އިމެއް ނެތި އުފާވެރިކަން ލިބިގެން ހުރެވޭނެ މީހަކަށް ވެވުމުގެ މަގު! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
އިމެއް ނެތި އުފާވެރިކަން ލިބިގެން ހުރެވޭނެ މީހަކަށް ވެވުމުގެ މަގު! އިން ޝާ ﷲ

ހިތްހަމަޖެހުމަކީ ހަވާނަފްސް އެދޭ ކަންކަން ކުރުމުން ލިބޭ އުފާވެރިކަން ކަމަށް ބަލައިފިނަމަ އެމީހަކު އަބަދުވެސް ހުންނަން ޖެހޭނީ ހިތްހަމަނުޖެހި ހުންނަންޖެހޭ މީހެއްގެ ގޮތުގައެވެ. އެހެނީ ހަވާނަފްސްގެ އެދުންތަކަކީ ޙާޞިލުކުރިވަރަކަށް އިތުރުވާނެ ކަންތައްތަކެއް ކަމުގައިވާތީއެވެ. ދުވަހަކުވެސް އެފަދަ މީހެއްގެ ހިތް ނުފުރޭނެތީއެވެ.

މިއަދު މީހެއްގެ ގާތު ތިބާއަށް އުފާވެރިކަން ލިބޭނީ ކޮންކަމަކުންކަމާއިމެދު ސުވާލުކޮށްފިނަމަ ޖަވާބުގައި ބުނާނީ ދުނިޔަވީ ކޮންމެވެސްކަމެއްގެ ވާހަކައެވެ. ރީތިގެއެއް، އަގުބޮޑު ކާރެއް، އެންމެ ފަހުގެ މޯބައިލް ފޯނެއް، ތަނަވަސްކަން ފަދަ ކޮންމެވެސް ކަމެއްގެ ވާހަކައެވެ. ނަމަވެސް މިއިން ކޮނަމެ ކަމަކީވެސް ވަގުތީ ނިޢްމަތެކެވެ.

މިސާލަކަށް އެންމެ ފަހުގެ ފޯނެއް ބޭނުންވާ މީހާއަށް ފޯނެއް ލިބޭތަނުން އެއަށްވުރެ ފަހުގެ ފަހުގެ ފޯނެއް ނުކުމެއްޖެނަމަ ފަހުން ނުކުތް ފޯނަށް އެދެވެންފަށާނެއެވެ. އެކަމުން އެނގެނީ ދުނިޮޔަވީ ބޭނުންތައް ފުދުމުން ލިބޭ ހިތްހަމަޖެހުމަކީ ވަގުތީ އުފަލެއްކަމެވެ.

އަހަރެމެން ވިސްނަން ޖެހޭނީ ދާއިމީ އުފާވެރިކަމަށެވެ. ދާއިމީ އުފާވެރިކަމަށް އުންމީދުކުރާ މީހާގެ އަމާޒަކަށްވާންޖެހޭނީ ﷲ ތަޢާލާ އޭނާ ދުނިޔެއަށް ފޮނުއްވެވި މަޤްޞަދު ޙާޞިލުކުރަން މަސައްކަތްކުރުމެވެ. "އެގޮތުން ކީރިތި ޤުރްއާނުގައިވަނީ މީސްތަކުން ދުނިޔެއަށް ފޮނުއްވެވީ އެކަލާނގެއަށް އަޅުކަންކުރަން ކަމަށެވެ. ނަމަވެސް މިއާޔަތް ކިޔައިދީފިނަމަ ގިނަބައަކަށް އެއާޔަތްވަނީ ފޫހި އާޔަތަކަށެވެ. އެއީ އެއާޔަތުގެ މާނަ ރަނގަޅަށް ނުއެނގޭތީއެވެ.

އެ އާޔަތުގައި އެކުލެވިގެންމާނައަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެންކަމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް ޤުރްއާނުގައިވާ ފަދައިން ދުނިޔޭގައި އުޅެން ކަމެވެ. ޙަރާމްކުރެއްވެވި ކަންކަމާއި ކައިރިނުވެ، އެކަންކަން ނުކޮށް ދުނިޔޭގައި އުޅެންކަމެވެ.

މީސްތަކުންނޭވެ! ދުނިޔޭގައިވެސް ހިތްހަމަޖެހިގެން އުޅެވޭނީ އެ އާޔަތުގައިވާފަދައިން ޙަޔާތުގެ ދުވަސްތައް ވޭތިކުރާ މީހަކަށެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިނުވެ ދުނިޔޭގައި އުޅޭ މީހަކަށް އެމީހާ ބޭނުންވާ ކިތަންމެ ގިނަ ކަންތައްތަކެއް ޙާޞިލުކުރެވުނު ނަމަވެސް އެއްވެސް އުފާވެރިކަމެއް ނުލިބޭނެއެވެ. އަބަދުވެސް އުޅެން ޖެހޭނީ ކޮންމެވެސް ކަމަކާއި ކަންބޮޑުވެގެން ހާސްތަކެއްގެތެރޭގައެވެ.

މީސްތަކުންނޭވެ! ފާހިޝް ޢަމަލުތައް ފަދަ މުންކަރާތްތަކަށް އަރައިގަންނަ މީހާއަށް ވަގުތީ ހިތްހަމަ ޖެހުމެއް ލިބިދާނެއެވެ. ނަމަވެސް އެއިރުން އެއިންދެނީ ވިހަގަދަ އޮށެކެވެ. އެފަދަ އޮށްތަކުން ފަޅާ ގަސްތަކުގެ ޖަންގަލީގައި އުޅެން ޖެހޭ މީހަކަށް ދުވަހަކުވެސް ޙަޤީޤީ އުފާވެރިކަމެއް ނުލިބޭނެއެވެ. ދުނިޔޭގައި އެންމެ ތަނަވަހުގައި އުޅެމުންދާ މީހުންނަށް ހިތްދަތި ޙާލުގައި ދިރިއުޅެންޖެހެނީ އެހެންވެގެންނެވެ. އެއިގެ ބަދަލުގައި ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރުކޮށް، ﷲ ތަޢާލާ ބާވައިލެއްވެވި އިންތަކުގެ ތެރޭގައި ދިރިއުޅޭ މީހާ އަބަދުވެސް ހުންނާނީ ހިތްހަމަޖެހިގެން އުފަލުގައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން