ތިބާގެ މަސައްކަތުން ބައިވެރިޔާގެ ކަންކަން ރަނގަޅު މަގަށް ބަދަލުކުރެވިއްޖެނަމަ އެމީހަކަށް އެހޯދުނީ އުފާވެރި ދިރިއުޅުމެއްގެ އިތުރުން ޘަވާބު ފުނިވަރެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ތިބާގެ މަސައްކަތުން ބައިވެރިޔާގެ ކަންކަން ރަނގަޅު މަގަށް ބަދަލުކުރެވިއްޖެނަމަ އެމީހަކަށް އެހޯދުނީ އުފާވެރި ދިރިއުޅުމެއްގެ އިތުރުން ޘަވާބު ފުނިވަރެއް! އިން ޝާ ﷲ

މިހާރު މިކިޔާ ލޯބިވެގެން އުޅޭއިރު ބައިވެރިޔާގެ ކިބައިން އުނިކަންކަން ފާހަގަކުރެވޭނީ ވަރަށް މަދު މީހަކަށެވެ. ސަބަބަކީ ލޯބިވެގެން އުދުހޭއިރު ދެމީހުންވެސް ތިބޭނީ ޝައިޠޯނާގެ މަޅީގައި ޖެހިބާރުވެގެންކަމަށްވާތީއެވެ. އެހެންވެ ބައިވެރިޔާގެ ކިބައިގައި ހުންނަ ނުރަނގަޅު ކަންކަން ފާހަގަކުރެވެން ފަށާނީވެސް ކައިވެނިކުރެވުނީމައެވެ. 

ކައިވެނިކުރާ ފަހުން ބައިވެރިޔާއަކީ (ދެމީހުންކުރެ ކޮންމެ މީހަކު ނަމަވެސް) އަޚްލާޤީ ގޮތުން އެންމެ ނުބައި ސިފަތައްހުރި، އިޞްލާޙް ނުކުރެވޭނެ ސިފަތަކެއް ހުރި މީހަކުކަން އެނގިއްޖެނަމަ އެމީހަކާއިއެކުގައި އުޅުމަކަށް ނުބުނަމެވެ. ނުވެސް ބުނާނަމެވެ. 

އެހެނެއްކަމަކު ބައިވެރިޔާގެ ކިބައިގައި ހުންނަ ނުރަނގަޅު ސިފަތަކާއިމެދު ވިސްނައިލަންވެސް ވާނެއެވެ. އެފަދަ ސިފަތައްހުރި މީހަކު ބައިވެރިއަކު ކަމުގައި ތިބާއަށް ދެއްވެވީ ތިބާގެ ސަބަބުން އެމީހަކު އިޞްލާޙްވެ ހެޔޮލަފާ މީހަކުކަމުގައިވުމަށްކަމުގައިވެސް ވެދާނެއެވެ. މިހުންނަނީ ނުއެނގޭނެ ކަންކަމެވެ. 

ބައިވެރިޔާގެ ކިބައިގައި ނަމަވެސް ހުންނަ ނުރަނގަޅު ސިފަތައް އިޞްލާޙްކޮށް ހެޔޮލަފާ މީހަކަށް ހެދިއްޖެނަމަ، އަޅުކަން ނުކުރާ މީހަކު އަޅުކަންކުރާ މީހަކަށް ހެދިއްޖެނަމަ، ނުބައި ޢަމަލެއް ކުރާ މީހަކު އެކަމުން ސަލާމަތް ކުރެވިއްޖެނަމަ ﷲ ތަޢާލާ އެކަންކަމަށް ވަރަށް ގިނަ ޘަވާބު ދެއްވަވާނެތެވެ. 

މީގެ އިތުރުން ޒަވާޖީ ޙަޔާތުގެ ދުވަސްތަކުގައިވެސް ބައިވެރިޔާއަށް ނުރަނގަޅު ކަމެއް ކުރެވިއްޖެނަމަ ނަޞޭޙަތްދީ އިޞްލާޙްކުރަން މަސައްކަތްކުރާށެވެ. ޚާއްޞަކޮށް ނަމާދާއި ދުރުހެލިވުން ފަދަ ކަމެއް މެދުވެރިވެއްޖެނަމަ އިޞްލާޙުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. ކުރިންވެސް މިބުނި ފަދައިން އެއިރުން އެމީހަކަށް ﷲ ތަޢާލާ ވަރަށް ގިނަ ޘަވާބު ދެއްވަވާނެތެވެ. މީހަކު އިޞްލާޙްކުރިކަމުގެ ޘަވާބަކީ ގުނައި ޢަދަދުކުރެވޭނެ ކަމެއް ނޫނެވެ. 

އަދިވެސް ވިސްނާށެވެ! އެއްވެސް މީހަކަށް މަގުދައްކައިދީ އިޞްލާޙްކުރެވިއްޖެނަމަ އެމީހާ ކުރާ ހެޔޮ ޢަމަލުތަކުން ތިބާއަށްވެސް ޘަވާބުދެއްވަވާނެތެވެ. އެއީ ބައިވެރިޔާކަމަށްވީނަމަވެސްމެއެވެ. އިން ޝާ ﷲ 

މިކަންކަމަށް ވިސްނުމުގެ އިތުރުން ދަންނާށެވެ! ހުރިހާ ކަންކަން ފުރިހަމަ ހަމައެކަކުވެސް ދުނިޔެއަކު ނުވެއެވެ. ނުވެސް ހުންނާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން