮތީ ސުވަރުގޭގައި ތިމަން ކަލޭގެފާނާއިއ އެންމެ ގާތުގައިވުމަށް އެދޭމީހާ ސަޖިދަކުރުން ގިނަކުރުމަށެވެ. ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ސަޖިދަކުރުން ކުރަން އޮތް ބަސްފުޅުގެ މާނައަކީ ވީހާގިނަ ސުންނަތް ނަމާދުތައް ކުރުމެވެ. ކޮންމެ ނަމާދެއްގައިވެސް މަދުވެގެން 4 ސަޖިދަކުރެވޭނެތީއެވެ. 

މިޙަދީޘްފުޅުންވެސް އެނގިގެންދަނީ ކޮންމެ ކަމެއްވެސް ޙާޞިލުކުރެވެން އޮތީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރި މިންވަރަކުން ކަމެވެ. 

އަހުރެމެންނަށް ﷲ ތަޢާލާ އަންގަވާފައިވަނީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުނަމަތީގައި ތިބޭބައަކަށް ވުމަށެވެ. އެއީ ޛިކުރުކުރުން ގިނަކުރުމެވެ. އަދި ގިނަގިނައިން ސަޖިދަކުރާ ބައަކު ކަމުގައިވުމަށެވެ. 

ސަޖިދަކުރާއިރު ވިސްނަން އޮތް އެއްކަމަކީ ސަޖިދަކުރަންވީ ހަމައެކަނި ނަމާދުކުރާތީ ނޫންކަމެވެ. މާނައަކީ ސަޖިދަކުރަންވީ ހަމައެކަނި ސަޖިދަކުރުމަކީ ނަމާދުގެ ރުކުނަކަށްވާތީ ނޫންކަމެވެ. ސަޖިދަ ކުރުމުގެ ބޭނުންތަކުގެ ތެރޭގައި ﷲ ތަޢަލާ އާއި ވީހައި ބޮޑަށް ކުއްތަންވުން ހިމެނެއެވެ. ވީމާ ﷲ ތަޢާލާއާއި ކުއްތަންވާން ބޭނުންވުން ހިމަނަން ޖެހެއެވެ. 

ސަޖިދައިގައި އޮވެ ކުރަން އޮތް ހަމައެކަނި ޛިކުރުކުރުމެއްވެސް ނޫނެވެ. ތިމާއަށް ބޭނުންވެފައި ހުރި ކަންކަމުގެ ވާހަކަތައް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަން ވެސް އެއަށްވުރެ ރަނގަޅު ފުރުޞަތެއް ނުވެއެވެ.

ވީމާ ހިތްދަތިކަމެއް ކުރިމަތިވިނަމަވެސް، ކަންބޮޑުވާންޖެހޭ ޙާލަތެއް ކުރިމަތިވިނަމަވެސް އަތްމަތި ދަތިވިނަމަވެސް، ބޭނުންވާ ކަމެއް ނުފުދި އޮތް ނަމަވެސް ސަޖިދަކުރުން ގިނަކުރާށެވެ! ސަޖިދައިގައި އޮވެ، އެކަމަކަށް އަވަސް ޙައްލެއް ދެއްވެވުން އެދިގެން ދުޢާކުރުން ގިނަކުރާށެވެ. އެމީހާ އެދޭ ކަންކަން ފުއްދަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން