ފާފަކުރެވޭނަމަ ނުވެސް ވިސްނޭ ގޮތްގޮތުން ދެރަގޮތްތައް މެދުވެރިވޭ! ސަލާމަތްވެ ހުރެވޭނެ ގޮތްވެސް އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ފާފަކުރެވޭނަމަ ނުވެސް ވިސްނޭ ގޮތްގޮތުން ދެރަގޮތްތައް މެދުވެރިވޭ! ސަލާމަތްވެ ހުރެވޭނެ ގޮތްވެސް އެބައޮތް!

ކުއްލިއަކަށް ބޮޑެތި ކަންކަން ކުރިމަތިވުމުން ނުވަތަ ކުދިކުދި ކަންކަން ގިނައިން ކުރިމަތިވާނަމަ ތިމާއަށް ކުރެވޭ ކުށަކީ ކޮބައިތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލަންވާނެއެވެ. ޖަވާބު ހޯދަންވެސް މަސައްކަތްކުރަންވާނެއެވެ. އެކަމެއް ވިސްނިއްޖެނަމަ އެކަމެއް އިޞްލާޙްކުރަން މަސައްކަތްކުރަންވާނެއެވެ. ނުވިސްނުނުނަމަވެސް ތައުބާވުން ގިނަކުރާށެވެ!

ކޮންމެ މުޞީބާތެއް ކުރިމަތިކުރައްވަވަނީ ފާފަކުރުމުން ކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް އެމީހަކު ކަންބޮޑުވާ ކޮންމެ ކަމެއްގެ ޙައްލަކަށް ފާފަފުއްސަވައިދެއްވުން އެދި ދެންނެވުމަށްވުރެ ކުރަން ރަނގަޅު ކަމެއް އެނގިވަޑައިގެންފައި ނެތްކަމަށް އިބްން ޢައްބާސް (ރޢ) ވަނީ ވިދާޅުވެފައެވެ.

މީސްތަކުންނަށް އެންމެ ބޮޑު ހިތްދަތިކަމެއް ލިބޭ ކަންކަމުގެ ތެރޭގައި ދަރިން ނުލިބުން ހިމެނެއެވެ. ދަރިން ނުލިބި ލަސްވާނަމަވެސް ފާފަ ފުސްވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! އެންމެ ބޮޑަށް ހާސްވެ ފިކުރުބޮޑުވާންޖެހޭ އެއްކަމަކީ ދަރަނިވެރިވުމެވެ.

ދަރަނިން ސަލާމަތްވުމަށްވެސް ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! މީހާއަށް އެންމެ ބޮޑު ނިކަމެތިކަމެއް ލިބެނީ އަތްމަތިދަތިވުމުންނެވެ. ތަނަވަސްކަމަށް އެދިވެސް ފާފަ ފުސްވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!

އަދި މިނޫން އެހެންކަންކަމުގައިވެސް، ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް ފުރަތަމަ ކަމަކަށް އޮތީ ފާފަފުއްސެވުން އެދި ދުޢާކުރުމެވެ!

ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުމުން "(އޭރުން) އެކަލާނގެ، ތިއަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭ ގޮތުގައި) ވާރޭ ފޮނުއްވަވާނެތެވެ!" (.) "އަދި މުދައުތަކާއި، ދަރިންގެ ގޮތުން އެކަލާނގެ ތިއަބައިމީހުންނަށް މަދަދު ދެއްވަވާނެތެވެ! އަދި އެކަލާނގެ ތިއަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވަވާނެތެވެ! އަދި އެކަލާނގެ ތިއަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވަވާނެތެވެ!" (ނޫޙް: 11،12)

މިދެއާޔަތުންވެސް އެނގިގެން މިދަނީ ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުމުން ދަރިންނާއި ތަނަވަސްކަން މިންވަރުކުރައްވަވާނެކަމެވެ. ރިޒްޤް ލިބޭނެ މަގުތައް ފަހިކުރައްވަވައި ދެއްވަވާނެކަމެވެ.

ކޮންމެ ފަރުޟު ނަމާދެއް ނިންމައި ސަލާމްދިނުމާއިއެކު 3 ފަހަރު އަސްތަޣްފިރުﷲ ކިޔުން ސުންނަތުގައިވަނީ އެސަބަބަށްޓަކައެވެ. އެމަގުން ޛިކުރުކުރަން ފެށުމަކީ ސުންނަތުގައި އޮތް ކަމެކެވެ. ފަރުޟު ނަމާދުން އަވަދިވުމާއިއެކު ފާފަ ފުއްސަވައި ދެއްވެވުމަށް އެދި ދުޢާކުރުން ސުންނަތުގައި އޮތުމުން އެކަމުގެ މުހިންމުކަން އެނގިގެންދެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން