ފުރަތަމަ ކަމަކަށް ވިސްނައިލާށެވެ! މަލާއިކަތުން ﷲ ތަޢާލާގެ ޙަޖްރަތުގައި ކުރައްވަވާނެ ޛިކުރުގެ މަތިވެރިކަމަށެވެ. އެޛިކުރް އަހުރެމެންނަށްވެސް ވަނީ އަންގަވައި ދެއްވަވައިފައެވެ. މިކިޔައިދެނީ އެމަތިވެރި ޛުކުރުގެ ވާހަކައެވެ.
ކޮންމެ ދުވަހަކު ﷲ ތަޢާލާ މަލާއިކަތުންތަކެއް އުފަންކުރައްވަވަތެވެ. ކޮންމެ މަލާއިކަތަކުވެސް ތެދުވެވަޑައިގަންނަވަނީ لا حول ولا قوة إلا بالله ވިދާޅުވަމުންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން މެނުވީ އެއްވެސް ބާރެއް، އަދި ކުޅަދާނަކަމެއް ނެތްކަމާއި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށްކަން ހާމަކުރައްވަވަމުންނެވެ.
ސުވާލަކީ އަހުރެމެން އިންސާނުންނަށް މިކަން ޤަބޫލުކުރެވެނީ ކިހައިވަރަކަށް ހެއްޔެވެ؟ ޤަބޫލުކުރެވޭނަމަ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެ ކިޔަމަންތެރިނުވަނީ ކީއްވެގެން ހެއްޔެވެ؟
އަހުރެންނަށް އެނގިފައިވާ މިންވަރުންވެސް މިމަތިވެރި ޛިކުރު ކޮންމެ ދުވަހަކު ކިޔުމަށް ބަޔާންކުރައްވަވާފައިވާ 10 ޙަދީޘްފުޅުވެއެވެ. އެކަމުން އެނގެނީ ޛިކުރުގެ މަތިވެރިކަމާއި ކިޔުމުގެ މުހިންމުކަމެވެ. ކިޔުމުން ކުރާނެ ފައިދާއެވެ.
ވިސްނައިލާށެވެ! މިޛިކުރަކީ މުޖުތަމަޢުގެ އަދި ފަރުދުންގެ މެދުގައި ހުންނަ މައްސަލަތަކުގެވެސް ޙައްލެވެ. ސަބަބަކީ ހުރިހާ މައްސަލަތަކެއްވެސް އުފެދި ބޮޑުވެ ތަޅާފޮޅުމާއި ހަނގުރާމަތަކަށް ބަދަލުވަމުން މިދަނީ އަނެކާއަށްވުރެ ތިމާގެ ބާރުގަދަކަން ދައްކަން ވާދަކުރަން ހަދައިގެންނެވެ. ފިތުނަތަކުގެ އަޞްލަކަށްވަނީވެސް ހަމައެކަމެވެ.
ތިމާކުރަން އުޅޭ ކަމެއް ޙާޞިލްނުކުރެވުނަސް ވިސްނައިލަންވީ ތިމާގެ ކިބައިގައި އެއްވެސް ބާރެއް ނެތްކަމެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. ޙާޞިލްކުރަން ބޭނުންވާ ކަންތައް ޙާޞިލުކުރެވެން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ. އެކަލާނގެ އިރާދަކުރެއްވެވުމުންކަމެވެ.
ވީމާ މިއީ ހަމައެކަނި ޛިކުރެއްކަމަށް ބަލައިގެން ފުދޭކަށް ނެތެވެ. ދުނިޔެއާއި ޢާޚިރަތް ކާމިޔާބވުކުރަން ބޭނުންވާ މީހާއަށް އޮތް އެންމެ ބާރުގަދަ އެއް ހަތިޔާރަކީވެސް މިޛިކުރުކަމަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން