ސުވަރުގެ ލިބުން އެދޭ މީހާއަށް މުހިންމީ މާޒީއެއް ނޫން! މިއަދުން ފެށިގެން ކުރިއަށްއޮތްތަނުގަ ޢަމަލުކުރާނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ސުވަރުގެ ލިބުން އެދޭ މީހާއަށް މުހިންމީ މާޒީއެއް ނޫން! މިއަދުން ފެށިގެން ކުރިއަށްއޮތްތަނުގަ ޢަމަލުކުރާނެ ގޮތް!

މީސްތަކުންނޭވެ! އާޚިރަތް ކާމިޔާބުކުރެވުނުކަން ނުވަތަ ނޫންކަން އެނގޭނީ ޤިޔާމަތްދުވަހުގައެވެ. އެއިގެ ކުރިއަށް ނަމަ މަރުވުމުންނެވެ. އެއިގެވެސް ކުރިއަށް ޖެހިލާނަމަ ތިބާގެ ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން ލޮލަށް ފެނި ބައްދަލުވުމުންނެވެ. 

ތިބާގެ ފުރާނަ ހިއްޕެވީ ރަޙްމަތުގެ މަލާއިކަތުންކަން ނުވަތަ ޢަޛާބުގެ މަލާއިކަތުންކަން އެނގޭނީ ހަމަ ތިބާއަށެވެ. އެވަޤުތު ތިބާގެ އެންމެ ގާތުގައި ތިބޭ ބައަކަށްވެސް އެކަމެއް ނުއެނގޭނެއެވެ.  

އެހެނަސް ދުނިޔޭގެ ދިރިއުޅުން ކާމިޔާބުކުރެވުނު ނަމަ އެކަން ދުނިޔޭގައިވެސް ތިބާއަށް އެނގޭނެއެވެ. ބިލިއަނަރަކަށް ނުވެވުނަސް މިހުރީ ފުދިގެން ކަމުގެ ހިތްހަމަޖެހުން ލިބޭނެއެވެ. ބައިވެރިޔާއަކީ އެހެން މީހުންނަށް ރީތި މީހެއް ނޫނަސް ތިބާއަށް އެންމެ ރީތިމީހާ ކަމުގައި އިޙްޞާޞްކުރެވޭނެއެވެ!  

ދުނިޔެއާއި އާޚިރަތް ކާމިޔާބުވުމަށް އެދޭ މީހާ އެންމެ ހިނދުކޮޅަކުވެސް މިކަންކަމަށް ވިސްނުން ދުރުކޮށްގެން ނުވާނެއެވެ. ޢަމަލުކުރަން މަސައްކަތްކުރަންވާނެއެވެ. ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

އިޞްލާޙްވާން އެދޭ މީހުންނޭވެ! ހަޔާތުގެ ދުވަސްތައް ފާއިތުވަމުން އައިސް މިއަދާއި ހަމައަށް އުޅެވުނު ގޮތް ހަނދާން ނައްތައިލާށެވެ! ކުރިން ނުވިސްނުނީއެވެ. އެހަނަސް ތިމާގެ ދުނިޔެއާއި ބާއްޖަވެރިކުރުމާއި އޮތީ ތިމާގެ އަތްމަތީގައިކަން މިއަދު ތިބާއަށް ވިސްނިއްޖެއެވެ. މާޝާﷲ  

ސުވާލަކީ މިރޭގެ ނިދީން ހޭލެވުނީމާވެސް ތިބާ އުޅޭނީ ކުރިން އުޅުނު ގޮތަށް ހެއްޔެވެ؟ ނޫންނަމަ ޢަމަލުތައް އިޞްލާޙްކޮށް ދުނިޔެއާއި އާކިރަތް ބާއްޖަވެރިކުރަން މަސައްކަތްކުރާނީހެއްޔެވެ؟ ހަމަޔަޤީނުންވެސް ބުއްދިވެރިއަކުނަމަ ޢަމަލުތައް އިޞްލާޙްކުރާނެއެވެ. 

ޢަމަލުތައް އިޞްލާޙްކުރަން އެދޭމީހާ ފުރަތަމަވެސް ގޭތެރެއިން، އެންމެ ގާތުން ފަށާށެވެ! ބައިވެރިޔާއަށާއި ދަރިންނަށް ހެޔޮކޮށް ހިތާށެވެ! މައިންބަފައިންނަށާއި ޢާއިލާގެ މީހުނަށް ހެޔޮކޮށް ހިތާށެވެ. އެއީ ތިބާގެ މައްޗަށް އޮތް ފުރަތަމަ ވާޖިބެވެ. އެހެން މީހުންނަށް ހެޔޮކޮށް ހިތުން އަންނާނީ އެއިގެ ފަހަތުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން