ސުވަރުގެ ލިބުމަށް އުންމީދުކުރާ މީހުންގެ ކިބައިން ފެންނަން ޖެހޭނެ ބައެއް ސިފަތައް!

ކިޔުމަށް ހޭދަވާނީ 3މ 42ސ
ސުވަރުގެ ލިބުމަށް އުންމީދުކުރާ މީހުންގެ ކިބައިން ފެންނަން ޖެހޭނެ ބައެއް ސިފަތައް!

ޢާއިޝަތު ރަފާޙް ޢަލީ

 

ސުވަރުގެ ވައްދަވާނީ އެއްވެސް ފާފައެއް ނުކުރާ މީހުންނެއް ނޫނެވެ. ފާފަކުރެވުމުން ތައުބާވެ ހެޔޮ ޢަމަލުތައްކޮށް ތަޤްވާވެރިކަންމަތީގައި އުޅުނު މީހުންނެވެ. އެހެންކަމުން ސުވަރުގެއަކީ ﷲ ތަޢާލާ އެކަލާނގެއަށް ތަޤްވާވެރިވި މީހުންނަށް ތައްޔާރުކުރައްވަވާފައިވާ ތަނެކެވެ. އިންސާނުންގެ ބުއްދިއަށް ނުގެނެވޭހާ ގިނަގުނަ ނިޢުމަތްތައް ﷲ ތަޢާލާ ވަނީ އެތަނުގައި ލައްވަވާފައެވެ. 

ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ޒުޚްރުފް ސޫރަތުގެ 71 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ ۖ وَفِيهَا مَا تَشْتَهِيهِ الْأَنفُسُ وَتَلَذُّ الْأَعْيُنُ ۖ وَأَنتُمْ فِيهَا خَالِدُونَ ﴿٧١﴾‏

މާނައީ: "އެއުރެންގެ ގާތުގައި ރަނުގެ ކަންވާރުތަކާއި، ތަށިތަކާއިގެން ބުރުޖެހޭނެތެވެ. އަދި އެތާނގައި ހިތްއެދޭ، އަދި ލޯތަކަށް އަރާމު ލިބިދޭ ހުރިހާ ތަކެތި ވެއެވެ. އަދި ތިޔަބައިމީހުން އެތާނގައި ދެމިތިބޭނެތެވެ."  

މިއީ މާތް ﷲ ގެ ރަޙްމަތްފުޅުން ސުވަރުގޭގެ އަހުލުވެރިންނަށް ދެއްވަވާފައިވާ ނިޢުމަތްތަކެކެވެ. މިފަދަ ރަޙްމަތެއް އެބައިމީހުންނަށް ދެއްވަވާފައިވަނީ އެބައިމީހުން ދުނިޔޭގެ ޙަޔާތުގައި އެހެން އަޅުތަކުންނާ ޚިލާފު ޞިފަތަކަކުން ޞިފަލިބިގެންފައިވާތީއެވެ. 

އެހެންކަމުން އޭގެ ތެރެއިން ބައެއް ސިފަތައް ތިރީގައި ތަފްޞީލުކޮށްލާނަމެވެ

·      ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވުން: ސުވަރުގޭގެ އަހުލުވެރީންގެ ސިފައަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ގަބޫލުކުރުމާއި، އީމާންވުމާއި، މަލާއިކަތުންނާއި، ފޮތްތަކާއި، ރަސޫލުބޭކަލުންނާއި، ޤަޟާ ޤަދަރާއި، ހުރިހާ ބަސްތަކާއި ޢަމަލުތަކެއްގައި އީމާންވުމެވެ.  

·      ނަމާދުކުރުން: ﷲ ތަޢާލާ މުއުމިނޫން ސޫރަތުގެ 1 އަދި 2 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. قَدْ أَفْلَحَ الْمُؤْمِنُونَ ﴿١﴾‏ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ﴿٢﴾‏ މާނައީ: "مؤمن ން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. (1) އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. (2) " ސުވަރުގޭގެ އަހުލުވެރިން ދުނިޔޭގެ ޙަޔާތުގައި ނަމާދުކުރަނީ ޚުޝޫޢަތްތެރިކަމާއެކު ހިތް ޙާޟިރުކޮށްގެންނެވެ. އެގޮތުން މާތްالله ދުޢާއާއި ޛިކުރުކޮށް އެކަލާނގެއާ ގާތްވަމުންދާ ކަމުގެ އިޙްސާސް ކުރެވެމުންނެވެ. މާނައަކީ ނަމާދުގައި ޚުޝޫއަތްތެރިވުމަކީ ވަގުތަށް ނަމާދު އަދާކުރުމާއި، އޭގެ ރުކުންތަކާއި ވާޖިބުތައް ރަނގަޅަށް އަދާކުރުމެވެ.   

·      ގިނަގިނައިން ތައުބާވުން: ﷲ ތަޢާލާ ތައުބާވާ މީހުންނަށް ސުވަރުގެ ލިބޭނެކަމަށް ވަޢުދުވެވަޑައިގެންފައިވެއެވެ. އެކަލާނގެ ޙަޟްރަތުން ޝަރަފާއި ނިޢުމަތުގެ ސަބަބުންނެވެ. ތައުބާވުމަކީ ކުރީގެ ފާފަތަކާއި ފާސިޤުވުންތަކަށް ދޫކޮށްލާ، ދީނުގައިވާ ވާޖިބުތަކާއި ފަރްޟުތައް ކުރުމަށް ޢަޒުމް ކަނޑައަޅާ އެކަން ކުރުމެވެ. 

·      ބޭކާރު ވާހަކަތަކާއި ޢަމަލުތަކުން ދުރުވެތިބުން: އެހެނީ އެއީ ފައިދާއެއް ނެތް ކަމެކެވެ.

ﷲ ތަޢާލާ މުއުމިނޫން ސޫރަތުގެ 3 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ ﴿٣﴾‏  މާނައީ: "އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ." 

ފަހެ ސުވަރުގެ ޙާޞިލުކުރުމަށް އެދޭ މީހުން އެމީހުންގެ ވަގުތުގެ ބޭނުން ހިފާނީ އެމީހުންނަށް ފައިދާއެއް ލިބޭ ކަންކަމުގައެވެ. ބޭކާރު ކަންކަމުގައި އެބައިމީހުން ދުރުހެލިވެއެވެ.

މިއަދު އޮންލައިން