ފާފަތައް ކުރެވުމުން އުފާވާ ބައަކު އުޅުނަސް ފާފަކުރެވުމުން ދެރަވެ ހިތާމަކޮށް އެކަންކަމުން އަރައިގަންނަން ބޭނުންވާ މީހުންވެސް މަދެއް ނޫނެވެ. އެހެންވެ އެކަމަށް އެހީތެރިކަން ލިބޭނެ ގޮތަކާއިމެދު ގިނަ ބައަކު ސުވާލުކުރާތީ މިގެނެސްދެނީ ފައިދާކުރާނެ ރަނގަޅު ފިލާވަޅަކަށް ފުދޭނެފަދަ ވާހަކައެކެވެ.
ފޮތް ހަރުގަނޑެއްގައި ހުރި ފޮތްތަކެއް ވެރުނެވެ. ފޮތްތައް ނަގަން ފެށީމެވެ. އެތަނުން އެއްފޮތަކީ ޤުރްއާނެވެ. ޤުރްއާނުން އެއިރު ފެންނަން އޮތް ގަނޑު ކިޔައިލީމެވެ. އެއީ 22 ވަނަ ސޫރަތުގެ 46 ވަނަ ޢާޔަތެވެ.
"ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް ނޫޅެނީހެއްޔެވެ؟ އެހެންނަމަ، އެއުރެން އެއިން ވިސްނައިހަދާނޭ ހިތްތަކެއް އެއުރެންނަށްވީހެވެ. ނުވަތަ އެއިން އެއުރެން އަޑުއަހާނޭ ކަންފަތްތަކެއް (އެއުރެންނަށް) ވީހެވެ. އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީއަކީނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ."
(އަލް ޙައްޖު: 46)
މިއާޔަތުގައި އެވަނީ އަހުރެންނަށް ކުރިމަތިވެފައިވާ މައްސަލަކަން އެނގުނެވެ. އެއީ ލޮލަށް ތަންތަން ފެނުނަސް ރަނގަޅު ނުބައި ވިސްނަން ނުއެނގުމެވެ. އެހައި ބޮޑު ތެދެއް ފެނުމުން ޤުރްއާނުގައިވަނީ ތެދުކަން ޤަބޫލުކުރަން ބޭނުންވިއެވެ. އެކަމަކުވެސް ޔަޤީނެއް ނުކުރެވުނެވެ.
އެހެންވެ ރަނގަޅު ގޮތް އަންގަވައި ދެއްވެވުމަށް ﷲ އަށް ދެންނެވީމެވެ. ދެން އަހުރެން ނިދީއެވެ. ނިދާފައި ހޭލެވުނުއިރު އަހަރެންގެ ހުރި ކަންބޮޑުވުންތައް ސިކުނޑިން ވަނީ ފިލައިފައެވެ. އަހުރެންނަށް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. އެކަންކަމުން އަހުރެންނަށް ޔަޤީންކުރެވުނީ އެއާޔަތުގައިވާ ފަދައިން އަހަރެންގެ ހިތް ސާފުވެ އަލިކަން ލިބުނީ ކަމަށެވެ.
މިއީ އަލަށް އިސްލާމްވި ޖޮރަމް ވޭން އޭނާ އިސްލާމް ސަބަބުކަމަށް ކިޔައިދީފައިވާ ވާހަކައިގެ ކުރު ޚުލާޞާއެކެވެ.
މީސްތަކުންނޭވެ! ޝައިޠޯނާގެ ބަހަށް ހެއްލެވި ފާފަތައް ކުރަން ފެށުމުން ހިތްދާނީ ކަނުވަމުންނެވެ. ހަމައެއާއިއެކު ލޮލަށް ފެންނަ ކަންކަމަށް ޝައުޤުވެރިކަން ދާނީ އިތުރުވަމުންނެވެ. މާނައަކީ ފާފަތައް ކުރާތަން ފެނުމުން ޝައުޤުވެރިކަން އިތުރުވެވޭނެއެވެ. ރީތި އަނހެްނުން ފެނުމުން ބޭނުންކޮށްލާ ހިތްބޮޑުވާނެއެވެ. ބައަކު ރާބޯތަން ފެންނައިރަށް ބޯން ބޭނުންވާނެއެވެ.
އަދި ލޮލަށް ނުފެނުނަސް ފާފަތަކަސް އަރައިގަތުމުގެ ޝައުޤުވެރިކަން ދާނީ އިތުރުވަމުންނެވެ. އެއީ ލޯމެދުވެރިކޮށް ޝައިޠޯނާ އޭނާއަށް ދޭ ވަސްވާސްތަކުގެ ސަބަބުންނާއި ހިތް ކަނުވުމުން ﷲ ތަޢާލާއަށް ބިރުވެތިވުން ފިލައިގެންދާތީއެވެ.
ވީމާ ފާފަކުރަން ބިރުވެތިވާށެވެ! އެކަމުގެ ސަބަބުން ހިތް ކަނުވިޔަ ނުދޭށެވެ! ހިތް ކަނުވެއްޖެ މީހަކަށް އެކަމުން ސަލާމަތްވުން ވާނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. އަލުން އިޞްލާޙްވުމަކީ ފަސޭހަކަމަކަށް ނުވާނެތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން