ފަށަމުން ފުރަތަމަ ބުނެލަން ބޭނުންވަނީ ﷲ ތަޢާލާގެ ދީނަށް ނަޞްރުދިނުމަކީ ކޮބައިކަމެވެ. އެއިގެ މާނައިގައި ޢިލްމްވެރިން ބަޔާންކުރައްވަނީ ދީން ކުރިއަރުވަން މަސައްކަތްކުރުން ކަމަށެވެ! އެއީ ހަމައެކަނި ހަނގުރާމަކުރުމެއް ނޫނެވެ. ތިމާ ދީނަށް ޢަމަލުކޮށް ނަމޫނާ ދެއްކުމަކީވެސް ދީނަށް ނަޞްރުދިނުން ކަމަށެވެ.
މިއީ ހަމަ ކޮންމެ މުސްލިމަކަށްވެސް ކުރެވެން އޮތް ކަމެކެވެ. ތިބާއަށްވެސް ކުރެވޭނެ އަދި ކުރަންވެސް އޮތް ކަންތަކެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
﴿7﴾ يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ
" އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް (އެބަހީ: ﷲގެ ދީނަށް) ނަޞްރު ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ޘާބިތު ކުރައްވާނެތެވެ."
(މުޙައްމަދު: 7)
މިއަދު ގިނަ ބައެއްގެ ލޯތަކުގައި މިވަނީ އަވިއައިނެއް އަޅާފައެވެ. އަވިއައިނު އެޅީމާ ވާނެގޮތަކީ ފެންނަ ހުރިހާ އެއްޗެއް ފެންނާނީ އަވިއައިނުގައިވާ ބިއްލޫރީގެ ކުލައިގައެވެ. މިޘާލަކަށް ފެހިކުލައިގެ ބިއްލޫރިނަމަ ފެންނާނީ ފެހިކުލައިގައެވެ.
ﷲ ތަޢާލާގެ ދީނާއިމެދުގައިވެސް ކަންކަން ވިސްނޭގޮތް މިދަނީ ބަދަލުވަމުންނެވެ. ގިނަބައެއްގެ ލޮލުގައި އައިނެއް ފަދައިން އެޅިފައިވަނީ އެމީހަކު ރުހޭ ކޮންމެވެސް މީހެކެވެ. ﷲ ތަޢާލާގެ ދީނަށް އެމީހަކު ކިތަންމެ ނުބައިކޮށް ކަންކަންކުރި ނަމަވެސް އެއީ ކަމަކަށް ނުވެއެވެ. އެކުރި ކަމަކަށްވުރެ ބޮޑަށް ބެލެވެނީ އެކަންކުރި މީހާއަށެވެ.
އެކަމުން އަންގައިދެނީ ތިބާއަކީ ﷲ ތަޢާލާއަށްވުރެ ބޮޑަށް ކޮންމެވެސް މީހަކު ދެކެ ލޯބިވާ މީހަކު ކަމެވެ. މިއީ ވަރަށް ބިރުހުރިކަމެކެވެ. ކޮންމެ މީހަކުވެސް ވާންޖެހޭނީ ﷲ ތަޢާލާއަށާއި އެކަލާނގެ ދީނަށް ނަޞްރުދޭ މީހަކަށެވެ. ﷲ ތަޢާލާގެ ދީން މަތިވެރިކުރަން މަސައްކަތްކުރާ މީހަކަށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކިތަންމެ ރުހޭ މީހަކުނަމަވެސް އެމީހަކީ ﷲ ތަޢާލާގެ ދީނާއި ޢަދާާވާތްތެރިއަކުނަމަ އެމީހަކާއި ދުރުހެލިވާށެވެ! ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރުން މަނާކުރަން މަސައްކަތްނުކުރާ އެކަންކަމަށް ހުރަސް ނާޅާ މީހުންނާއިއެކުގައި ނުވާށެވެ! ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ޢާންމުވަމުންދާއިރު، އެކަމަށް ރުހި ދެލޯމަރައިގެން ތިބޭ މީހުންނާއި ދުރުހެލިވާށެވެ! އެމީހުންނަކީ ޝައިޠޯނާގެ ބައިވެރިންނެވެ.
ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭށެވެ! ﷲ ތަޢާލާގެ ދީން މަތިވެރިކުރަން މަސައްކަތްކުރާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާ ނަޞްރު ދެއްވަވާނެތެވެ. މިއާޔަތުން އެނގިގެންދަނީ އެކަމެވެ. މިއާޔަތުގައި ﷲ ތަޢާލާ އެވަނީ އެކަމަށް ޔަޤީންކަން ދެއްވަވައިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން