ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އެހެން މީހުން ޙަސަދަވެރިވާނެ ރަނގަޅު ކަންކަމާއި ބަލިފައިވެސް ހުންނާނެއެވެ. އެންމެ މުހިންމު ކަމަކީ އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް އެއްވެސް މީހަކަށް އެނގުނަ ނުދިނުމެވެ. ތިބާގެ ސިއްރެއް ތިބާ ހާމަކުރުމުން ނޫނީ ހާމައެއް ނުވާނެއެވެ. އޮންނާނީ ސިއްރަކަށެވެ. އެކަމަކު އެސިއްރު ތިބާ އެހެން މީހެއްގެ ގާތުގައި ހާމަކޮށްފިނަމަ އެހިސާބުން ތިބާގެ އަތުން ބާރުތައް ގެއްލިގެންދާނެއެވެ. ބާރުތައް އޮންނާނީ އަނެކާގެ އަތުގައެވެ.
ސިއްރުކުރެވިފައިވާ ކަމެއް، ސިއްރެއްގެ ގޮތުގައި އޮއްވައި އެކަމުގެ ބޭނުންކޮށްގެން ގެއްލުންދޭން އެއްވެސް މީހަކަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެއީ އެމީހަކަށް އެކަންކަން ނުއެނގޭނެތީއެވެ. ވީމާ އަމިއްލަ ދިރިއުޅުމަށް ކިތަންމެ ކުޑަ ނަމަވެސް ގެއްލުމެއް ދެވޭނެ ފުރުޞަތު އެއްވެސް މީހަކަށް ނުދޭށެވެ.
މިބުނަނީ ކިތަންމެ ގާތް މީހަކަށް ނަމަވެސް ކޮންމެހެން އެނގެން ޖެހޭނެ މައުލޫމާތެއް ނޫނީ ތިމާގެ އަމިއްލަ ދިރިއުޅުމާއިބެހޭ ގޮތުން އެއްވެސް މީހަކަށް ނުދޭށެވެ! މީހުންނަށް ކިޔައިނުދޭނަމަ އެނގޭނެ ގޮތެއް ނުއޮންނާނެއެވެ. ނުއެނގޭކަމެއް ހުއްޓުވަން ނުވަތަ ގެއްލުންދޭން ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ.
އިންސާނުންގެތެރޭގައި އެހެން މީހުންނަށް ލިބޭ ނިޢްމަތްތަކަށް ދަހިވެތިވެ އެހެން މީހުންނަށް ލިބޭ އުފަލާއި ހިތްހަމަޖެހުމަށް ހަސަދަވެރިވާ އެކަންކަން ތިމާއަށް ފުރޮޅައިލަން ބޭނުންވާ ބައަކު އަބަދުވެސް ތިބޭނެއެވެ. އަދި ކޮންމެ މީހެއްގެ ގާތުގައިވެސް އެފަދަ ބައަކު އެކުވެރިންގެ ގޮތުގައިވެސް ތިބޭނެއެވެ.
ވީމާ މީހުންނަށް އަމިއްލަ ވާހަކަތައް ކިޔައިދިނުމުގައާއި ސޯޝަލްމީޑިއާގައި ހާމަކުރާއިރު މިކަންކަމަށް ވިސްނާށެވެ! އެކަންކަމަށް ވިސްނުމުގައި ފަރުވާކުޑަކުރެވިއްޖެނަމަ އެކަމުގެ ހިތާމަކުރަންޖެހުން ކައިރިވާނެއެވެ. ދިރިއުޅުމުގެ އެއްވެސް ކަމެއް ޝެއާކުރުމުގެ ކުރިން ފަހުން އެކަމާއި ހިތާމަކުރަން ނުޖެހޭނެކަން ޔަޤީންކުރާށެވެ.
- މުފްތީ މެންކުގެ ދަރުސަކުން