އެކުގައި ދިރިއުޅެވޭނެ އެއްވެސް ގޮތެއް ފެންނަން ނެތިގެން ކައިވެނި ރޫޅައިލުމާއި ތިމާއަށް މޮޅުގޮތް ހޯދަން ކައިވެނި ރޫޅައިލުން މިއީ މުޅިން ތަފާތު ދެކަމެކެވެ. ވަރަށް ތަފާތު ދެ ޙާލަތެކެވެ. އެކުގައި ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނުފެނުމުން ރިވެތި ގޮތުގައި ކައިވެނި ރޫޅައިލުމަކީ ކުށެއް ނޫނެވެ. ނަމަވެސް ތިމާއަށް މޮޅުގޮތް ހޯދަން ކައިވެނި ޜޫޅައިލުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ކުށެވެ! އެކުށް އެމީހާގެ ފަހަތުން އައިސް އަރައިހަމަކޮށް ކުށަށް އަދަބުނުދީ އެމީހަކު ދޫނުކުރާނެތެވެ.
ދިރިއުޅެމުން އަންނައިރު ކޮންމެ ދުވަހަކުވެސް ކަންކަން ކުރިމަތިވާނެއެވެ. މައްސަލަތައްވެސް ޖެހޭނެއެވެ. ހަމަ ކަމެއް މެދުވެރިވާއިރަށް ވަރިވުމަކީ އަދި ވަރިކުރުމަކީ އެކަން ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތެއް ނޫނެވެ. ވަރިއާއި ހަމައަށް ދާންޖެހޭނީ އެކުގައި ދިރިއުޅުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަށްފަހު ދެން އެހެން ގޮތެއް ނުފެނިއްޖެނަމައެވެ.
އެކުގައި ދިރިއުޅެވޭނެ އެއްވެސް މަގެއް ނުފެނިގެން ނޫން ގޮތަކަށް ވަރިކުރާ މީހާ އާއި އެފަދަ ޙާލަތެއް ކުރިމަތިވެގެން މެނުވީ ވަރިވާން އެދޭ މީހާ އެދަނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތާއި ސީދާ ދެކޮޅަށެވެ!
ކައިވެނި ސަލާމަތްކުރަން މަސައްކަތްކުރަންޖެހޭނީ އެންމެ ފަހަރަކު ނޫނެވެ. އެތައްފަހަރަކުވެސް އެކަމަށް މަސައްކަތްކުރާށެވެ! ކުރާ ހުރިހާ މަސައްކަތްތަކެއް ފޭލްވެ ވަރިކުރުން ނޫން އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ ވަރިނުކުރާށެވެ! އަދި ވަރިވުމަށްވެސް ނޭދޭށެވެ. ދެން ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތްވަރަށް މަސައްކަތްކުރުމުންވެސް ކާމިޔާބު ނުކުރެވިއްޖެ ނަމަ ވަރިކުރުމަކީ އަދި ވަރިވުމަކީވެސް ރަޙްމަތެވެ!
މިބުނިފަދަ ޙާލަތު ކުރިމަތިވެގެން ކައިވެނި ރޫޅައިލަން ޖެހުނު ނަމަވެސް ރިވެތި ގޮތުގައި އެކަންކުރާށެވެ! އެކުވެރިކަމާއިއެކު ކައިވެނި ރޫޅައިލާށެވެ! އިޢާދަކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވިސްނި ރުޖޫޢަކުރަން ބޭނުންވި ނަމަވެސް ލޯތްބާއިއެކު ކުރިމަތިލެވޭނީ އެއިރުންނެވެ.
ފިރިމީހާއަށް ވުރެ ރަނގަޅުވާނެކަމަށް ބެލެވޭ އެހެން ފިރިހެނަކު ފެނިގެން، ފިރިމީހާއަށްވުރެ ރީތި އެހެން ފިރިހެނަކު ފެނިގެން އަދި އަނބިމީހާއަށް ވުރެ ރަނގަޅުވާނެކަމަށް ބެލެވޭ އެހެން އަންހެނަކު ފެނިގެން، އަނބިމީހާއަށްވުރެ ރީތި އެހެން އަންހެނަކު ފެނިގެން ވަރިކުރާކަށް އަދި ވަރިވާކަށް ނެތެވެ. އެއިރުން އެއަރައިގަނެވެނީ އަނެކާގެ އުފާތަކަށެވެ. އަނެކާއަށް އެދެވެނީ ބޮޑު އަނިޔާއެކެވެ. ބޮޑު ގެއްލުމެކެވެ. އެއްވެސް މީހަކަށް ދެރައާއި ހިތާމަ ދިނުމަކީ ކަނޑައެޅިގެން އަނިޔާވެރިވުމެވެ. އަނިޔާވެރިންނަށް މިދުނިޔޭގައިވެސް ލިބުން ގާތީ ހިތްދަތިކަމެވެ.
ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަން ކުރުމުން އުފާވެރިކަން ލިބޭނެ ކަމަށް ހީކުރާނަމަ އެކުރެވެނީ ވަރަށް މޮޔަކަމެކެވެ. ޙަޤީޤީ އުފާވެރިކަމެއް ލިބުން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންކަން ޔަޤީންކުރާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން