ގިނަ ބައަކު ޛިކްރް ކުރެއެވެ. އެއީ ހަމަ އެންމެ މަތިވެރި އެއް އަޅުކަމެވެ. ނަމަވެސް ޢަމަލުން ކިޔަމަންތެރިއެއް ނުވެއެވެ. އަންގަވާފައިވާ ގޮތަށް އަޅުކަމެއް ނުކުރެއެވެ. ފާފަތައް ކުރެއެވެ. ޛިކުރުކުރުމުން ލިބެން އޮތް ޙަޤީޤީ ފައިދާ އެމީހުންނަށް ޙާޞިލުނުކުރެވެނީ ޢަމަލުން އެކަން ނުކުރެވޭތީކަމަށްވުން ގާތެވެ! ވީމާ ޢަމަލުތަކުން ކިޔަމަންތެރިކަން އަދާކުރުން އެއީ އެންމެ މުހިންމު ކަންތައް ކަމުގައި ހަދާށެވެ!
އެއްދުވަހަކު އަބޫ ޢުޘްމާން ދަރިވަރުންތަކަކާއިއެކު އިންނަވާފައި ކުއްލިއަކަށް ވިދާޅުވިއެވެ! " ﷲ ތައާލާ މިހާރު އަހުރެންގެމަތިން އެބަ ހަނދުމަފުޅު ކުރައްވަވައެވެ." އެހިނދު ދަރިވަރުންތައް ދިއައީ ސިއްސައިގެންނެވެ. އެއީ ﷲ ތަޢާލާ ކުރައްވަވާކަމެއް އަބޫ ޢުޘްމާނަށް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވުމުންނެވެ. އެނގިވަޑައިގެންނެވި ގޮތެއް ނުއެނގޭތީއެވެ!
އެހިނދު އަބޫ ޢުޘްމާން ވިދާޅުވިއެވެ. އަހުރެންނަށް އެކަން ޔަޤީންވަނީ ކީރިތި ޤުރްއާނުންނެވެ. ﷲ ތަޢާލާގެ ވަހީ ބަސްފުޅުންނެވެ." އެއަށްފަހު ކިޔަވައި ވިދާޅުވީ މި އާޔަތެވެ.
فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ
"ފަހެ، ތިއަބައިމީހުން ތިމަން ރަސްކަލާނގެ ހަނދުމަކުރާށެވެ! އެއިރުން ތިމަން ރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކރައްވަވާހުށީމެވެ. އަދި ތިމަން ރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރުކުރާށެވެ! އަދި ތިމަން ރަސްކަލާނގެއަށް ތިއަބައިމީހުން ކާފިރުނުވާށެވެ!"
(އަލްބަޤަރާ: 152)
އާޔަތް ކިޔަވައި ވިދާޅުވުމަށްފަހު ވިދާޅުވިއެވެ. "ޛިކްރް ކުރުމުގެ ޙަޤީޤީ ފައިދާ އެމީހަކަށް ކުރާނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް ޢަމަލުކުރާމީހުންނަށެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވާ އަޅުންނަށެވެ. ނޫންނަމަ (ޢަމަލުން ސާބިތުކޮށް ނުދެވޭނަމަ) ދުލުން ބުނެލާ ބަސްތަކަކާއި ހިތަށް އަރުވާ އެއްޗަކުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟"
މިއީ ހަމައެކަނި އަބޫ ޢުޘްމާނަށް އޮތް ފުރުޞަތެއް ނޫނެވެ. ހަމަ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެކެވެ.
މިއާޔަތުން އެނގިގެންދަނީ މީހަކު ﷲ ތަޢާލާގެމަތިން ހަނދުމަކުރާނަމަ އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅު ކުރައްވަވާނެކަމެވެ. "ފަހެ، ތިއަބައިމީހުން ތިމަން ރަސްކަލާނގެ ހަނދުމަކުރާށެވެ! އެއިރުން ތިމަން ރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކރައްވަވާހުށީމެވެ." އޮތުމުންނެވެ. ވީމާ އެވަނީ އެ ފުރުޞަތު އެންމެންނަށްވެސް ދެއްވަވައިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން