ސުންނަތް ނަމާދުތަކުގެ ތެރެއިން ކޮންމެ ނަމާދަކީވެސް ވަރަށް މުހިންމު ނަމާދެކެވެ. އެނަމާދުތަކާއި ގުޅިފައިވާ ފައިދާތައް ވަރަށް ގިނައެވެ. މިރޭ މިބަލައިލަނީ ވިތުރިއަށެވެ.
ސުންނަތް ނަމާދުތަކުގެ ތެރެއިން ވިތުރިއަކީ އެނަމާދުކުރުމަށް ރަސޫލް ﷺ ވަރަށް ބޮޑަށް ބާރުއަޅުއްވަވާފައިވާ ނަމާދެކެވެ. ބާރު އެޅުއްވެވިވަރު ނިކަން ދެކިބަލާށެވެ! ވިތުރި އަކީ އެންމެ ފަހުން ކުރާ ނަމާދު ކަމުގައި ހެދުމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އަދި ވިތުރި ނުކޮށް ނުނިދުމަށްވެސް ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. އެކަމަށް ވަޞިއްޔަތްވެސް ވަނީ ކުރައްވަވައިފައެވެ.
އެންމެ ފަހުން ކުރާ ނަމާދަކީ ވިތުރިކަމަށް ހެދުމުގެ މާނަ އޮޅުވައި ނުލާށެވެ! ވިތުރި ކުރިންވެސް ކުރެވޭނެއެވެ. 2 ރަކްއަތުން ކުރަންވީއެވެ. ނަމަވެސް ރޭއަޅުކަން ނުވަތަ ތަހައްޖުދުނަމާދު ނަމާދުކުރާމީހާ ވިތުރީގެ އެންމެ ފަހު ރަކްޢަތް ކުރަންވާނީ ތަހައްޖުދު ނަމާދުކުރުމަށްފަހުގައެވެ. މާނައަކީ ރޭއަޅުކަންކުރާ މީހާ ވިތުރި އެމީހަކު ބޭނުންވަރަކަށް ކޮށްފައި ނިދުމަކުން މައްސަލައެއް ނެތެވެ. ފަހުން ހޭލެވުނީމާ މިބުނިމަގުން ޢަމަލުކުރާނީއެވެ.
އަހުރެންގެ ފުރަތަމަ ސުވާލަކީވެސް ތިބާ ﷲ ތަޢާލާ ދެކެ ލޯބިވަމު ހެއްޔެވެ؟ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވަޞިއްޔަތް ޤަބޫލުނުކޮށް ވިތުރް ނުކުރާ މީހަކަށް ތިމާއަކީ ﷲ ތަޢާލާ ދެކެ ލޯބިވާ މީހެއް ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟
ވިތުރި ކުރުން ލައްވަވާފައިވަނީ އެންމެ ފަސޭހައިންވެސް ކުރެވެން އޮތް ނަމާދުކަމުގައެވެ. އެހެނީ އެންމެ ރަކްޢަތެއް ކުރި ނަމަވެސް ވިތުރި ކުރެވުނީއެވެ. އެހެންކަމާއިއެކުވެސް މަދުވެގެން 3 ރަކްޢަތްކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. ﷲ ތަޢާލާއަށްޓަކައި އެންމެ ރަކްޢަތެއް ކުރަން ބޮޑާވެ ފަސްޖެހޭ މީހާ، ނުވަތަ އެއީ މުހިންމު ކަމެއް ކަމަށް ނުދެކޭ މީހާގެ ހިތުގައި ﷲ ތަޢާލާއަށް އޮންނާނީ ކޮން ލޯތްބެއް ކަމާއިމެދު ހަމަގައިމުވެސް އަހަރެން ސުވާލު އުފައްދަމެވެ.
ވިތުރި ކުރުމަށް މުޅި ރޭގަނޑު އެބަ ލިބެއެވެ. ޢިޝާ ނަމާދުގެ ފަހު ސުންނަތުގެ 2 ރަކްއަތުން ފެށިގެން ފަތިސް ނަމާދާއި ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ވިތުރި ކުރެވޭނެއެވެ. މިހައި ގިނަ ވަގުތު ލިބިގެންވުމުންވެސް މިހައި މުހިންމު ނަމާދެއް ނުކުރާނަމަ ދެން އިތުރަށް ބުނަން އޮތީވެސް ކީކޭ ހެއްޔެވެ؟
ދަމު ނަމާދަށް ހޭލެވޭނެ ކަމުގެ ޔަޤީންކަން އޮންނަ މީހުން ވިތުރި ނުކޮށް ނިދުމަކީ މައްސަލައެއް ނޫނެވެ. ދަމުނަމާދަށްފަހު ވިތުރި ކުރާނީއެވެ. އަދި ވިތުރި ކޮށްގެން އޮއްވައި ދަމު ނަމާދަށް ހޭލެވިއްޖެ ނަމަ ދަމު ނަމާދުކުރާށެވެ! އެއީ އެއްވެސް މައްސަލައެއް ނޫނެވެ.
ވިތުރި ކުރުމަކީ މިހައި މުހިންމު ކަމެއްކަން އެނގެން އޮތްއިރު ވިތުރީގެ އެންމެ 1 ރަކްޢަތް ނަމަވެސް ކުރަން އާދަކުރާށެވެ! ވިތުރިކުރުމަކީ ހަމައެކަނި ރަމަޟާންމަހު ކުރާ އަޅުކަމަކަށް ނުހަދާށެވެ! ވިތުރި ކުރަން އަންގަވާފައި އޮތީ ރަމަޟާންމަހު އެކަންޏެއް ނޫނެވެ. އަހަރުގެ ހުރިހާ ރޭތަކެއްގައެވެ.
- ޝައިޚް ސާލިމް އަލްއަމްރީގެ ދަރުސަކުން